ފިޠުރު ޢީދު ދުވަހުގެ މާރާމާރީއާ ގުޅިގެން ފުލުހުން ހޯދަމުން ދިޔަ ގއ. ގެމަނަފުށި، ކެނެރީގެ، އަހްމަދު ނާޒިހު (27އ) ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ.
އޭނާ، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފުލުހުން އެދުނުނަމަވެސް 15 ދުވަސް ޖެހީ އޭނާ އާއި ވަކީލަށް ބައްދަލުނުވެވޭތީ، ދެ ފަރާތުން ބައްދަލުކުރުމަށް ފަހު ބަންދާމެދު ގޮތެއް ނިންމަން އެދިފައިވާތީއެވެ.
ނާޒިހު ބަންދުކުރި ކޯޓު އަމުރުގައި ތުހުމަތެއް ވުޖޫދުވާ މިންވަރަށް އޭނާއާ ދެކޮޅަށް ހެކި ލިބިފައިވާ ކަމަށާއި އެގޮތުން ތޫނު އެއްޗަކުން ބަޔަކަށް ހަމަލާދީ ޒަޚަމްކޮށްލުމުގައި އޭނާ ބައިވެރިވެފައިވާކަން، ހެކިންގެ ބަޔާނުންނާއި ސީސީޓީވީ ފުޓެޖުތަކުގެ ސްނެޕްޝޮޓްތަކުން އެނގޭ ކަމަށް ބުނެފައިވެއެވެ.
މިއަހަރުގެ ފިޠުރު ޢީދު ދުވަހުގެ މާރާމާރީއާ ގުޅިގެން ހޯދަން އިޢުލާންކުރި މީހުންގެ ތެރެއިން ފުލުހުން މީގެ ކުރިން ހައްޔަރުކޮށްފައިވަނީ، ތ. ތިމަރަފުށީ ސީނުގެ އަހުމަދު ޝިމްހާޒު އާއި މ. ލޮނުމިދިލިގެ ލޫތު އަހުމަދު އާސިފެވެ.
ފޮޓޯ އާއްމުކުރި މީހުންގެ ތެރެއިން މިހާތަނަށް ހޯދިފައި ނުވާ މީހުން:
ފިތުރު އީދު ދުވަހު މާލޭގައި ހިންގާފައިވާ ފުރަތަމަ މާރާމާރީ މާފަންނު ކޯރުކެނޑިމަގު، މާވެޔޮ މިސްކިތް ކައިރީގައި އެދުވަހުގެ ފަތިހު ހިންގިއިރު، އެ މާރާމާރީގައި 23 އަހަރުގެ ދިވެހި ދެ ފިރިހެނުން ވަނީ ޒަޚަމްކޮށްލާފައެވެ. ދެވަނަ މާރާމާރީ ހެންވޭރު އަސްރަފީ މަގުގައި އެދުވަހުގެ ހެނދުނު ހިންގިއިރު، އެ މާރާމާރީގައި ވެސް ދެ ޒުވާނަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފައެވެ.
ފުލުހުން މީގެ ކުރިން ބުނީ، އަސްރަފީ މަގުގައި ހިންގި މާރާމާރީ މައްސަލައާ ގުޅިގެން 15 އަހަރުގެ ކުއްޖަކާއި 18 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މާރާމާރީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އެކަކީ ގދ. ވާދޫ އުނިމާގެ ހަސަން ޒިޔާއު އިބްރާހިމް، 18އ އެވެ. އޭނާ ވަނީ ތަހުގީގު ނިމެންދެން ބަންދުކޮށްފައެވެ.