English Edition
Dhivehi Edition

ރަމަޟާން މަހާއި ހައްޖުމަހުގެ އަޅުކަމަށްފަހު އަންނަ އީދު ދުވަހަކީ މުޅި އަހަރު ދުވަހުވެސް އެންމެ އިންތިޒާރުކުރެވޭ އެންމެ ހާއްސަ ދުވަސްތަކެވެ. ކުޑަ އީދެކޭ، ބޮޑު އީދެކޭ ތަފާތެއް ނެތެވެ. އެ ދުވަހުގެ ހާއްސަކަމަކީ ހަމައެކަނި އީދަށް އާ ހެދުން ލުމެއް ނޫނެވެ. އޭރު އާ ހެދުން ލިބުނަސް އެ ހެދުން ލައިގެން ފަރިވާން ވަގުތު ނެތިގެން ބޮޑު ފޮށީގައި ރައްކާކުރުމަށްފަހު އަވަސްވެގަންނަނީ ދެން ހުރި ކަންތަކާއެވެ.އެހާވެސް އީދުކުޅިވަރުގެ ފޯރިއާއި އިޖުތިމާޢީ އެއްވުންތަކުގެ ފޯރި ގަދަވީމައެވެ. . އެހެންނަމަވެސް ޖަރީ ކުރި ދިވެހި ލިބާހާއި ތަކަހޮޅިއާއި ރުމާފަޅި އަޅައިގެން ގަހަނާ ގަހެއްހެން ނަލަވެ ޒީނަތްތެރި ވުމަކީ ދިވެހި ސަގާފީ އާދަކާދައާއި ރައްޓެހި އެހާމެ ގިނަ ބަޔަކު ކޮށް އުޅުނު ކަމެކެވެ. އެއީ ދިވެހިންގެ ދިވެހިވަންތަކަން އެންމެ ބޮޑަށް ރަމްޒުކޮށްދޭ އެއްކަން ވެސްމެއެވެ.

އީދު ދުވަހު ހެނދުނު އީދު ނަމާދުން ފައިބައިގެން، އީދު ސަލާވާތް ކިއުމާއި، އީދު ތަހުނިޔާ ކިޔުމަށް ފިރިހެންވެރިން ރަށުގެ ހުރިހާ ގެއަކަށް ދާނެއެވެ. ވަންނަ ކޮންމެ ގެއެއްގައި އީދު ސަލަވާތް ކިއުމަށްފަހު، ސައިބޯނެއެވެ. އަންހެންވެރިން ބަނދިގެ ތެރޭގައި ސައި ތައްޔާރުކުރުމަށް ހޭބޯނާރާ އުޅޭ އިރު، ކުކުޅު ކަތިލުމުގައި ފިރިހެނުންވެސް އެހާ ފޯރިއާއި އެކު ހަރަކާތްތެރިވާނެއެވެ. ކުޑަކުދިންތައް ކުކުޅު ކަތިލާ މަންޒަރު ބެލުމަށް ތައްޔާރުވެގެން ތިބޭއިރު، ކުކުޅަށް ފެން ދީ، ކަތިލާ ވަގުތަކީ ވަރަށް ގިނަ އިހުސާސްތައް ކުރުވާ ވަގުތެކެވެ. އެ ވަގުތު ކުކުޅުގެ ކަރު ބުރިކޮށްލުމުން އޭތި ސަލާމަތަށް އެދި ތެޅިފޮޅިގަންނަގޮތުން ހިތަށް ނުތަނަވަސްކަމެއް މެދުވެރި ކުރުވިޔަސް ، އެ މަންޒަރު ބެލުމަކީ ކުދިވެރިންނަށް މަޖާކަމެކެވެ. ބައެއް ފަހަރު އެ ފޯރި ބެލުމަށް ބޮޑެތި މީހުންވެސް ކުދިންނާއެކު ތިބެއެވެ.

ކޮންމެ ގެއެއްގައި ވެސް މެންދުރަށް ކުކުޅު ރިހަ އާއި ފެން ބަތް ކައްކާނެއެވެ. އަވަށްޓެރި ގޭގެއަށް ކާ ތަކެތި ދިނުމަކީ އޭރުގެ އާދެއެވެ. ބައެއް ފަހަރު އެންމެން އެއްވެ، ބޮޑު ޖާފަތެއް ތައްޔާރުކުރާއިރު، މުޅި ހިސާބުގަނޑު އެންމެން ޖަމާވެ، ހީ ސަމަސާކުރާ މަންޒަރަކީ އުފަލުން ފުރިގެންދާފަދަ މަންޒަރެކެވެ. މެންދުރު ކެއުމަށްފަހު ނަމާދުކޮށްލައިގެން އެންމެންވެސް ދެން ނިކުންނަނީ ފެންކުޅި ކުޅުމަށެވެ.. އޭރު އޮންނަ ގޮތުން މަގުމަތިންދާ ކޮންމެ މީހެއްގެ ގަޔަށް ފެންޖަހައެވެ. ކުޑަ އެއް ބޮޑެއް، ވަކި ޖިންސެއް ނޯވެއެވެ. ވަކި ރަށެއް ވަކި އަތޮޅެއް ނޯވެއެވެ. ފެންޖަހާ ސަރަހައްދުގައި އެކަކަށްވެސް ނުތެމި މަގު ހުރަހެއް ނުކުރެވޭނެއެވެ. ފެން ޖެހުމުގެ ޖޯޝާއި ފޯރި ޅަފުރައިގެ ނޫކަށި ޒުވާނުންގެ މެދުގައި ވަކިން ގަދައިރު، މި ފޯރީގައި، ވަޅަށް ލުމާއި ކުލަޖެހުމަކީވެސް ވަރަށް ގަޔާވެގެން ކޮށްއުޅޭ ކަމެކެވެ. ފެން ޖެހުމުގެ ފޯރި ގަދަވެ އާޚިރުގައި ވަޅު ދިޔަ ހިއްކަންޖެހޭ ހިސާބަށްވެސް ކަންތައް ދާފަހަރު އާދެއެވެ.

އީދު ދުވަހުގެ އަސުރު ނަމާދަށް ފަހު އަވަށްޓެރި އެންމެން އެއްތަންވެ ކުޅިވަރު ކުޅުމަކީ އޭރުގެ އާދެއެކެވެ. ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް މަގުމަތީގައި ކުރިއަށް ގެންދާ ކުޅިވަރު ހަރަކާތަކީ ފޯރި ގަދަ ހަރަކާތެކެވެ. މަގުމަތީގައި ދުއްވާ އެއްޗެހި މަދު އެ ޒަމާނުގައި އެއްވެސް ހިޔާލެއް ފިކުރެއް ނެތި ހުރިހާ އުމުރު ފުރައެއްގެ މީހުންވެސް މަޖާކޮށް ފޯރި ނަގަމުންދާ އިރު އީދު ދުވަހުގެ އެންމެ ހާއްސަ ކަމަކީވެސް އެއީ އެވެ. އިރުއޮއްސި ބަންގި ގޮވުމާއި ހަމައަށް ކުޅިވަރު ކުޅުމާއި ފެންޖެހުން ކުރިއަށްދާއިރު ބައެއް ފަހަރު އެންމެން އެއްކޮށް ސައިބުއިން ފަދަ، އެކުވެރިކަން އާލާވާ އެތައް ކަމެއް އެކަމުގެ ތެރޭގައި ޝާމިލުވެއެވެ.

ނަމަވެސް އެއީ މާޒީއެވެ. މިހާރު އެ މަންޒަރެއް ނުފެނެއެވެ. އެންމެންވެސް ދިރިއުޅުމުގެ އެކިކަންކަމާއި ‘ބިޒީ’ވެއްޖެއެވެ. މި ފަދަ ހާއްސަ ދުވަސްތަކުގެ ހާއްސަކަމެއް މިހާރަކު ނެތެވެ. މިހާރު މިއީ ހަމައެކަނި މާޒީގެ ފޮނި ހަނދާންތަކެކެވެ.