English Edition
Dhivehi Edition

  ނަލަފެހި ސިޓީއަކަށް އައްޑޫ ހެދުމަކީ ހަމައެކަނި ސިޓީކައުންސިލްގެ ޒިންމާއެއްނޫނެވެ. އެއީ މުޅިސިޓީއަށް ނިސްބަތްވާ އެންމެންގެ ޒިންމާއެކެވެ. ސިޓީއަށް ޒިޔާރަތްކުރާ މީހުންގެ ޒިންމާއެކެވެ. އައްޑޫގެ ހިތްގައިމު ޖައްވާމެދު އަޅުގަނޑުމެން ފަޚުރުވެރިވަމުއެވެ. ދޮންދީނިތައް އަޅުގަނޑުމެންގެ ބޯމަތީގައި ތިބެގެން އުފާކޮށްދޭތީއެވެ. އައްޑޫގެ ބިމާމެދު ފަޚުވެރިވަމުއެވެ. މުއްސަނދި ސަގާފަތަކާއި، ތާރީޚެއް އޮތީމައެވެ. އިލްމުވެރިންގިނަ ފަސްގަނޑަކަށް ވީތީއެވެ. ސާފުތާހިރު ކަމަށް ލޯބިކުރުމަށް މާތްވެގެންވާ އިސްލާމްދީން ބާރުއަޅުއްވާ ކަމަށް އެބޭފުޅުން އަޅުގަނޑުމެންނަށް ވިދާޅުވެ ދެއްވައެވެ. ސާފުތާހިރު ކަމަށް އެދީން ބާރުއަޅުއްވައިފައިވާއިރު ހަމައެކަނި އަޅުގަނޑުމެންގެ ގައިމަތި ތާހިރުކޮށްގެން ވާހަކަށްނެއެވެ. ތިމާއުޅޭ ކޮޓަރިން ފެށިގެން މުޅި އަވަށް ނުވަތަ މުޅިސިޓީވެސް ސާފުތާހިރު ކުރަން އެބަޖެހެއެވެ. އައްޑޫސިޓީ ކައުންސިލުންވަނީ ކުނިއެޅުންމަނާ ސަރަހައްދުތައް ފާހަގަކޮށް ބޯޑުތަކެއް ހަރުކޮށްފައެވެ. އަދި ބައެއް ސަރަހައްދު ތަކުގައި ޑަސްބިންތަކެއް ބަހައްޓައިފައެވެ. ކުނިއުކާނެ ސަރަހައްދެއް (ކުނިގޮނޑު) ގާއިމް ކޮށްފައެވެ. އެހެންވީމާ ސިޓީކައުންސިލަށް އެއްބާރުލުންދީ އެންމެން އެއްކައްޗެއް ކިޔައިގެން މިސިޓީ ސާފުތާހިރު ތަނަކަށް ހަދަން ވެއްޖެއެވެ. ސިޓީކައުންސިލުން ހަމައެކަނި ޑަސްބިންތަކެއް ބަހައްޓައިގެން ފުއްދާލެވޭކަށްނެތެވެ. ޑަސްބިން ފުރުނީމައި އެ ނެގޭނެ އިންތިޒާމެއްވެސް ހަމަޖައްސަން އެބަޖެހެއެވެ. އެ ފުރުނީމައި އުކާނުލެވި އެތައް ދުވަހެއް އެބަދެއެވެ. މި ސިޓީގައި ސަރުކާރުގެ މުއްސަސާތައް ނެތީއެއްނޫނެވެ. ހައުސިން މިނިސްޓްރީގެ އޮފީހެއް އެބަހުއްޓެވެ. އެމްއާރުޑީސީއާއި ވެމްކޯގެ އޮފީސްވެސް އެބަހުއްޓެވެ. މިތަންތަން މެދުވެރިކޮށް ގަވާއިދުން ޑަސްބިން އުކާނުލެވޭ ކަމަށްވާނަމަ އެއީ ދެރަކަމެކެވެ. ހަމައެކަނި ހިތަދޫ ސްވިމިން ޓްރެކް ސަރަހައްދުގައި ބަހައްޓާފައިވާ ދެ ޑަސްބިން ދުށީމުހެއްޔެވެ؟ އަބަދު ހުންނަނީ ފުރިބަންޑުންވެފައެވެ. ހުސްކޮށް ހުންނަ އެއްވެސް ފަހަރަކާ ދިމައެއް ނުވެއެވެ. ޑަސްބިން ފުރޭއިރަށް ހުސްނުކުރެވޭ ކަމަށްވާނަމަ އޭގެ ބޭނުމެއްނެތެވެ. އެ ބެހެއްޓުމުގެ މަގުސަދު ހާސިލެއް ނުވެއެވެ. ހިތަށްއެރިހާ ދުވަހަކުން އެ އުކައިގެންވެސް ކަމަކުނުދާނެއެވެ. ގަވާއިދުން ވަކިއުސޫލެއްގެމަތިން އުކާނުލެވޭ ކަމަށްވާނަމަ ހަގީގީ ސާފުތާހިރު ކަމެއް ނުފެންނާނެއެވެ. ނުވަތަ އެންމެން މިކިޔާ ބޮޑުމަންޒަރު ނުފެންނާނެއެވެ. ކުނިއުކާލުން މަނާ ބޮޑުތައް ހަރުކޮށްފައި ހުއްޓަސް އަދިވެސް ކުނިއުކާ މީހުން އުކަނީއެވެ. އެވަރުން ނުވެގެން މޫދަށްވެސް އުކަނީއެވެ. މިއީ ހާދަހާވާ ދެރަކަމެކެވެ. ތިމާމެން ދިރިއުޅޭ މާހައުލު އަމިއްލަ އަތުން ހަޑިކުރަނީއެވެ. ނުތާހިރު ކުރަނީއެވެ. މުޑުދާރު ކުރަނީއެވެ. ތިމާވެށީގެ މައްސަލަތަކާ ގުޅިގެން ބައިނަލްއަގުވާމީ ފެންވަރުގައި އަޑުހަރުކުރާ ގައުމެއްގައި ހިމެނޭ ސިޓީއެއްގެ މީހުން މިކަންކަމަށް ވިސްނައި އަމަލުނުކުރާ ކަމަށްވާނަމަ “ދުނިޔޭގެ ކަންފަތް” ދަށުގައި ކިތަންމެ އަޑުގަދަކުރިޔަސް ވާނެ ފައިދާއެއްނެތެވެ. އެހެންވީމާ މި ސިޓީ ކުނިވުމުގެކުރިން ސާފުކުރަމާ ހިނގާށެވެ. އެއްވެސް ބަޔަކު އިސްތިސްނާ ނުވާގޮތަށް އެންމެން ގުޅިގެންނެވެ.