English Edition
Dhivehi Edition
ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް - ފޮޓޯ: ނިއުސް ކަރްނާޓަކާ

އައްޑޫ ސިޓީ ހިތަދޫގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމައިފިއެވެ.

މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 59 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާއިރު، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް މި މަހުގެ 25ވަނަ ދުވަހު ކޯޓުން ވަނީ އަމުރުކޮށްފައެވެ. ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ އެކުއްޖާގެ ކާފަ ހައްޔަރު ނުކޮށް، ކުށެއް ނެތް މީހަކަށް ޖަލުގައި އަނިޔާދެމުންދާ ކަމަށް ބުނެ ހިތަދޫގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ.

މި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމާފައިވާކަން ހާމަކޮށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރޭ ވިދާޅުވީ މައްސަލައާއި ގުޅުން ހުރި ވާހަކަތައް އެކި ގޮތްގޮތަށް ދެކެވޭތީ ކަމާބެހޭ އިދާރާތަކުން މި ކަމުގެ ހަޤީގަތް އޮޅުން ފިލުވުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމެޓީގެ ބައްދަލުވުމެއް މިއަދު ބާއްވާ ދިނުމަށް އެދެފައިވާނެ ކަމަށެވެ.

މިއަދު ބައްދަލުވުން ބާއްވައި ދެއްވާނެ ކަމަށް ކޮމެޓީގެ ޗެއާޕާސަން، ޖީހާން މަޙްމޫދު ޔަޤީންކަން ދެއްވާފައިވާކަން ހާމަކޮށް ރޮޒައިނާ ވިދާޅުވީ މިހާރު ވެސް މިކަމާބެހޭ މައުލޫމާތު ލިޔެކިޔުމުން ހޯދުމަށް ކޮމެޓީގެ އެންމެ ފަހުގެ ބައްދަލުވުމުން ނިންމާފައިވާކަމަށެވެ.

މިކަމުގެ ހައްސާސް ކަމުން ކަމާބެހޭ އިދާރާތައް މަޖިލީހަށް ވަޑައިގެން މަޢުލޫމާތު ދެއްވައި ރައްޔިތުންގެ ހުރި ކަންބޮޑުވުން ތަކަށް ވަގުތުން ޖަވާބު ލިބުމަކީ ވަރަށް މުހިއްމު ކަމެއްކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ އެއްވެސް ކުށެއް ނެތް މީހަކަށް އެންމެ ހިނދުކޮޅަކު ވެސް ނުހައްޤުން އަދަބެއް ލިބުމަކީ އެދޭ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ މިކަމުގެ ހަޤީގަތް ރަނގަޅަށް އޮޅުން ފިލުވުމަކީ މުހިއްމުކަމެއް ކަމަށާއި މި ވަގުތު އެއްބަޔަކު މިކަން ސިޔާސީކޮށް، މިނިސްޓަރު ފައްޔާޒުގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވަމުންދާކަމަށެވެ.އަދި މިއީ ވަރަށް ހިތާމަ ހުރި ކަމެއްކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ މި ފަދަ ހައްސާސް މައްސަލަތައް ސިޔާސީ ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.