English Edition
Dhivehi Edition

ނައިބު ރައީސް ފައިސަލް ނަސީމް ދެ ދުވަހުގެ ދަތުރުފުޅެއްގައި ފުވައްމުލައް ސިޓީއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ނައިބު ރައީސް ފުވައްމުލައް ސިޓީއަށް ފުރާވަދައިގެންނެވީ މިއަދު ކަމަށެވެ. އަދި މިދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މި މާރޗު މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

އެހެންނަމަވެސް މި ދަތުރުފުޅާއިބެހޭ އިތުރު މަޢުލޫމާތެއް ހާމަކުރައްވާފައެއް ނުވެއެވެ.

ނައިބު ރައީސް ފުވައްމުލައް ސިޓީއަށް މިއަދު ފުރާވަޑައިގެންނެވިއިރު، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އައްޑޫ ސިޓީއާއި ފުވައްމުލައްސިޓީ އަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވާނެ ކަމަށް ވެސް ރައީސް އޮފީހުން އިއްޔެ ވަނީ ހާމަކުރައްވާފައެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި ރައީސް ސާލިހުގެ މިދަތުރުފުޅުގައި ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ ގަމާއި، ހިތަދޫ، މަރަދޫ، މަރަދޫ-ފޭދޫ، ފޭދޫ އަދި ހުޅުމީދޫ އަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި ނެޝަނަލް އެކަޑަމީ އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވައި ދެއްވުމާއި ބިން އިތުރު ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމާއި އައްޑޫސިޓީގެ މަގުތައްހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން ހިމެނޭ ކަމަށް ވެސް ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ. އަދި މަރަދޫ އާއި މީދޫ ގެ ބަނދަރު ހުޅުވައިދެއްވުމާއި ހިތަދޫ މަސްޖިދް އިބްރާހީމް ހުޅުވައިދެއްވާ، އައްޑޫސިޓީ ހުޅުމީދޫގައި ޢިމާރާތްކޮށްފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރ ހުޅުވައިދެއްވުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ރައީސް އައްޑޫއާއި ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވާނީ މާރޗް 28 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޑޫއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް އައްޑޫގެ ބައެއް ސަރަޙައްދުތައް ބަންދުކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް ގަން ޕޮލިސް ސްޓޭޝަންގެ އިންޗާޖް، ކޮމާންޑަރ ޢަބްދުﷲ އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

އެގޮތުން މާރޗް 24 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން އެ ރޭ 9:30 އަށް ގަމަށް އަރަން ހުއްދަ ދެނީ ފުރާ މީހުންނަށާއި ދައުވަތު ދެވިގެން ގަމަށް ދާ މީހުންނަށް އެކަންޏެވެ. އަދި އެ ދުވަހުގެ ރޭގަނޑު 9:00 އިން 22:30 އަށް ހިތަދޫ ސިޓީ ކައުންސިލް މަގު ބަންދުކުރާގޮތަށް ހަމަޖެހިފައިވެއެވެ.

އެހެންވެ މަގު ބަންދު ކުރާ ވަގުތުތަކުގައި ޢާއްމުންގެ އެއްބާރުލުން ދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.