English Edition
Dhivehi Edition

ފިރިހެންމީހާ ގޭގެ ޒިންމާތަކުގައި ހިއްސާވާނަމަ ހަމަހަމަކަމަށް ހުރި ހުރަސްތައް ނައްތާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ އެކަން އެގޮތަށް ކުރެވިއްޖެނަމަ އަންހެން މީހާ އުފުލަން ޖެހޭ ބުރަ ޒިންމާތައް އިންސާފުވެރިކަމާއެކު ކުޑަކުރެވޭނެކަމަށެވެ. އަދި ނިންމުންތައް ނިންމުމުގާ އަންހެނުންގެ ފުރިހަމަ ބައިވެރިވުން އޮންނަންޖެހޭ މައިގަނޑު ސަބަބުގެ މައްޗަށް ވެސް ވަނީ އަލިއަޅުވާލައްވާފައެވެ.

“ފިރިހެނެއްގެ ނަޒަރުން ވިސްނިފައިނުވާ ތަޖުރިބާ ކޮށްފައިނުވާ އެތައްކަމެއް އަންހެނެއްގެ ނަޒަރުން ވިސްނައި، ކަންކަން ނިންމުމުގައި އެކަންކަން ޙިއްޞާވެގެން ދިއުން. ހަމައެހެންމެ، އަންހެންވަންތަކަން މަތީތިބެ މުޖުތަމަޢުގެ ތަރައްޤީގައި ބަސްބުނުމަށް ޖާގަދިނުމަށާއި އަގު ވަޒަން ކުރުމާއި އަދި ވަޒީފާ އަދާކުރަމުން ގޭގައި ޒިންމާއަދާކުރާއިރު އެޒިންމާތައް ނެގުމުގާ ފިރިހެނުންގެ ހިއްސާވުމަށް ކުރެވޭ ވަކާލާތުތަކެއް.” ފަޒުނާ ވިދާޅުވިއެވެ.

ރޭ ބޭއްވި ޖަލްސާގައި ވަނީ މިއަހަރު ރެހެންދި އެވޯޑް ހާސިލުކުރި 9 ފަރާތާ އެވޯޑް ހަވާލުކޮށްދެއްވާފައެވެ. މި އެވޯޑުތައް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި މި އެވޯޑް ހާސިލުކުރެއްވި ފަރާތްތަކަށް ބްރޫޗް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން އިފްތިތާޙް ކޮށްދެއްވާފައެވެ.

ރެހެންދި އެވޯޑަކީ ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި ރާއްޖޭގެ ޤައުމީ ތަރައްޤީއާ ލާބަޔާ މަންފާއަށް އަދި ދިވެހި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރު ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެވޯޑެކެވެ.

2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެމުން އަންނަ މި އެވޯޑް، ފާއިތުވި 9 އަހަރުގެ ތެރޭގައި 55 ފަރާތަކުން ހާސިލުކޮށްފައިވެއެވެ.