English Edition
Dhivehi Edition
ޢަބްދުﷲ ފާރޫޤް ޙަސަން

ގުލްޒާރު އަޙްމަދަކީ ކުރީގެ ކްރިސްޓިއަންފާދަރެކެވެ. 27 މާޗް 2004 ގައި އޭނާވަނީ އިސްލާމްވެވަޑައިގެންފައެވެ. އޭނާ އިސްލާމްވެވަޑައިގެންނެވި ގޮތާބެހޭގޮތުން އޭނާވަނީ ވާހަކަދައްކަވައިފައެވެ. އެވާހަކަފުޅުގައި އޭނާވަނީ ކްރިސްޓިއަންދީނުގައިހުރި އުނިކަންތައްތަކާ ބެހޭގޮތުންވެސް ޢިލްމީގޮތުން އަލިއަޅުއްވައިލައްވައިފައެވެ. ތިރީގައިމިވަނީ އޭނާ ދެއްވައިފައިވާ ބަސްދީގަތުމުގެ ތަރުޖަމާއެކެވެ.

-އެންމެ ފުރަތަމަ ކަލާގެ ކުރުތަޢާރުފެއް ދެއްވަފާނުތޯއެވެ؟

* އިންޑިޔާއާއި ޕާކިސްތާނު ބައިކުރެވުނު ދުވަސްވަރު އަޅުގަނޑުގެ ކާފަ ޕާކިސްތާނަށް ހިޖްރަކުރެއްވީ އިންޑިޔާގެ ޖާލަންދަރުންނެވެ. އޭނާ އަވަހާރަވީ 1949 ގައެވެ. އަޅުގަނޑުގެ ބައްޕަ އޮގަސްޓިން ސަރުދާރު ޕާލަކީ މިލްތާނުގެ ޕްރޮޓެސްޓަންޓް ޗާޗެއްގެ ފާދަރެކެވެ. އަޅުގަނޑު ދުނިޔޭގެއަލިކަން ދުށީ 1 ޖެނުއަރީ 1952 ގައެވެ. އަޅުގަނޑުގެ ނަމެއްކަމުގައި ހަމަޖެހުނީ ގުލްޒާރު އޭ.ޕާލެވެ. އަޅުގަނޑު މެޓްރިކްފާސްކުރީ މިލްތާނުގެ ބޯސަން ހައި ސްކޫލުން (ސަރުކާރުގެ ސްކޫލެއް) ނެވެ. އެސްކޫލް ފަހުންވަނީ ކޮލެޖަކަށް ބަދަލުކުރެވިފައެވެ. އަޅުގަނޑު އެފް.އޭ. ނިންމީވެސް އެކޮލެޖުންނެވެ. ބީ.އޭ ފާސްކުރީ ގަވަރންމަންޓް ކޮލެޖް މިލްތާނުންނެވެ. ބީއޭ ފާސްކުރުމަށްފަހު އަޅުގަނޑު ދިޔައީ އެޓިކަށެވެ. ކްރިސްޓިއަންދީނުގެ ތަޢުލީމުން (ޢުލޫމުއިލާހިއްޔާތު) ގްރެޖުއޭޓް ކޯހެއް (B.TH) ފުރިހަމަކުރުމަށްޓަކައި އަޅުގަނޑުވަނީ އެޓިކުގެ ޒެޑް.ބީ.އައި ސިމޭޒީއަށެވެ. ބީ.ޓީއެޗް ފާސްކުރުމަށްފަހު 1972 ގައި ކޮއެޓާގެ ޕެންޓި ކޮސްޓަލް ޗާޗެއްގައި ފާދިރީއެއްގެ ޙައިޘިއްޔަތު ޚިދުމަތްކުރީމެވެ. އެއް އަހަރުވަންދެން އެތާނގައި މަސައްކަތްކުރީމެވެ. އެއަށްފަހު އަޅުގަނޑު ބަދަލުކުރެވުނީ ޑޭރާޣާޒީޚާންގެ ކްރިސްޓިއަން އިދާރާއެއް ކަމުގައިވާ “ދި ބޭސިކް އިންފޮރމޭޝަން ފޮރ ބައިބްލް” ގެ މެނޭޖަރަކަށެވެ. އަޅުގަނޑު އެތާނގައި ހަތަރު އަހަރު ހޭދަކުރީމެވެ. ކްރިސްޓިއަނިޓީގެ އިލާހިއްޔާތާބެހޭ ޢިލްމުން މާސްޓަރސް ޑިގްރީ (M.TH) ހޯދުމަށްޓަކައި އަޅުގަނޑު ނަންނޯޓުކުރީ ގޯދިރާންވާލާގެ ސިމޭޒީގައެވެ. އެ ސިމޭޒީއަށް ކޮންމެދުވަހަކު ދާކަށެއްނުޖެހެއެވެ. އެހެންކަމުން ވަޒީފާވެސް އަދާކުރަމުން ގެންދިޔައީމެވެ. 1981 ގައި އަޅުގަނޑު އެނބުރި އައީ ލާހޫރަށެވެ. 1982 ގައި އަޅުގަނޑު ވަނީ ޕަންޖާބު ޔުނިވަރސިޓީއަށެވެ. އިސްލާމިއްޔާތުން އެމް.އޭ. ނެގުމަށްޓަކައެވެ. އަޅުގަނޑަށް އެމް.އޭ ލިބުނީ 1984 ގައެވެ. އަޅުގަނޑު އިސްލާމިއްޔާތުން މާސްޓަރސްއަށް ކިޔަވަމުން ގެންދިޔައިރު 1983 ގައި އަޅުގަނޑު ވަޒީފާއެއްވެސް އަދާކުރީމެވެ. ސެވެންތްޑޭ އެޑްވެންޓިސްޓް ޗާޗުގެ ދަށުން ހިނގާ އިދާރާއެއްކަމުގައިވާ “ޕާކިސްތާނު ހޯމް އެންޑް ހެލްތް ސަރވިސް” އިން މަހަކު އެއްފަހަރު ނެރޭ މަޖައްލާއެއް ކަމުގައިވާ “ޞިއްޙަތު” ގެ ސާރކިއުލޭޝަން ޑިޕާޓްމަންޓުގައެވެ. އަޅުގަނޑު މަސައްކަތްކުރީ މެނޭޖަރެއްގެ މަޤާމުގައެވެ. އެމް.ޓީއެޗް ގެ ތީސިސްގައި އަޅުގަނޑުގެ މައުޟޫޢަކީ “ކްރިސްޓިއަނިޓީއާއި ދުނިޔޭގެ އެހެނިހެން ދީންތައް” މި މައިގަނޑު ނަމެވެ. އެހެންކަމުން އެހެނިހެން ދީންތައް މުޠާލިޢާކުރަންވެސް ވަރަށް ރަނގަޅަށް ފުރުޞަތު ލިބުނެވެ. 1984 ގައި އަޅުގަނޑަށް އެމް.ޓީއެޗްގެ ސަނަދުވެސް ލިބިއްޖެއެވެ. ސެވެންތްޑޭ އެޑްވެންޓިސްޓް ޗާޗްގައި ވަޒީފާ އަދާކުރަމުން ގެންދިޔައިރު އަޅުގަނޑު ކޯޓްލަކްޕަތުގެ ޗާޗެއްގައިވެސް ފާދިރީއެއްގެ ޙައިޘިއްޔަތުން މަސައްކަތްކުރީމެވެ. އޭގެ އިތުރަށް ޕާކިސްތާނު އެޑްވެންޓިސްޓް ސިމޭޒީ (ފާރޫޤް އާބާދު) ގައި ފަސް އަހަރު ވަންދެން ކްރިސްޓިއަންދީނުގެ އިލާހިއްޔާތުގެ ޢިލްމު ކިޔަވައިދިނީމެވެ. ސެވެންތްޑޭ އެޑްވެންޓިސްޓް އިދާރާގެ އެހީއާއެކު 1988 ން 1991 އަށް ޖަރުމަނުގެ ސްޓޮކްގާޑުގެ އިންޓަރނޭޝަނަލް ގޮސްޕެލް ޔުނިވަރސިޓީން ތަޢުލީމު ޙާޞިލުކުރީމެވެ. ޢުލޫމު އިލާހިއްޔާތު ރޮނގުން އަޅުގަނޑު Mphil ހޯދީ އެ ޔުނިވަރސިޓީންނެވެ. އަޅުގަނޑުގެ މަންމައަކީ ގެވެހި އަންހެނެކެވެ. އަޅުގަނޑުމެންގެ އެއްބަނޑު އެއްބަފާ ހަތްބީނުން ތިބެއެވެ. ހަތަރު ފިރިހެން ކުދީންނާއި، ތިން އަންހެން ކުދީންނެވެ. ޢާއިލާގެ އެންމެ ދޮށީ ކުއްޖަކީ އަޅުގަނޑެވެ. އަޅުގަނޑު އުޅެނީ މީހަކާ އިނދެގެންނެވެ. ދެކުދީން ތިބެއެވެ. އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. – އެޑްވެންޓިސްޓް ޗާޗަކީ ކޮބައިތޯއެވެ؟ * އެއީ ޕްރޮޓެސްޓަންޓް ޗާޗެކެވެ. ކްރިސްޓިއަނުންގެ އެފިރުޤާގެ ޢަޤީދާގައިވާ ގޮތުން މަސީހު ދެވަނަފަހަރަށް ވަޑައިގަތުން ވަރަށް ގާތްވެއްޖެއެވެ. އެޑްވެންޓިސްޓުގެ ތަރުޖަމާއެއްގޮތުން “މަސީހު ދެވަނަފަހަރަށް ފާޅުވުން” ނުވަތަ “މަސީހު ވަޑައިގަންނަވާނެކަމަށް އީމާންވުން” ފަދަ މާނައެއް ބޭނުންކުރެވިދާނެއެވެ. ޕްރޮޓެސްޓަންޓް ޗާޗުގެ ފަސް ސަތޭކައަށްވުރެ ގިނަ ފިރުޤާ އޭޝިޔާގައި އޮވެއެވެ. -އިސްލާމްދީނަށް އެންމެ ފުރަތަމަ ކަލާ ޝައުޤުވެރިކުރުވީ ކޮންކަމެއްތޯއެވެ؟ * ތިޔައީ ވަރަށް ދިގު ވާހަކައެކެވެ. އަޅުގަނޑު ކުރީންވެސް ކަލާގެ އަރިހުގައި ދަންނަވައިފައިވާނޭ ފަދައިން އެމް.ޓީ.އެޗް ގައި އަޅުގަނޑުގެ ތީސިސްއަކީ “ކްރިސްޓިއަނިޓިއާއި ދުނިޔޭގެ އެހެނިހެން ދީންތައް” މި މައިގަނޑު ނަމެވެ. އަޅުގަނޑު ވަނީ އިސްލާމިއްޔާތުން އެމް.އޭ ނަގައިފައެވެ. އެހެންކަމުން އަޅުގަނޑަށްވަނީ އިސްލާމްދީން މުޠާލިޢާކުރާނެ ފުރުޞަތު ލިބިފައެވެ. އަޅުގަނޑު އެމްފިލް (Master of Philosophy) ނެގީވެސް ކަލަކު ވޮޑިގެންވުމާބެހޭ ޢިމްލުމުގެ ރޮނގުންނެވެ. އަޅުގަނޑަށް އެހައިފުންކޮށް މުޠާލިޢާ ނުކުރެވުނުނަމަ، އަދި އަޅުގަނޑުގެ ކިބައިގައި ކަންކަމާ ވިސްނައި ފިކުރުކުރުމާއި، ދީންތައް އަޅައިބެލުމުގެ ޤާބިލިއްޔަތު ނެތްނަމަ ކްރިސްޓީއަނިޓީގައި ހިމެނޭ ހުސްކަމާއި، އުނިކަމާއި، އެއްކަމެއް އަނެއްކަމަކާ ދިމާނުވުމުގެ މައްސަލަ އަޅުގަނޑު ހިތްހަމަނުޖެހުމުގެ ސަބަބަކަށް ނުވީސްކަމުގައި ވެދާނެއެވެ. އެހެނިހެން ފާދިރީން ފަދައިން އަޅުގަނޑަށްވެސް ކްރިސްޓިއަނިޓީގައި ބަގުޑިބައްދައިލައިގެން ހުރެވިއްޖައީހެވެ. ކްރިސްޓިއަނިޓީގައި ޖަވާބު ނުލިބޭ ވަރަށް ގިނަ ސުވާލުތަކެއް އެބަހުއްޓެވެ. އަޅުގަނޑު ވަރަށް ގިނަ ފާދިރީންނަށް އެ ސުވާލުތައް ހުށަހެޅީމެވެ. މަޞީޙީ ޢާލިމުންނާ އެކަންކަމާމެދު ވާހަކަދެއްކީމެވެ. ނަމަވެސް އެއްވެސް ފަރާތަކުން ހިތްހަމަޖެހޭފަދަ ޖަވާބެއް ނުލިބުނެވެ. ކްރިސްޓިއަނިޓީއިން އެމް.ފިލް ޙާޞިލުކުރެވުމާއެކުވެސް އަޅުގަނޑު ހުރީ އަޅުގަނޑުގެ ހިތުގައި އެ ދީނާމެދު އުފެދޭ ސުވާލުތަކުގެ ޖަވާބު ހޯދުމުގައި ނާކާމިޔާބުވެފައެވެ. އެދީނެއްގެ ޢަޤީދާއާމެދު އެމީހެއްގެ ހިތުގައި ހަމަޖެހުމެއްނެތް ދީނެއްގައި ހަމައެކަނި މާލީ ވަސީލަތްތަކާހުރެ ނުވަތަ ޢާއިލީ މަޞްލަހަތުތަކާހުރެއެއް މީހަކަށް ދެމިއެއް ނުހުރެވޭނެއެވެ. ޚާއްޞަކޮށް އެމީހަކީ ޙައްޤު ހޯދަން އެދޭ މީހެއްކަމުގައި ވާނަމައެވެ. މަރުވުމަށްފަހު އަންނާން އޮތް ޙަޔާތާމެދު ވިސްނާ މީހެއްކަމުގައިވާނަމައެވެ. ކުރީންވެސް ދަންނަވައިފައިވާ ފަދައިން އަޅުގަނޑުވަނީ ދުނިޔޭގެ ހުރިހާ ދީންތަކެއް ދިރާސާކޮށްފައެވެ. ހުރިހާ ދީންތަކެއްގައިވެސް ހުރިނަމަ ހުރި ފުރިހަމަކަމަކާއި، އުނިކަމެއްވަނީ އަޅުގަނޑުގެ ކުރިމަތީގައި ހާމަޔަށެވެ. އިސްލާމްދީނާބެހޭގޮތުން ކްރިސްޓިއަން ޢިލްމުވެރީންވަނީ ވަރަށް ގިނަ ދޮގު ވާހަކަތަކެއް ފަތުރައިފައެވެ. އިސްލާމްދީނާމެދު މީހުންގެ ހިތްނުބައި ކުރުވައިފައެވެ. ހަމައެފަދައިން އިސްލާމްދީނުގެ ބައެއް ދަންނަ ބޭކަލުންވެސް އިސްލާމްދީނުގެ ސިފަހުތުރުކުރައްވަން ނުކުރައްވާކަ މަސައްކަތްޕުޅެއްނެތެވެ. އިސްލާމީ ފޮތްތައް މުޠާލިޢާކުރުމުން އިސްލާމްދީނާމެދު އަޅުގަނޑުގެ ހިތުގައި ވަރަށް ގިނަ ސުވާލުތަކެއް އުފެދުނެވެ. އަޅުގަނޑު އިސްލާމީ ޢިލްމުވެރީންގެ ކުރިފުޅުމައްޗަށް އެ ސުވާލުތައް ހުށަހެޅީމެވެ. އެބޭފުޅުންގެ އަރިހުންވެސް އަޅުގަނޑަށް ކުރިމަތިވީ މާޔޫސްކަމެވެ. އެއްވެސް ބޭފުޅެއްގެ އަރިހަކުން އަޅުގަނޑަކަށް ހިތްހަމަޖެހޭފަދަ ޖަވާބެއް ނުލިބުނެވެ. ބައެއް ޢިލްމުވެރީން ވިދާޅުވީ އެފަދަ ސުވާލުތައް ކޮށްއުޅުމަކީވެސް ފާފައެއްކަމުގައެވެ. ނަމަވެސް އަޅުގަނޑަކީ ވަރުބަލިވެގެން ހުއްޓައިލާކަހަލަ މިޒާޖެއްގެ މީހެއްނޫނެވެ. އެހެންކަމުން އަޅުގަނޑު ކަނޑައެޅީ އަޅުގަނޑު އަމިއްލައަށް އިސްލާމްދީން ފުންކޮށް އުނގެނުމަށެވެ. އެގޮތުން އަޅުގަނޑު ދީނީ ފޮތްތައް އެއްކުރާން ފެށީމެވެ. ދުވަސްކޮޅެއްގެ ތެރޭގައި އަޅުގަނޑުގެ އަތުގައި އިސްލާމްދީނާބެހޭގޮތުން ބޭނުންވާ ހުރިހާ ފޮތްތަކެއް ޖަމާކުރެވިއްޖެއެވެ. އެފޮތްތައް ކިޔުމުންވެސް އަޅުގަނޑުގެ ހިތުގައި ބައެއް ސުވާލުތައް އުފެދުނެވެ. އަޅުގަނޑު ޢިލްމުވެރީންގެ އަރިހަށް އެސުވާލުތައް ހުށަހެޅީމެވެ. އަޅުގަނޑުގެ ހިތްހަމަޖއްސަވައިދެއްވުމުގެ ބަދަލުގައި އެބޭފުޅުން މަސައްކަތްޕުޅުކުރެއްވީ އަޅުގަނޑުގެ ވާހަކަ އޮއްބައިލައްވާށެވެ. ފަހަރެއްގައި އެހެން އެދިމާވީ އަޅުގަނޑަކީ ކްރިޓީޔަނަކަށްވާތީ އަޅުގަނޑު އެބޭފުޅުންގެ ވަގުތު ނަގައިލައި އެބޭފުޅުންނަށް އުނދަގޫފުޅުކުރަން އުޅޭކަމުގައި ހީފުޅުކުރެއްވިގެން ކަމުގައި ވެދާނެއެވެ. ނުވަތަ އެސުވާލުތަކުގެ ޖަވާބު ދެއްވުމުގެ ޤާބިލިއްޔަތު ނެތިގެންކަމަށްވެސް ވެދާނެއެވެ. ސިރާޠުލްމުސްތަޤީމު ހޯދުމުގެ މަސައްކަތުގައި އަޅުގަނޑާ ޖަނާބު ޕްރޮފެސަރ ޢަބްދުލްޖައްބާރާ ބައްދަލުވިއެވެ. އޭނާއަކީ ވަރަށް ޢިލްމުވެރި ބޭފުޅެކެވެ. އޭނާ އަޅުގަނޑަށް ވަރަށް ބޮޑަށް މަގުދެއްކެވިއެވެ. ޝީޢީ ދަންނަ ބޭކަލެއްކަމުގައިވާ މޭޖައ ޙައިދަރާއި، ހޮމިޔޯ ޑޮކްޓަރެއް ކަމުގައިވާ ސަޢީދާއި، އަޅުގަނޑު ވަރަށް އިޙްތިރާމްކުރާ އަޚެއްކަމުގައިވާ ސަލީމް ބުޚާރީއާއި، ޖާމިޢާ އަޝްރަފިއްޔާގެ ޤާރީ ސަޢީދު އަޙްމަދާއި، ޝައިޚް ޒާކިރާއި، މަލިކް ޝެހެޒާދާއި، މޭޖަރ ޝައުކަތު ޢަލީއަށް އަޅުގަނޑު ޚާއްޞަގޮތެއްގައި ޝުކުރުވެރިވަމެވެ. އިސްލާމްދީން ރަނގަޅު މިސްރާބަކުން މުޠާލިޢާކުރަން އެބޭފުޅުން އަޅުގަނޑަށް ވަރަށް ބޮޑަށް އެހީވެވަޑައިގެންނެވިއެވެ. މާތްﷲ އެބޭފުޅުންނަށް ހެޔޮޖަޒާދެއްވުން އެދި އަޅުގަނޑު ދުޢާކުރަމެވެ. އަޅުގަނޑަށް ޢަރަބި ބަސް ކިޔަވައިދެއްވީ ޖާމިޢާ އަޝްރަފިއްޔާގެ ޤާރީ ސަޢީދު އަޙްމަދެވެ. އަޅުގަނޑު ޢަރަބި ބަސް ކިޔެވީ ކީރިތި ޤުރްއާނާއި ޙަދީޘް އަމިއްލައަށް މުޠާލިޢާކުރުމަށްޓަކައެވެ. ކުރީން ދެންނެވި ރަޙްމަތްތެރީންގެ މިންނެތް އެހީފުޅާއެކުވެސް އަޅުގަނޑު ހުރީ އެތަކެއް ސުވާލުތަކެއްގެ ޖަވާބުން މަޙްރޫމްވެފައެވެ. ނަމަވެސް އަޅުގަނޑުގެ ސުވާލުތަކުގެ ޖަވާބު ލިބޭނީ ހަމަ އިސްލާމްދީނުގެ ތެރެއިން ކަމުގެ ޔަޤީންކަން އަޅުގަނޑަށްއޮތެވެ. އޭގެ ސަބަބެއް އެއްގޮތަކަށްވެސް ދަންނަވާކަށް ނޭނގެއެވެ. އެދުވަސްވަރު ކާނަލް ބިޞާލަތާ އަޅުގަނޑާ ބައްދަލުވިއެވެ. އަޅުގަނޑުގެ ހިތުގައި އުފެދެމުންދާ ސުވާލުތަކާ ބެހޭގޮތުން އަޅުގަނޑު އޭނާއާވެސް މަޝްވަރާކުރީމެވެ. އެއީ 1999 ވަނަ އަހަރެވެ. އޭނާ އަޅުގަނޑު ކިޔަން ފޮތެއް ދެއްވިއެވެ. އެފޮތުގެ ނަމަކީ THE SALVATION OF NATIONS އެވެ. އެފޮތަކީ މިސުރުގެ ޖާމިޢުލް އަޒްހަރުގެ ޕްރޮފެސަރެއް ކަމުގައިވާ ޒައިދު ބިން މުސްލިމް ލިޔުއްވައިފައިވާ ފޮތެއްކަމުގައިވާ “އަލްމުޚްލިޞިލް އަޤްވާމް” ގެ އިނގިރޭސި ތަރުޖަމާއެވެ. އެއީ ވަރަށް ބޯފޮތެކެވެ. 1800 އަށްވުރެ ގިނަ ޞަފްޙާ އެފޮތުގައިވެއެވެ. 2004 ވަނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް އަޅުގަނޑު އެފޮތް އެއްކޮޅުން އަނެއްކޮޅަށް ތޭރަ ފަހަރު މުޠާލިޢާކުރީމެވެ. އެފޮތުގައި ހަތްސަތޭކަ ސުވާލުގެ ޖަވާބު ހިމެނެއެވެ. އަޅުގަނޑު މާތްﷲ އަށް ޝުކުރު ދަންނަވަމެވެ. އެފޮތުން އަޅުގަނޑުގެ ހުރިހާ ސުވާލުތަކަކަށް ވަނީ ޖަވާބު ލިބިފައެވެ. އެހައިތަނުން އިސްލާމްދީނާމެދުގައި އަޅުގަނޑުގެ ހިތުގައި އުފެދިފައިހުރި ޝައްކުތައްވަނީ ފިލައިފައެވެ. އަޅުގަނޑުގެ ހިތަށް ޔަޤީންކަމާއި ހަމަޖެހުން ވަނީ ލިބިފައެވެ. އަޅުގަނޑު ހޯދަން އުޅުނު އަލިކަން އަޅުގަނޑަށް ވަނީ ފެނިފައެވެ. އަޅުގަނޑު ދެނެގަންނާން ބޭނުންވި ޙައްޤު އަޅުގަނޑަށް ވަނީ އޮޅުންފިލައިފައެވެ. އެމަގެއް ނުފެނިގެން އަޅުގަނޑު ހައިރާންކަމާއެކު ގަނަތެޅުނު ސީދާވެގެންވާ ތެދުމަގަށް އަޅުގަނޑަށް ވަނީ ނިކުމެވިފައެވެ. ނަމަވެސް އެމަގުން ހިނގާންފަށާކަށެއް އަޅުގަނޑަކަށް ފަސޭހައެއް ނުވިއެވެ. ވަރަށް ގިނަ ފިކުރުތަކާއި، ޝައްކުތަކާއި، ވިސްނާންޖެހޭ އެތަކެއްކަމެއް އަޅުގަނޑު ވަށައިލައިފައި އޮތެވެ. މަންޒިލާ ދުރަށް ގެންދާ އުނދަގޫ މަގަކުން ސީދާ ތެދުމަގަށް ނުކުތުމަކީ އެހެންމީހުންގެ ގާތުގައި ހަމައެކަނި ފިޔަވަޅެއް އަޅައިލުންކަމުގައި ވެދާނެއެވެ. ނަމަވެސް އެފިޔަވަޅު އެޅުމަކީ އަޅުގަނޑަށް މާފަސޭހަކަމެއް ނޫނެވެ. އެ ފިޔަވަޅު އެޅުމަށްޓަކައި ނުގުޑާފަދަ ޢަޒުމަކާއި ގަދަފަދަ ހިތްވަރަކާއި، ވަރަށް ވަރުގަދަ ހިންމަތެއް ބޭނުންވެއެވެ. އަޅުގަނޑަށް އެނގެއެވެ. އެ ފިޔަވަޅު އަޅާއިރަށް އަޅުގަނޑާ ވަރަށް ގިނަ ތިމާގެ މީހުންނާ މޫނުކެނޑޭނެއެވެ. ވަރަށް ގިނަ ރަޙްމަތްތެރީންނާ ރުޅިވާނެއެވެ. ވަޒީފާއިން ވަކިވާނެއެވެ. ޖަމާޢަތުގެ ފަރާތުން ދީފައިވާ ގެއިން ނުކުންނާންޖެހޭނއެވެ. ޙައްދުފަހަނަޅައިފައިވާ ވަރަށް ގިނަ ކްރިސްޓިއަނުން އަޅުގަނޑާމެދު ނުނިޔަތްލާނެއެވެ. އަނިޔާވެރި ޢަމަލުތަކެއް ހިންގައިފާނެކަމުގެ އެކަށޭނަކަންވެސް ކުޑައެއްނޫނެވެ. ހަމައެއާއެކު ހިންދީންގެ ފަރާތުން ވާރުތަވި މޮޅާއި ދެރައިގެ ތަފާތު އަދިވެސް ފިލައިނުގޮސް އޮތް ޕާކިސްތާނުގެ އިސްލާމީ މުޖްތަމަޢު އަޅުގަނޑު ޤަބޫލުކުރާނެ ބާވައޭ ނުވަތަ ނޫންބާވައޭ މި ސުވާލުވެސް އޭގެ މަޤާމުގައި އޮތެވެ. މިތާނގައި ކޮންމެ އައު މުސްލިމަކަށް ކިޔަނީ “މުޞައްލީ” އެކެވެ. ޕާކިސްތާނުގެ މުސްލިމް މުޖްތަމަޢުގައި “މުޞައްލީ” މި ލަފުޒަކީ ވަރަށް ގިނަ ބަޔަކު އިސްލާމްވުމަށް ހުރަސްއަޅައިފައިވާ ލަފުޒެކެވެ. “މުޞައްލީ” މި ލަފުޒު އިސްލާމީ ރަދީފުން ބޭރުކުރުމަކީ ކިޔަވައިގެންތިބެ މުސްލިމުން ސީރިޔަސްކަމާއެކު ވިސްނާންޖެހިފައިވާ ކަމެކެވެ. އެ ލަފުޒަކީ ޙައްޤުގެމަގަށް ތަބާވާން ބޭނުންވާ މީހުންގެ ކުރިމަތީގައި ލެވިފައިވާ ޝައިޠާނީ ފާރެއްކަމުގައިވާ ލަފުޒެކެވެ. އިންޑިޔާގައި އަޗޫތުން އިސްލާމްވަނީ އިސްލާމްވުމުން އެބައިމީހުންގެ އިޖްތިމާޢީ މަޤާމް (ސްޓޭޓަސް) މަތިވެރިވާތީއެވެ. ނަމަވެސް ޕާކިސްތާނުގައި އައު މުސްލިމުންނަށް ލިބެނީ އަޗޫތުންގެ މަޤާމެވެ. އެހެންކަމުން ބްރަހްމަނުންގެ އަސަރުފޯރައިފައިވާ ޕާކިސްތާނުގެ އިސްލާމީ މުޖުތަމަޢު ޙަޤީޤީ އިސްލާމީ މުޖްތަމަޢަކަށް ބަދަލުކުރުމަކީ އިންތިހާ ދަރަޖައަށް ބޭނުންވެފައިވާ ކަމެކެވެ. އަޅުގަނޑު ސީދާވެގެންވާ ތެދުމަގަށް ނިކުތުމަށް ހުރަސްއެޅި އުސްފާރެއް ކަމުގައި ހިމެނުނު ފިކުރުތަކާއި ޝައްކުތަކާއި ވިސްނުންތަކަކީ މިދެންނެވީއެވެ. އެ ފާރު ވައްޓައިލުމަށްޓަކައި އަޅުގަނޑަށް ވަރަށް ވަރުގަދަ ހިންމަތަކާއި، ނުހަނު ގަދަފަދަ ބާރަކަށް ބޭނުންވިއެވެ. އަޅުގަނޑު ރޮއިރޮއިފައި މާތް ﷲ ގެ ޙަޟުރަތަށް ދުޢާކުރާން ފަށައިފީމެވެ. އަޅުގަނޑުގެ ކިބައިގައި އެ ބާރުލެއްވުން އެދިއެވެ. އެ ފާރުވައްޓައިލުމުގެ އެކަށޭނަކަން އަޅުގަނޑަށް ދެއްވުން އެދިއެވެ. އަރަހުށި މާތް ﷲ އަޅުގަނޑުގެ ދުޢާ އިޖާބަކުރެއްވިއެވެ. ހުރިހައި ނުރައްކަލަކާ ކުރިމަތިލުމުގެ ހިތްވަރު އަޅުގަނޑަށް ދެއްވިއެވެ. އަޅުގަނޑު އެކަމަށް ތައްޔާރުވެއްޖައީމެވެ. ދުވަހަކީ 27 މާޗް 2004 އެވެ. އެދުވަހަކީ އަޅުގަނޑަށްޓަކައި ވަރަށް ބަރަކާތްތެރި ދުވަހެކެވެ. މާތް ﷲ ގެ ފަޟުލުވަންތަކަމުން އެދުވަހު އަޅުގަނޑު ޓްރިނިޓީގެ ޢަޤީދާއިން ސަލާމަތްކުރައްވައި އެއްކައުވަންތަކަމުގެ ޢަޤީދާގެ އަހްލުވެރީންގެ ތެރޭގައި ޝާމިލުކުރައްވައިފިއެވެ. އެ ޢަޤީދާއަކީ ސަލާމްލެއްވި އާދަމުގެފާނުގެ ޢަޤީދާއެވެ. އަބުލްއަންބިޔާއު އިބްރާހީމްގެފާނުގެ ޢަޤީދާއެވެ. ސަލާމްލެއްވި މޫސާގެފާނާއި ޢީސާގެފާނުގެވެސް ޢަޤީދާއެވެ. އަޅުގަނޑު އިސްލާމްވީ ޖާމިޢާއަޝްރަފިއްޔާގެ ޤާރީ ސަޢީދު އަޙްމަދުގެ އަތްޕުޅު މައްޗަށެވެ. އަޅުގަނޑަށް އަރަބިބަހާއި ކީރިތި ޤުރްއާން ކިޔަވައިދެއްވީ އޭނާކަމުގައިވާތީއެވެ. އަޅުގަނޑު މާތް ﷲ އަށް ޝުކުރު ދަންނަވަމެވެ. އެކަލާނގެ އަޅުގަނޑަށް ޓްރިނިޓީގެ ކަސްތޮޅުތައް ކޮށައިލުމުގެ ހިތްވަރު ދެއްވިކަމަށްޓަކައެވެ. – ކަލާ އިސްލާމްވެވަޑައިގަތުމުން ކަލާގެ އަނބިކަނބަލުންނާއި ބޭފުޅުން ހެއްދެވީ ކިހިނަކުންތޯއެވެ؟ * އަޅުގަނޑު އިސްލާމްވުމުގެ ކުރީން އަޅުގަނޑުގެ އަންހެނުންނާއި ކުދީންނާވެސް މަޝްވަރާކުރީމެވެ. އިސްލާމްދީނާ ބެހޭގޮތުން އަޅުގަނޑުގެ ނިންމުން އަޑުއިވުމުން އަޅުގަނޑުގެ އަންހެނުން ކުރީކޮޅުގައި ހިސާބަކަށް ނުގަބޫލުކަން ފާޅުކުރިއެވެ. އަޅުގަނޑު ދަންނަވާނީ އޭނާ ނުގަބޫލުވީކީ ނޫންކަމުގައެވެ. ފިކުރުބޮޑުވީކަމުގައެވެ. އޭނާއާވެސް އޭނާގެ ޢާއިލާއާ ގުޅުން ކެނޑިދާނެތީއެވެ. އޭނާއަކީވެސް ގްރެޖުއޭޓެކެވެ. އަޅުގަނޑު ދަލީލުތަކުގެ ބަހުރުވައިން އޭނާއާ ވާހަކަދެއްކީމެވެ. އޭނާގެ ހިތަށް އިސްލާމްދީން ވައްދައިދީ އެދީނާމެދު އޭނާ ރުއްސައި ފިކުރުތަކުން މިނިވަންކުރުވީމެވެ. އަޅުގަނޑުގެ ކުދީންވެސް އުފަލާއެކު އަޅުގަނޑުމެންނާ ބައިވެރިވިއެވެ. އިސްލާމްވުމުގެ ކުރީން އަޅުގަނޑުގެ އަންހެނުންގެ ނަމަކީ އެލިޒަބަތެވެ. މިހާރު އޭނާގެ ނަމަކީ މުސައްރަތެވެ. އަޅުގަނޑުގެ އަންހެން ދަރިފުޅު ކޮމެލްގެ މިހާރުގެ ނަމަކީ ސާއިރާއެވެ. ފިރިހެން ދަރިފުޅު އިޟުޙާޤުގެ ނަމަކީ އިޞްޙާޤެވެ. އަޅުގަނޑުގެ ކުރީގެ ނަން ގުލްޒާރު އޭ. ޕާލް ބަދަލުވެގެން ދިޔައީ ގުލްޒާރު އަޙްމަދަށެވެ. – ކަލާގެ ބައްޕައާއި މަންމަގެ ރައްދު ޢަމަލު ހުރީ ކިހިނަކުންތޯއެވެ؟ * އިސްލާމްވުމުގެ ކުރީން އަޅުގަނޑު މަންމައާއި ބައްޕައާވެސް މަޝްވަރާކުރީމެވެ. ނަމަވެސް އެ ދެކަނބަލުންގެ ޖަވާބަކީ ރުހިވަޑައިގަތުމުގެ ޖަވާބެއްނޫނެވެ. އަދި ކީއްތޯއެވެ؟ އެ ދެކަނބަލުން ފާޅުކުރެއްވީ ވަރަށް ވަރުގަދަ ދެކޮޅުވެރިކަމެކެވެ. އަޅުގަނޑު އެ ދެކަނބަލުން ރުއްސޭތޯބެލީމެވެ. ޙައްޤު ޤަބޫލުކުރައްވާތޯ ވަރަށް ބޮޑަށް މަސައްކަތްކުރީމެވެ. ނަމަވެސް އަޅުގަނޑަކަށް ކާމިޔާބެއް ނުވިއެވެ. އަޅުގަނޑު އިސްލާމްވުމާއެކު ބައްޕައާއި މަންމަ އަޅުގަނޑު ދޫކޮށްލައްވައިފިއެވެ. އަޅުގަނޑާ ގުޅުން ކަނޑުއްވައިލައްވައިފިއެވެ. އަޅުގަނޑު މިހާރުވެސް މަންމައާއި ބައްޕައާ ބައްދަލުވެ ޚިދުމަތްކޮށްދޭން ބޭނުންވެއެވެ. ނަމަވެސް އެ ދެކަނބަލުންވެސް އަޅުގަނޑާ އެއްވެސް ކަހަލަ ގުޅުމެއް ބާއްވަވާކަށެއް އެއްބަސްވެވަޑައެއް ނުގަންނަވައެވެ. އަޅުގަނޑު މާތް ﷲ ގެ ޙަޟްރަތަށް ދުޢާކުރަނީ އެދެކަނބަލުންގެ ހިތްޕުޅު މަޑުކުރެއްވުން އެދިއެވެ. އެ ދެކަނބަލުންގެ ހިތްޕުޅު އިސްލާމްދީނަށްޓަކައި ތަނަވަސްކޮށްދެއްވައި ހުޅުއްވައިދެއްވުން އެދިއެވެ. – ކަލާ މަސައްކަތްކުރައްވަމުން ގެންދެވި ސެވެންތްޑޭ އެޑްވެންޓިސްޓް އިދާރާގެ މީހުންގެ ޢަމަލުތައްހުރީ ކޮންގޮތަކަށްތޯއެވެ؟ * އަޅުގަނޑުގެ އޮފީހުގެމީހުންނަށް އަޅުގަނޑު އިސްލާމްވިކަން އެނގުނީ ނޫހުގެ (THE DAILY NATION) ޒަރީޢާއިންނެވެ. 3 އެޕްރީލްގައެވެ. ޗެއަރމަނަށް އެ ޚަބަރު ލިބޭއިރަށް އަޅުގަނޑު އޭނާގެ ކޮޓަރިއަށް ގެންގޮސްފިއެވެ. އޭނާ އަޅުގަނޑާ ސުވާލުކުރުމުން އަޅުގަނޑު އެއީ ތެދު ޚަބަރެއްކަމުގައި ބުނީމެވެ. އޭނާ އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި އަޅުގަނޑު ވަޒީފާއިން ވަކިކޮށްލިއެވެ. ހަމައެއާއެކު އަޅުގަނޑު ދިރިއުޅެން ދީފައި ހުރި ގެ ހުސްކުރާންވެސް ވަގުތުން އެންގިއެވެ. އަދި އެހިސާބަކުން ނިންމައެއް ނުލައެވެ. އައްޑިހަ ހާސް ރުފިޔާ ދައްކަންވެސް އަޅުގަނޑަށް އެންގިއެވެ. އަޅުގަނޑު އެ ފައިސާ ދެއްކީ ގޭގެ ފެހާމާނާއި ގެވެހި ކަންވާރު ވިއްކައިލައިގެންނެވެ. ވަޒީފާއިން ވަކިކުރުމާއި ގެ ހުސްކުރާންޖެހުމަކީ އަޅުގަނޑު ނުވިސްނައިހުރި ކަންކަމެއްނޫނެވެ. އަޅުގަނޑު ހުރީ އެކަންކަމާ ކުރިމަތިލާން ވިސްނުމުގެ ގޮތުން ތައްޔާރުވެގެންނެވެ. ނަމަވެސް އައްޑިހަ ހާސް ރުފިޔާއަކީ އަޅުގަނޑު ކުރިން ވިސްނައިފައި ނެތް އާފާތެކެވެ. އެހައިތަނުން ކުރިމަތިވި މައްސަލައަކީ ވަޒީފާއެއްގެ މައްސަލައެވެ. އަޅުގަނޑު ތިންމަސް ދުވަސް ވަންދެން ގޮތްހުސްވެފައި ހުރީމެވެ. ގޭގެ އިޤްތިޞާދީ ޙާލަތު ވަރަށް ގޯސްވިއެވެ. އަޅުގަނޑު އަންހެނުންނާއި ކުދިން އަޅުގަނޑާ ވަރަށް ބޮޑަށް އެއްބާރުލިއެވެ. އަޅުގަނޑުގެ އަންހެނުން ޓިއުޝަން ސެންޓަރެއް ހުޅުވިއެވެ. ސަލީމް ބުޚާރީ އަޅުގަނޑު ގޮވައިގެން ނެސްލޭ ޑިސްޓްރިބިއުޓަރ ޖަނާބު ޝައިޚް ޖާބިރުގެ އަރިހަށް ވަޑައިގެންނެވިއެވެ. އެތަނުން އަޅުގަނޑަށް ވަޒީފާ ލިބުނެވެ. ޝައިޚް ޖާބިރަކީ ވަރަށް މާތް އިންސާނެކެވެ. އަޅުގަނޑާ ކުރިމަތިވި ދަތި އުނދަގޫ މައްސަލައިގައި އޭނާ އަޅުގަނޑަށް ވަރަށް ބޮޑަށް އެހީވެދެއްވިއެވެ. އަޅުގަނޑު ދުވަހަކުވެސް އެކަން ހަނދާންނައްތައެއް ނުލާނަމެވެ. – ކަލާއަށް އިތުރަށް ކުރިމަތިވި އުނދަގޫތަކަކީ ކޮބައިތޯއެވެ؟ * ކްރިސްޓިއަނުންގެ ބައެއްމީހުން އަޅުގަނޑުގެ ޖާނީދުޝްމަނުން ކަމުގައިވިއެވެ. އޭގެތެރެއިން ގިނަ މީހުންނަކީ މުސްލިމުންގެ މިލްކުގައިވާ ބޮޑެތި ޤައުމީ ނޫސްތަކުގެ މުހިންމު މަޤާމުތަކުގައި ތިބި މީހުންނެވެ. މިހާރުވެސް އަޅުގަނޑު މަރައިލަންވެސް އެބަ މަސައްކަތްކުރެއެވެ. އެއްދުވަހަކު އަޅުގަނޑުގެ އަންހެނުންނާއި ކުދިން ގޮވައިގެން ޖޭލްރޯޑުގައި ހުންނަ ސާވިސަސް ހޮސްޕިޓަލަށް ދިޔައީމެވެ. ބަލިމީހަކަށް ގޮވައިލުމަށްޓަކައެވެ. އެތާގެ މުވައްޒަފުން އަޅުގަނޑު ދަނެއެވެ. ކޮންމެވެސް މީހަކު އަޅުގަނޑުގެ ދުޝްމިނުންނަށް އެ ޚަބަރު ދިނީކަމުގައި ވެދާނެއެވެ. އަޅުގަނޑު ހޮސްޕިޓަލުން ނިކުތްތަނާ ކާރެއްގައިއައި މީހެއް އޭނާގެ ކާރުން ޖައްސައި އަޅުގަނޑު ޢާއިލާއާއެކު ޗިސްކޮށްލާން މަސައްކަތްކުރިއެވެ. މާތް ﷲ ގެ ދީލަތިވަންތަކަމާއި ރަޙްމަތްވަންތަކަމުން އަޅުގަނޑުމެން ސަލާމަތްވިއެވެ. ކާރު ދުއްވި މީހާ އަޅުގަނޑުމެންގެ ގައިގައި ކާރުން ޖައްސާންކުރި މަސައްކަތުގެ ސަރީޙުކަން ހުރިވަރީ ތިންވަނަ ކްލާހުގައި ކިޔަވާ އަޅުގަނޑުގެ ދަރިފުޅަށްވެސް ބުނެލެވުނެވެ. “ބައްޕާއެވެ! އަޅުގަނޑަށް ހީވާގޮތުގައި އޭނާ އެއުޅުނީ ބައްޕަ މަރައިލަންވެގެންނެވެ.” އަޅުގަނޑުގެ އަންހެނުން ވެއްޓިފައި އޮއްވައި ނެގި މުސްކުޅިޔާވެސް ބުންޏެވެ. “ކާރުދުއްވަން އިން މީހާ ތިޔަބައިމީހުންގެ ގައިގައި ކާރުން ޖައްސަން އޭނާއަށް ވެވުނު އެންމެ ބޮޑަކަށް މަސައްކަތްކޮށްފިއެވެ. މާތް ﷲ ތިޔަބައިމީހުން ސަލާމަތްކުރެއްވީއެވެ.” އަޅުގަނޑު އެކާރުގެ ނަންބަރު ނޯޓުކުރީމެވެ. ފަހުން އެނގުނުގޮތުގައި އެކާރަކީ ފާދަރެއްގެ ކާރެކެވެ. ކްރިސްޓިއަނުންގެ އެބާވަތުގެ ޢަމަލުތައް އަދިވެސް ނުހުއްޓައެވެ. އެމީހުން ހީކުރަނީ އަޅުގަނޑު ގޮތްހުސްވެގެން އަލުން ކްރިސްޓިއަންދީނަށް ވަދެދާނެކަމުގައެވެ. ޝައްކެއްނެތެވެ. ކަންތައް ހުންނަނީ ވަރަށްވެސް ނާރުތަކަށް ބާރުކުރާކަހަލަ ގޮތަކަށެވެ. ނަމަވެސް މާތް ﷲ އަޅުގަނޑަށް ސާބިތުކަން ދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތެވެ. އަޅުގަނޑު ކުރީން އުޅުނު ހިސާބުގަނޑުގެ އަވަށްޓެރި ކްރިސްޓިއަނުން އަޅުގަނޑުގެ ކުދީންގެ ގާތުގައި ބުނެފައިވެއެވެ. “ކަލޭމެންނަށް ތިޔަ ދަތި ޙާލުގައި އުޅޭންޖެހުނީ ކަލޭމެންގެ ބައްޕަ އިސްލާމުވުމުގެ ސަބަބުންނެވެ.” ނަމަވެސް މާތް ﷲ އަށް ޝުކުރު ހުއްޓެވެ. އަޅުގަނޑުގެ ކުދީންނަކަށް އެ ޒަހަރަކުން އަސަރެއްނުކުރެއެވެ. – ޝަހާދަތުގެ ދެކަލިމަފުޅު ވިދާޅުވުމުން ކަލާއަށް ކުރެއްވުނީ ކޮންކަހަލަ އިޙްސާސެއްތޯއެވެ؟ * އަޅުގަނޑުގެ ހަށިގަނޑުގެ ތެރޭގައި އުފާވެރިކަމުގެ ރާޅެއް ދަތުރުކުރި ކަހަލައެވެ. އެ އިޙްސާސްތައް ލަފުޒުތަކަކުން ބަޔާންކުރުމަކީ އަޅުގަނޑަށް ކުޅަދާނަކަމެއްނޫނެވެ. އަމިއްލަފުޅަށް ވިސްނައިވަޑައިގެން ބައްލަވާށެވެ. އަހަރުތަކެއްގެ ބުރަ މަސައްކަތަށްފަހު މީހަކަށް އެމީހެއްގެ މަންޒިލަށް ވާޞިލުވެވުމުން އެމީހެއްގެ ހިތަށް ލިބޭނެ އުފަލުގެ ވަކި ޙައްދެއް އޮންނާނެތޯއެވެ؟ އަޅުގަނޑަށްވެސް ލިބުނީ އެފަދަ މަތިވެރި އުފަލެކެވެ. އަޅުގަނޑަކަށް އެކަން ސިފަކޮށެއް ނުދެވޭނެއެވެ. – ކަލާގެ މުސްލިމު ރަޙްމަތްތެރީންގެ ރައްދު ޢަމަލުހުރީ ކޮންގޮތަކަށްތޯއެވެ؟ * އަޅުގަނޑު އިސްލާމްދީން ޤަބޫލުކުރުމުން އެބައިމީހުން ވަރަށް އުފާވިއެވެ. – އިސްލާމްވެވަޑައިގަތުމާ ވިދިގެން ކަލާޔަށް ވަރަށް ގިނަ އުނދަގޫތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފިއެވެ. އެކަމާ ކަންބޮޑުވެވަޑައިގެން އިސްލާމްވެވަޑައިގެންނެވުނީތީ ކުޑަކޮށްވެސް ހިތާމަކުރައްވާން ޖެހިވަޑައިގެންނެވިތޯއެވެ؟ * އިސްލާމްވުމުގެ ކުރިން އަޅުގަނޑަށް ވަނީ ދިމާވެދާނެ ހުރިހާ ކަމެއް އަންދާޒާކުރެވިފައެވެ. ޙައްޤުގެ މަގުގައި ހިނގާ މީހުނަށް ޙައްޤުގެ ދުޝްމިނުން މާމެލާމެލިން ވެދުންކުރުމާއި، ރަތްދޫލައިގެ މަރްޙަބާކިޔުމަކީ އެއްވެސްތާކު ހިނގައިފައިވާ ކަންކަމެއްނޫނެވެ. ސަލާމްލެއްވި ނަބީބޭކަލުންނާއި އެބޭކަލުންގެ އެކުވެރީން އަބަދުވެސް ބަރުދާސްކުރެއްވީ އުނދަގުލާއި ކެކުޅުމެވެ. ޚުދް ޢީސާ ޢަލައިހިއްސަލާމަށް ޔަހޫދީން ނުކުރާ އިހާނެތިކަމަކީ ކޮބައިތޯއެވެ؟ ކީރިތި ޤުރްއާނުގައިވާ ކަހްފުބާގައިގެ މީހުންގެ ވާހަކައާއި އަސްހާބުލްއުޚުދޫދުގެ ވާހަކަ ވިދާޅުވެބައްލަވާށެވެ. އެބައިމީހުންނަކީ ޢީސާ ޢަލައިހިއްސަލާމަށް ތަބާވި ބައެކެވެ. ސަލާމާއި ޞަލަވާތްލެއްވި މާތްރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވައްސަލަމައާއި އެކަލޭގެފާނުގެ މާތް ޞަޙާބީންނަށް ދުޝްމިނުންކުރި ބޮޑެތި އަނިޔާތަކާއި، ދިން އުނދަގޫތަކާއި ދުއްތުރާތައް ހަނދުމަފުޅަށް ގެންނަވައި ބައްލަވާށެވެ. އެކަންކަމާ އަޅާބަލާއިރު އަޅުގަނޑަށް ބަޔަކު އެއްވެސްކަމެއް ނުކުރާފަދައެވެ. ޙައްޤުގެ މަގުގެ ދަތުރުވެރީންނާމެދު މިހިރީ ހައްތާވެސް ހިނގާ ކަންކަމެވެ. އެހެންކަމުން އެކަންކަމާމެދު ދެރަވެ ހިތާމަކުރުމުގެ ސުވާލެއްވެސް ނުއުފެދެއެވެ. އަޅުގަނޑުގެ އެއްކުއްޖަކާމެދު ފިކުރުބޮޑުވެއެވެ. ޖޭލްރޯޑުގެ ޙާދިޘާއަށްފަހު އެދަރިފުޅު ހުންނަނީ ސިކުނޑީގެގޮތުން ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އޭނާއަކީ ވިސްނުންތެރި ކުއްޖެކެވެ. ވަރަށް ޙައްސާސް ކުއްޖެކެވެ. އޭނާއަށްވަނީ ވަރަށްބޮޑަށް އެޙާދިޘާގެ އަސަރުކޮށްފައެވެ. މާތް ﷲ އަޅުގަނޑުމެންނަށް ވަގުތުގެ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ހިތްވަރުދެއްވުން އެދިވަޑައިގެން ދުޢާކޮށްދެއްވާށެވެ. – ކަލާގެ ދީން ތިޔަ ބަދަލުކުރެއްވީ ކްރިސްޓިއަނިޓީން ކަލާއަށް ފެނިވަޑައިގެންނެވި ކޮންކޮން އުނިކަންތައްތަކެއްގެ ސަބަބުންތޯއެވެ؟ * ކަލާގެ ސުވާލުގެ ބައެއް އިޞްލާޙުކޮށްލައްވާށެވެ. އަޅުގަނޑު ދީން ބަދަލެއް ނުކުރަމެވެ. މާތް ﷲ ގެ ޙަޟުރަތުގައި ދީނަކީ އިސްލާމްދީނެވެ. އަޅުގަނޑު މަގުއޮޅިގެން އުޅެފައި ރަނގަޅުމަގަށް އެނބުރި އައީއެވެ. ޚުދު ޢީސާ ޢަލައިހިއްސަލާމްގެ ދީނަކީވެސް އިސްލާމްދީނެވެ. އެންމެހައި ނަބީބޭކަލުންގެ ދީނަކީވެސް އިސްލާމްދީނެވެ. ދެންއޮތީ ކްރިސްޓިއަން ދީނުގައި ހުރި އުނިކަންތައްތަކުގެ ވާހަކައެވެ. ކްރިސްޓިއަނިޓީގައި ހުރީ އުނިއެއްކަމެއް ދެކަމެއްނޫނެވެ. ކްރިސްޓިއަނިޓީގެ ޢަޤީދާތަކާމެދު އަޅުގަނޑުގެ ހިތުގައި ޝައްކާއި ވަހުމުތައް އުފެދުނީ އެކަންކަމާހުރެއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ : 1- ފާފައާއި، ކައްފާރާއާއި، ދިންނެވުމުގެ ތަޞައްވުރު ކްރިސްޓިއަން ދީނުގައި “ފާފައާއި، ކައްފާރާއާއި، ދިންނެވުމުގެ” ޢަޤީދާއަކީ އެންމެ އަސާސީ ޢަޤީދާކަމުގައި ވުމާއެކުވެސް ސަލާމަތްބުއްދިއާއި ވިސްނުން އެދީނުގައި އެޢަޤީދާ އޮންނަގޮތް ޤަބޫލެއް ނުކުރެއެވެ. (ހ) ފާފަ ކްރިސްޓިއަނިޓީގެ އަސްލު އިސްޠިލާހުގައި ވަނީ “އަސްލުފާފަ” (Original Sin) މިފަދައިންނެވެ. އެ ޢަޤީދާ ނަގައިފައިވަނީ ބައިބްލްގެ ޖެނެސިސް މިބާބުންނެވެ. އެ ޢަޤީދާގައިވާގޮތުން މަންމަ ޙައްވާއާއި އާދަމްގެފާނު ސުވަރުގޭގައި (ޢަދުގެ ބަގީޗާގައި) އުޅުއްވިއިރު “މަނާކުރެއްވިގަހުން” ފަރީއްކުޅުއްވުމުގެ ސިފައިގައި އެކުރެއްވުނު ފާފަޔަށް ކިޔައި އުޅެނީ “އަސްލުފާފަ” އެވެ. ކްރިސްޓިއަން ޢަޤީދާގައި ވާގޮތުން އެފާފައަކީ ވާރުތަވަމުން އަންނަ ފާފައެކެވެ. އެފާފަވަނީ އާދަމުގެ ދަރިންނަށް ނަގުލުވެފައެވެ. (ރޯމަންސު: ބާބު: 5 ގެ 12 ވަނަ އާޔަތް) އަދި ސެއިންޓް އޮގަސްޓައިން ބަޔާންކުރައްވައިފައިވާ ގޮތުގައި “ކަންދިމާވިގޮތުން އާދަމުގެފާނު އެފާފައިގައި ހައްޔަރުކުރި އަދި އާދަމުގެފާނާއެކު އަދަބުލިބުނު އަންހެނާގެ ފަރާތުން ދުނިޔެއަށް އައި އެންމެހައި އިންސާނުންވަނީ ފާފަވެރިވެފައެވެ.” ހަމައެފަދައިން ޕްރޮޓެސްޓަންޓް މަޒުހަބުގެ ލީޑަރެއްކަމުގައިވާ ޖޯންކާލޯން ވިދާޅުވާގޮތުގައިވެސް “ކަންހިނގައިފައިވާގޮތަކީ އަހަރެމެންގެ ތެރޭގައި ވަނީ ފާފައިގެ ގައިންގަޔަށް އަރާ ބައްޔެއް ފެތުރިފައެވެ. އެއީ އާދަމުގެފާނުގެ ފަރާތްޕުޅުން އަހަރެމެންނަށް ޖެހުނު ބައްޔެކެވެ.” ރޯމަން ކެތްލިކް ޢިލްމުވެރިއެއްކަމުގައިވާ ތޯމަސް އަކީނާސް ވިދާޅުވާގޮތުގައި “އަހަރެމެންގެ މައިންބަފައިގެ ފާފައިގެ ސަބަބުން “އަސްލުފާފަ” ވަނީ އެބައިމީހުންގެ ދަރިފަސްކޮޅަށް ނަގުލުވެފައެވެ.” (ށ) ކައްފާރާ ކައްފާރާގެ މަފްހޫމަކީ ކުރުކޮށް ދަންނަވާނަމަ، ސަލާމްލެއްވި ޢީސާގެފާނުވަނީ އާދަމުގެފާނުގެ ސަބަބުން އާދަމުގެ ދަރިންނަށް ވާރުތަވެފައިވާ ފާފައިގެ ކައްފާރާ އަދާކުރައްވައިފައެވެ. ޢީސާގެފާނު އެކައްފާރާ އަދާކުރެއްވީ އެކަމަށްޓަކައި އެކަލޭގެފާނު އަމިއްލަފުޅަށް ޤުރުބާންވެވަޑައިގެންނެވެ. އެންސައިކްލޮޕީޑިޔާ ބްރިޓޭނިކާގައި ކައްފާރާގެ ޚުލާޞާއެއްކަމުގައި ބަޔާންކޮށްފައިވަނީ ކްރިސްޓިއަންދީނުގެ ޢަޤީދާގެ ޢިލްމުގައި “ކައްފާރާ” ގެ މުރާދަކީ ޔޫޝަޢު މަސީޙުގެ ޤުރުބާނީއެވެ. ފާފަވެރި އިންސާނަކު ކުއްލިޔަކަށް ﷲ ގެ ރަޙްމަތާ ކައިރި ކުރުވާ ޤުރުބާނީއެވެ. އެ ޢަޤީދާގެ ފަހަތުގައިވަނީ ފުލޯކުދެވާހަކައެކެވެ. އެއްވާހަކައަކީ އާދަމުގެފާނުގެ ފާފައިގެ ސަބަބުން އިންސާނުން މާތް ﷲ ގެ ރަޙްމަތުން ދުރުކުރެއްވި ވާހަކައެވެ. ދެވަނަ ވާހަކއަކީ މާތް ﷲ ގެ ބަސްވަޙީކުރެއްވުމުގެ ސިފަފުޅު (ދަރިކަލުން) އިންސާނުން ދެވަނަފަހަރަށް ﷲ ގެ ރަޙްމަތާ ކައިރި ކުރެއްވުމަށްޓަކައި އިންސާނީ ޖިސްމަކަށް ނަގަލުވެވަޑައިގަތް ވާހަކައެވެ. (ނ) ދިންނެވުން ކްރިސްޓިއަން ޢަޤީދާގައިވާގޮތުން ޔޫޝަޢު މަސީޙު ޤުރްބާންވެވަޑައިގަތީ ހަމައެކަނި އެކަލޭގެފާނަށް އީމާންވާ މީހުންނަށްޓަކައެވެ. ހަމައެކަނި އެކަލޭގެފާނުގެ އުނގަންނައިދެއްވުންތަކަށް އަމަލުކުރާ މީހުންނަށްޓަކައެވެ. އީމާންކަމުގެ އަލާމަތަކީ ބަޕްތިސްމާ (Baptism) ގެ (މުޤައްދަސް ފެންވެރުވުމުގެ) ރަސްމު އަދާކުރުމެވެ. ބަޕްތިސްމާގެ ރަސްމިއްޔާތު އަދާކޮށްފިމީހާގެ “އަސްލުފާފަ” ފޮހެވޭނެއެވެ. އެ ރަސްމިއްޔާތު އަދާނުކޮށްފިމީހެއްގެ ފާފަވެރިކަން ދެމިއޮންނާނެއެވެ. އެމީހަކުވާނީ ދާއިމީ އަޒާބު ޙައްޤު މީހެއްކަމުގައެވެ. ކްރިސްޓިއަން ދަންނަ ބޭކަލެއްކަމުގައިވާ އަކީނާސް (Aquinas) ލިޔުއްވައިފައިވެއެވެ. “ބަޕްތިސްމާ ކުރުމުގެ ކުރީން މަރުވެއްޖެމީހެއްގެ އަސްލުފާފަ ދެމިއޮންނާނެއެވެ. އެހެންކަމުން އެފަދަ މީހަކަށް ދުވަހަކުވެސް މާތްކަލާނގެ ރަސްކަމެއް (ސުވަރުގެއެއް) ނުފެންނާނެއެވެ.” ފާފައާއި، ކައްފާރާއާއި، ދިންނެވުމާ ބެހޭގޮތުން އަޅުގަނޑު މިވާހަކަ ދެއްކީ ވަރަށް ކުރުކޮށެވެ. ކުރުކޮށް ވާހަކަދެއްކުމުން ބައެއްފަހަރު އޮޅުންއަރާގޮތްވެއެވެ. އެހެންކަމުން އެއްވެސް ކިޔުންތެރިއަކަށް އޮޅުންއަރާގޮތްވެއްޖެނަމަ އެ އިސްތިލާޙުތައް ވިސްނައިގަތުމަށްޓަކައި އިތުރަށް މުޠާލިޢާކުރުން ރަނގަޅުވާނެއެވެ. ކުރިންވެސް ދެންނެވިފަދައިން ފާފައާއި، ކައްފާރާއާއި، ދިންނެވުމާ ބެހޭގޮތުން ކްރިސްޓިއަން ދީނުގައި ގެންގުޅޭ ޢަޤީދާއަކީ ސަލާމަތްބުއްދި ޤަބޫލުކުރާ ކަހަލަ ވާހަކަތަކެއް ނޫނެވެ. ކިތަންމެ ގިނަ ފާފަތަކެއް ކޮށްފައިވާ، ކިތަންމެ ބޮޑު ފާފަވެރިޔަކަށް ވިޔަސް ހަމައެކަނި މަސީހަށް އީމާންވުމުން ސުވަރުގެ ވަދެވުމަކީ ބުއްދި ޤަބޫލުކުރާ އިންސާފެއްނޫނެވެ. މި މައްސަލައިގައިވެސް އިސްލާމްދީނުގެ ތަޞައްވުރު ވަރަށް ފުރިހަމައެވެ. ވަރަށް ޞަރީޙައެވެ. އިސްލާމްދީން ބުނާގޮތުގައި ރެވިއޮއްޓަރެއްގެ މިންވަރުގެވެސް ހެޔޮކަމެއްކޮށްފިމީހަކަށް އެކަމެއްގެ ދަރުމަލިބޭނެއެވެ. ކިތަންމެ ކުޑަނަމަވެސް ނުބައިކަމެއް ކޮށްފިމީހަކަށް އެކަމެއްގެ އަދަބު ލިބޭނެއެވެ. އިސްލާމްދީނުގައިވާގޮތުން މާތް ﷲ ގެ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމް އެކަލޭގެފާނުގެ އެންމެލޯބިފުޅުވާ ދަރިކަނބަލުންނަށްވެސް ވިދާޅުވެފައިވަނީ ލާބައާއި މަންފާ ލިބިވަޑައިގަންނަވާނީ އެކަމަނާގެ އަމިއްލަފުޅު ޢަމަލުފުޅުންކަމުގައެވެ. އަނެއްކޮޅުން ފާފައާއި، ކައްފާރާއާއި، ދިންނެވުމާބެހޭގޮތުން ކްރިސްޓިއަން ދީނުގައި މިހާރު މިގެންގުޅޭ މިޢަޤީދާއަކީ ޚުދް ބައިބަލްގެ އިރުޝާދުތަކާވެސް ތަޢާރުޟުވާ ޢަޤީދާއެކެވެ. މިސާލެއްގެގޮތުން: 1- ފާފަކުރާ މީހާވެސް މަރުވާނެއެވެ. ދަރިފުޅު ބައްޕަގެ ފާފައިގެ ބަރެއް ނުއުފުލާނެއެވެ. ބައްޕަވެސް ދަރިފުޅުގެ ފާފައިގެ ބަރެއް ނުއުފުލާނެއެވެ. (އެޒްކިއެލް: 20:18)2- ހެޔޮލަފާ މީހުންނާމެދު ބުނާށެވެ. އެބައިމީހުންނަށް ހެޔޮދަރުމަހުއްޓެވެ. އެހެނީ އެބައިމީހުންގެ މަސައްކަތުގެމޭވާ ކާންލިބޭހުއްޓެވެ. ނުބައިމީހުންނަށްހުރީ ހިތާމައާއި ރުއިމެވެ. އެބައިމީހުންނަށް ނުބައިކަން ކުރިމަތިވާނެއެވެ. އެހެނީ އެބައިމީހުންގެ އަތްތަކުން ކުރިކަންތައްތަކުގެ ނަތީޖާ އެބައިމީހުންނަށް ފެންނާނެއެވެ. (ދަ ބުކް އޮފް އިސާއިޔާހު 10:30)3- ދަރީންގެ ބަދަލުގައި ބައްޕަ ޤަތުލެއް ނުކުރެވޭނެއެވެ. ބައްޕަގެ ބަދަލުގައި ދަރިފުޅުވެސް މަރައެއް ނުލެވޭނެއެވެ. ކޮންމެ މީހަކުވެސް ޤަތުލުކުރެވޭނީ އެމީހަކުކުރި ފާފައެއްގެ ސަބަބުންނެވެ. (ޑިއުޓްރޮނޮމީ 16:24) ބައިބްލްގެ އިސްވެދެންނެވި ޙުކުމްތަކުގައިވާގޮތުން ސަލާމްލެއްވި އާދަމްގެފާނު ކުރެއްވި ފާފައެއްގެ އަޒާބެއް އެކަލޭގެފާނުގެ ދަރިފަސްކޮޅަކަށް ނުލިބޭނެއެވެ. އަނެއްކޮޅުން ސަލާމްލެއްވި ޢީސާގެފާނު އާދަމުގެ ދަރީންގެ ފާފައިގެ ކައްފާރާ އަދާކުރައްވައިފައިވާނަމަ ބިންމަތީގައި ކުށްކުރެވެމުންދާންވީވެސް ކީއްވެގެން ހެއްޔެވެ؟ މީގެ އިތުރަށް ކައްފާރާއާ ބެހޭގޮތުން ކްރިސްޓިއަނުން ގެންގުޅޭ ޢަޤީދާއަށް ބައިބްލްގެ އިރުޝާދުތަކެއްވެސް ތާއީދެއްނުކުރެއެވެ. 1- އޯގާވެރިކަމާއި، ދީންވެރިކަމާއި އީމާންތެރިކަމަކީ ފާފަތަކުގެ ކައްފާރާއެވެ. އަދީ މީސްތަކުން މާތްކަލާނގެ ރަސްކަންފުޅު ދެކެ ބިރުވެތިވުމުގެ ސަބަބުން ފާފައިން އެއްކިބާވެއެވެ. (ޕްރޮވާބްސް 6:16)2- ތިމާގެ ބައްޕައަށް ކަމޭހިތާމީހާ އޭނާގެ ފާފައިގެ ކައްފާރާ އަދާކޮށްފިއެވެ. (ޔޫޝަޢު ބުނު ސީރާޚު: ބާބު: 3 އާޔަތް: 4) އަދިވެސް ވެއެވެ. ޚައިރާތަކީ ފާފައިގެ ކައްފާރާއެވެ. (ޔޫޝަޢު ބުނު ސީރާޚު: ބާބު: 3 އާޔަތް: 33)ނޯޓް ޔޫޝަޢު ބުނު ސީރާޚުގެ މި ޙަވާލާތައް ކެތަލިކް ބައިބްލް “ކަލާމް މުޤައްދިސް” (ސޮސައިޓީ އޮފް ސެއިންޓް ޕޯލު، ރޯމާ) 1958 ގެ ނުސްޚާގެ 870 ވަނަ ޞަފްޙާއާއި 871 ވަނަ ޞަފްޙާއިން ފެނިވަޑައިގަންނަވާނެއެވެ.ޝައްކެއްނެތެވެ. “ދިންނެވުމާ” ބެހޭގޮތުން އަޅުގަނޑުމެންނަށް ހަތަރު އިންޖީލުންވެސް ބައެއް އާޔަތްތައް ފެނެއެވެ. ނަމަވެސް އެ އާޔަތްތަކުގެ މަފްހޫމަކީ މިޒަމާނުގައި ކޮންމެވެސް ޒަޢީމަކު އޭނާގެ ޤައުމު އެވެނި މޫސީބަތަކުން ނުވަތަ މިވެނި މައްސަލަތަކަކުން ސަލާމަތްކުރެއްވުމަށްޓަކައި އޭނާގެ ފުރާނަފުޅުން ޤުރުބާންވެވަޑައިގެންވިއެވެ. ބުނާ ބުނުންފަދަ މަފްހޫމެކެވެ. އެހެން އެބުނާ ބުނުމަކީ ފަހަރެއްގައިވެސް އެ ލީޑަރަކު ޤުރުބާންވެވަޑައިގެންނެވި ނުވަތަ ފިދާވެވަޑައިގެންނެވި ވާހަކައެއްނޫނެވެ. އެބޭފުޅެއްގެ ޤުރުބާނީން ޤައުމުގެ ފާފަފޮހެވުނު ވާހަކަ އެއްވެސް ނޫނެވެ. އެކަމަކު ކްރިސްޓިއަނުން މަސައްކަތްކޮށްފައިވަނީ އެމަފްހޫމްނެގުމަށެވެ. މިގޮތުން ކްރިސްޓިއަން ދުނިޔެއަށްވަނީ ކައްފާރާއާއި، ފާފައާއި ދިންނެވުމާ ބެހޭގޮތުން ކުށް ތަޞައްވުރެއް ހޯދައިދެވިފައެވެ. އަޅުގަނޑުގެ ސިކުނޑި ދުވަހަކުވެސް އެ ތަޞައްވުރު ޤަބޫލެއް ނުކުރެއެވެ. 2- ޔޫޝަޢު މަސީޙު ނުވަތަ ޢަމާނޫއީލް (އެމަނުއެލް)؟ ބައިބްލްގެ ދަ ބުކް އޮފް އިސާއިޔާހު ގައިވެއެވެ. “ދެކޭށެވެ! ބިކުރުވެރި އަންހެނަކު ބަލިވެއިންނާނެއެވެ. ފިރިހެން ދަރިއަކު ވިހާނެއެވެ. އެކުއްޖާއަށް ޢަމާނޫއީލްގެ (އެމަނުއެލް) ގެ ނަމުން ނަން ދެވޭނެއެވެ. (ބާބު 7 އާޔަތް 14) ހަމަ މި ޢިބާރާތް މެތިވްގެ އިންޖީލުގެ 23 ވަނަ އާޔަތުގައިވެސް ވެއެވެ. ނަމަވެސް މެތިވްގެ އިންޖީލުގެ 25 ވަނަ އާޔަތުގައި އެ ކުއްޖާގެ ނަމެއް ކަމުގައި ބަޔާންކޮށްފައިވަނީ “ޔޫޝަޢު” އެވެ. މުސްލިމުންނެކޭ އެއްގޮތަށް ކްރިސްޓިއަނުންގެވެސް ޢަޤީދާއަކީ މަރިޔަމުގެފާނަކީ ބިކުރުވެރި ބޭކަނބަލެއްކަމެވެ. ނަމަވެސް މެތިވްގެ އިންޖީލުގެ ސޯޅަވަނަ އާޔަތް އެކަމާ އިންކާރުކުރެއެވެ. “އަދި ޔައުޤޫބުގެ ކިބައިން ޔޫސުފް އުފަންވިއެވެ. އޭނާއަކީ މަސީޙުގެ ނަމުން މުޚާޠިބުކުރެވޭ ޔޫޝަޢު ރައްކާވި މަރިޔަމްގެ ފިރިކަލުންނެވެ.” މިތާނގައި އުފެދޭ ސުވާލަކީ މަރިޔަމްގެފާނަކީ ބިކުރުވެރި ބޭކަނބަލެއްކަމުގައިވާނަމަ، އެކަމަނާގެ ކާވެނިފުޅު ކުރެވިފައިނުވާނަމަ ފިރިކަލަކު ހުންނާންވީ ކީއްވެގެން ހެއްޔެވެ؟ މަރިޔަމްގެފާނުގެ ފިރިކަލަކު ހުންނެވިކަމުގައިވާނަމަ ޢީސާގެފާނު ބަފައިކަލަކާނުލައި ރައްކާވީ ކިހިނަކުންހެއްޔެވެ؟ މާތް ﷲ ގެ ކަލާމްފުޅުގައި މިފަދަ ފުށުއެރުމާއި ދެކޮޅުނުޖެހުމެއް ނުހުންނާނެއެވެ. 3- މާތްކަލާނގެ ދަރިކަލުންގެ ތަޞައްވުރު ކްރިސްޓިއަނުން ބުނާގޮތުގައި ޢީސާގެފާނަކީ މާތްކަލާނގެ ދަރިކަލެކެވެ. ނަމަވެސް ބައިބްލް އެކަމަކާ އެއްބަހެއް ނުވެއެވެ. މިސާލެއްގެ ގޮތުން މެތިވްގެ އިންޖީލުގެ ފެށުމުގައިވަނީ “ޔޫޝަޢު މަސީޙު އިބްނު ދާއޫދު އިބްނު އިބްރަހާމް” މިފަދައިންނެވެ. މާކްގެ އިންޖީލުގައި “ޔޫޝަޢު މަސީޙު މާތްކަލާނގެ ދަރިކަލުން” މިހެން ލިޔެފައިވެއެވެ. ބައިބްލްގެ އެތައްއެތައްތަނެއްގައި މަސީޙު ފިޔަވައި އެހެން އެތައްބަޔަކަށްވެސް މާތްކަލާނގެ ދަރިކަލުން ކަމުގައި ލިޔެފައިވެއެވެ. މިސާލެއްގެ ގޮތުން ޖެނެސިސް ބާބު 2:6، ޒަބޫރު 27:98، ޔަރްމިޔާހު 9:31، އިސާއިޔާހު 16:63، އައްޔޫބު 7:38، ކްރޯނިކަލްސް އެކެއް 9:22، 6:28، އެކްސޮޑަސް 22:4، ޒަބޫރު 6:28، ޖޮބު 6:1، ޑިއުޓަރޮނޮމީ ބާބު 14، ޒަބޫރު 5:68، އެކްޓަސް އޮފް ދަ އެޕޯސްލްސް 29:17 ބެއްލެވުން އެދެމެވެ. މީގެ އިތުރަށް އިންޖީލުގައިވެސް ޢީސާޢަލައިހިއްސަލާމް އެތަކެއްފަހަރަކު އެކަލޭގެފާނަށް އިބްނު އާދަމް މި ބަސް ބޭނުންފުޅު ކުރައްވައިފައިވެއެވެ. އެހެންކަމުން ޢީސާގެފާނަކީ މާތް ﷲ ގެ ދަރިކަލުންކަމުގައި ކްރިސްޓިއަނުން ބުނާ ބުނުމަކީ އެމީހުންހަދާ ބޮޑުދޮގެކެވެ. 4- ބަޕްތިސްމާގެ ނަޒަރިއްޔާ ބަޕްތިސްމާގެ ނަޒަރިއްޔާއަކީ މަސީޙާއެކު ވަޅުލެވުމުގެ ނަޒަރިއްޔާއެވެ. މީހަކު ބަޕްތިސްމާ ކުރުމަށްޓަކައި ފެންގަނޑަށް ފައިބާއިރު ތަޞައްވުރު ކުރަންޖެހެނީ މަސީޙާއެކު ވަޅުލެވެންދަނީ ކަމުގައެވެ. އޭނާ ފެންގަނޑުން އެރުމަކީ އާޙަޔާތެއްގެ ފެށުމެއްކަމުގައެވެ. ބަޕްތިސްމާގެ މާނައިގެ ތެރޭގައި ކުލަޖެހުމާއި ބަދަލުވުންވެސް ހިމެނެއެވެ. މަޤްޞަދަކީ ތިމާގެ ޒާތީ ފާފަތަކުން އަދި ކީއްތޯއެވެ؟ ތިމާގެ ފިޠުރަތާއެކު ވާރުތަވެފައިވާ ބަލިކަށިކަމާއި، ހަލާކުން ސަލާމަތްވުމެވެ. ކުރިންވެސް އަޅުގަނޑު ދަންނަވައިފައިވާފަދައިން ކްރިސްޓިއަނުން ޤަބޫލުކުރާގޮތުގައި ބަޕްތިސްމާގެ ރަސްމިއްޔާތު އަދާނުކުރާ މީހަކަށް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. ހަމައެކަނި ބަޕްތިސްމާގެ ރަސްމުއަދާކުރުމުން ފާފަތަކުން މިންޖުވެވި އޭގެފަހުންކުރާ ފާފަތަކުގެ ޒިންމާ އަދާކުރަން ނުޖެހުމަކީ އަޅުގަނޑުގެ ބުއްދިޤަބޫލުކުރާކަމެއްނޫނެވެ. ބަޕްތިސްމާ ކުރުމަކީ ކްރިސްޓިއަންދީނަށް ވަނުމަށްޓަކައި ޤަވާޢިދުން އަދާކުރާ ރަސްމިއްޔާތެކެވެ. އެރަސްމު ނުވަތަ ކްރިސްޓިއަނުން ޤަބޫލުކުރާގޮތުގައި އެއާދައިގެ ފަހަތުގައިވަނީ ކައްފާރާގެ ޢަޤީދާއެވެ. ބަޕްތިސްމާ ކުރުމުން އިންސާނާ މަސީޙުގެ ޒަރީޢާއިން “މަރުވެފައި ދިރެއެވެ.” “މަރުގެ” ޒަރީޢާއިން އޭނާއަށް “އަޞްލުފާފައިގެ” އަދަބުލިބެއެވެ. ފާފައިން މުއްތިވެވިގެންވާ އާޙަޔާތެއް ލިބެއެވެ. ޔޫޝަޢު މަސީޙުގެ ބަޕްތިސްމާގެ ރަސްމިއްޔާތާ ބެހޭގޮތުންވެސް ބައިބްލްގައިވަނީ ފުށުއަރާ ބަޔާންތަކެކެވެ. މިސާލެއްގެގޮތުން ދަންނަވާނަމަ މެތިވްގެ އިންޖީލުގެ ބާބު ތިނެއްގެ ސޯޅަވަނަ އާޔަތުގައިވެއެވެ. “އަދި ޔޫޝަޢު މަސީޙު ބަޕްތިސްމާކުރެއްވުމަށްފަހު ވަގުތުން ފެންގަނޑުގެ ކައިރިން މައްޗަށް އުދުހިވަޑައިގަތެވެ. ބަލާށެވެ. އެކަލޭގެފާނަށްޓަކައި އުޑު ހުޅުވިއްޖެއެވެ. މާތްކަލާނގެ ރަޙްމަތްފުޅު ކޮތަރެއްފަދައިން އެކަލޭގެފާނާ ދިމާޔަށްމަތިން ހޯރައަޅުއްވަމުން ވަޑައިގަންނަވާތީ އެކަލޭގެފާނު ދެކެވަޑައިގަތެވެ. އަދި ދެކޭށެވެ. އުޑުން އަންނަނިވި ނިދާ އައެވެ. “މިއީ އަހަރެންގެ ލޮބުވެތި ދަރިފުޅެވެ. އެދަރިފުޅާ އަހަރެން ރުހެމެވެ.” މާކުގެ ބައިބްލްގައިވެއެވެ. އުޑުންނިދާ އިއްވެވުނެވެ. “ކަލެޔަކީ އަހަރެންގެ ލޮބުވެތި ދަރިފުޅެވެ.” ޖޯންގެ ބައިބްލްގައި ޖޯންނަބީ ހެކިދެއްވައިފައިވެއެވެ. “އުޑުންނިދާ އައެވެ. މިއީ ކަލާނގެ ދަރިކަލުންނެވެ.” ބައިބްލްވަނީ މިފަދަ ތަފާތުބަޔާންތަކުން ފުރިގެންނެވެ. 5- ޓްރިނިޓީގެ ޢަޤީދާ ޓްރިނިޓީގެ ޢަޤީދާއަކީ ކްރިސްޓިއަން ޢަޤީދާތަކުގެ ތެރެއިން އެންމެބޮޅުންބޮޅުންބޮޑު، އެންމެ ދެއުޅިއެއްނުވާ ޢަޤީދާއެވެ. އެޢަޤީދާގައިވާގޮތުން އެއްކަލެއްގެ ޒާތުފުޅުގައި ތިންފަރާތެއް އެކުލެވިފައިވެއެވެ. ބައްޕައާއި، ދަރިކަލުން (ޔޫޝަޢު މަސީޙު) ނާއި ރޫޙުލް ޤުދުސެވެ. މާނައަކީ އެއްކައުވަންތަ ކަލާނގެ އެކުލެވިގެންވަނީ ތިންފަރާތެއްގެ އެކުވުމެއްގެ މައްޗަށެވެ. އެއަށްކިޔަނީ ޓްރިނިޓީއެވެ. އެންސައިކްލޮޕީޑިޔާ ބްރިޓޭނިކާގައި ޓްރިނިޓީ ޝަރަޙަކޮށްދީފައިވަނީ ތިރީގައި މިދަންނަވާގޮތަށެވެ. “ކްރިސްޓިއަނިޓީގައި ހިމެނޭ ޓްރިނިޓީގެ ނަޒަރިއްޔާ އަންނަނިވި ލަފުޒުތަކުން ތަޢުބީރުކުރެވިދާނެއެވެ. އާދެ ބައްޕައަކީ ކަލާނގެއެކެވެ. ދަރިކަލުންނަކީ ކަލާނގެއެކެވެ. ރޫޙުލްޤުދުޞަކީ ކަލާނގެއެކެވެ. މިތިން ފަރާތް އެކުވުމުން އުފެދެނީ ތިންކަލާނގެއެއްނޫނެވެ. އެއްކަލާނގެއެވެ.” ކްރިސްޓިއަން ބައެއް ފިރުޤާތަކުން ޤަބޫލުކުރާގޮތުގައި ޓްރިނިޓީގައި ހިމެނޭ ތިންފަރާތަކީ ބައްޕައާއި، ދަރިފުޅާއި، ބިކުރުވެރި މަރްޔަމެވެ. ސުވާލަކީ ބައްޕައާއި، ދަރިފުޅާއި، ރޫޙުލްޤުދުސު ނުވަތަ ބިކުރުވެރި މަރްޔަމާ މިއިން ކޮންމެފަރާތަކީ ކަލާނގެއެއްކަމުގައި ޤަބޫލުކޮށް، ހަމައެއާއެކު އެއިންކޮންމެފަރާތަކީ އެފަރާތެއްގެ އަމިއްލަ ޒާތުގައި މުސްތަޤިއްލު ވުޖޫދެއްވާކަމަށް ޤަބޫލުކުރުމުން ކަލާނގެ އެއްކައުވަންތަކަން އޮންނާނީ ކޮންތަނަކު ހެއްޔެވެ؟ މި ޢަޤީދާއަކީ ތަންދޮރު ދަންނަ، ބުއްދިއާއިފިކުރުހިންގޭ އެއްވެސްމީހަކަށް އެޕީލްކުރާ ޢަޤީދާއެއްނޫނެވެ. އަދި ކީއްތޯއެވެ؟ މިއީ އެއްކައުންތަކަން މުލުންބުރިކޮށްލާ ޢަޤީދާއެކެވެ. ބައިބްލްގެ އިރްޝާދުތައްވެސް މި ޢަޤީދާއާ ޚިލާފެވެ. މިސާލެއްގެ ގޮތުން ބައެއް ޙަވާލާތައް ބައްލަވައިލައްވާށެވެ. 1- “ދެން މިއަދު ކަލޭގެ ރަނގަޅަށް ދަންނާށެވެ. މިކަން ހިތުގައިއަށަގަންނުވާށެވެ. މަތީގައި އުޑުގައްޔާއި ތިރީގައި ބިމުގައިވާ ކަލާނގެއަކީ އެއްކައުވަންތަ ކަލާނގެއެވެ. ދެވަނަ އެއްވެސް ކަލެއްނުވެއެވެ.” (ޑިއުޓޮރޮނޮމީ ބާބު: 4 އާޔަތް: 39) 2- ފަޤީހެއް ޢީސާ ޢަލައިހިއްސަލާމްގެ އަރިހުން ސުވާލުކުރިއެވެ. “ހުރިހާ އަމުރުތަކެއްގެ ތެރެއިން އެންމެ މުހިންމު އަދި އެންމެއިސް އަމުރަކީ ކޮބައިތޯއެވެ؟” ޔޫޝަޢު ޖަވާބުދެއްވިއެވެ. “ހުރިހާ ޙުކުމްތަކެއްގެ ތެރެއިން އެންމެއިސް ޙުކުމަކީ އޭއިސްރާއީލެވެ! އަޑުއަހާށެވެ. އަހަރެމެންގެވެރި ހުސްތާހިރުވަންތަ ﷲ އީ އެއްކައުވަންތަ ރަސްކަލާނގެއެވެ. ތިޔަބައިމީހުންގެ ވެރި އެއްކައުވަންތަ ރަސްކަލާނގެއަށް ކަލޭގެ މުޅިހިތާއި ކަލޭގެމުޅިރޫޙުން އަދި ކަލޭގެ މުޅިބުއްދިއާއި ކަލޭގެހުރިހާ ބާރަކާއެކު ލޯބިކުރާށެވެ! (އަޅުކަންކުރާށެވެ!)’ (މާކް 12: 29، 30)3- “އަހަރެމެންގެވެރި އަހަރެމެންގެ ކަލާނގެއަށް ސަޖިދަކުރާށެވެ! ހަމައެކަނި އެކަލާނގެ ރަސްކަންފުޅަށް އަޅުކަންކުރާށެވެ! (މެތިވް 10:4) ބައިބްލްގެ އަދިވެސް ވަރަށްގިނަ ތަންތާނގައި ކަލާނގެ އެއްކައުވަންތަކަމުގެ ވާހަކަ ބަޔާންވެފައިވެއެވެ. ނަމަވެސް ކްރިސްޓިއަނުންވަނީ އެބައިމީހުންގެ ޢަޤީދާގެ ތެރޭގައި “ޓްރިނިޓީގެ ޢަޤީދާ” ޝާމިލްކޮށް އެއްކައުވަންތަ ރަސްކަލާނގެ ތަޞައްވުރު ދޫކޮށްލައިފައެވެ. އެއްކައުވަންތަކަމުގެޢަޤީދާ ޤަބޫލުކުރާމީހެއް ޓްރިނިޓީ ޤަބޫލެއް ނުކުރާނެއެވެ. 6- ޞަލީބުކުރެވުމުގެ ޢަޤީދާ ކްރިސްޓިއަނުންގެ ޢަޤީދާގައިވާގޮތުން ޢީސާޢަލައިހިއްސަލާމް ޞަލީބަށް އެރުވުނެވެ. އެކަލޭގެފާނު އަވަހާރަވީ ޞަލީބުގައެވެ. އަވަހާރަވިތާ ތިންވަނަޔަށްވީ ދުވަހު އަނެއްކާ ދިރިވަޑައިގަތެވެ. “ކައްފާރާއާއި، ދިންނެވުމުގެ” ޢަޤީދާގެ ވާހަކައިގެ ތެރޭގައި އަޅުގަނޑުވަނީ މިޢަޤީދާގެފަހަތުގައިވާ ފަލްސަފާގެވާހަކަ ބަޔާންކޮށްފައެވެ. ކްރިސްޓިއަނުން ޢީސާގެފާނަކީ ކަލެއްކަމުގައްޔާއި ކަލާނގެ ދަރިކަލުން ކަމުގައި ޤަބޫލުކުރެއެވެ. ނަމަވެސް އަނެއްކޮޅުން ޢީސާގެފާނު ޞަލީބަށްއެރުވުނު މަންޒަރު ސިފަކޮށްފައިވަނީ ވަރަށް އާރެއްބާރެއްނެތް ނިކަމެތިފަރާތެއްގެ ގޮތުގައެވެ. ކަލަކު ނުވަތަ ކަލެއްގެ ދަރިކަލަކު އެހާ އާރެއްބާރެއްނެތް ނުކުޅެދޭ ފަރާތަކަށެއް ނުވާނެއެވެ. ބައިބްލްގައިވާ ގޮތުން ޢީސާގެފާނު ޞަލީބުގައި ހުންނެވިއިރު މީހުން އެކަލޭގެފާނަށް ގޮންޖަހަމުން ގެންދިޔައެވެ. “ކަލޭގެފާނަކީ ކަލާނގެ ދަރިކަލުންކަމުގައިވާނަމަ ނިކަން ސަލީބުން ފައިބައިވަޑައިގެން ބައްލަވާށެވެ!” (މެތިވް 40:27) “މިހާރު ޞަލީބުން ފައިބައިވަޑައިގެންފިނަމަ އަޅުގަނޑުމެން އެކަމަށް (ކަލޭގެފާނު ގެންނެވިކަންކަމަށް) އީމާންވާނޫއެވެ.” (މެތިވް 42:27) މިފަދަ ބަސްތަކުންނެވެ. މާކްއާއި، ލޫކުގެ ބައިބްލްގައިވެސް މިފަދަ ޢިބާރާތްތަކުން މި މަންޒަރު ސިފަކޮށްފައިވެއެވެ. 7- ޚިލާފުތައް ބައިބްލަށްވަނީ ވަރަށްގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެހެންކަމުން އެފޮތުގައި ވަރަށް ބެޑެތި ޚިލާފުތައް އެބަހުއްޓެވެ. އެ ޚިލާފުތައްވަނީ ވަރަށް ގިނަ ކަންތަކާމެދު ވިސްނަން މަޖްބޫރުކޮށްފައެވެ. މީގެ އިތުރަށް ބައިބްލްގައި ނަބީބޭކަލުންނާއި، އެނޫންވެސް މަތިވެރި މާތް ޝަޚްޞިއްޔަތްތަކުގެ ރީތި ނަން ކިލަނބުކޮށް ޝަޚްޞިއްޔަތު ހުތުރުކޮށްފައިވަނީވެސް އަމަށަކު ވަރަކަށްނޫނެވެ. އަދި ކީއްތޯއެވެ؟ ޚުދް މާތް ﷲ ގެ ރަސްކަންފުޅާމެދުވެސް ނުހަނު ބޭއަދަބީ ގޮތްގޮތަށް ލިޔެފައި ހުރެއެވެ. ބައެއްފަހަރަށް އެކަލާނގެ ރަސްކަންފުޅު ސިފަކޮށްފައިވަނީ އެއްވެސް އާރެއްބާރެއްނެތި ޚުދް އެކަލާނގެ މަޚްލޫޤުންގެ އަތުން ވަތަކުތޯޖެހިފައިވާ ފަރާތެއްގެ ގޮތުގައެވެ. ޖެނެސިސްގެ 32 ގެ ބާވީސްވަނަ އާޔަތުން ފެށިގެން ބައްތިރީސްވަނަ އާޔަތް ހަމަޔަށް ހުރި އާޔަތްތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި ޔަޢުޤޫބުގެފާނު އެއްރެޔަކު ﷲ އާ ބަނޑުމުސާރައަށް ބެއްދެވިއެވެ. ޔަޢުޤޫގެފާނު އެދިވަޑައިގެންނެވީ ﷲ ގެ ރަޙްމަތަށެވެ. ރަޙްމަތްނުލައްވަނީސް ދޫކޮށް ނުލައްވަންވެގެން އެރޭގެ އިރުއަރަންދެން ﷲ އާ ބައްދަވައި ހިފެހެއްޓެވިއެވެ. (ނައޫޛުބި ﷲ) 8- ޢީސާއިން ޚިތާނުކުރުމުގެ އަމުރުފުޅަކަށް ބޮލެއް ނުލަނބއެވެ. ޖެނެސިސްގައި ވާގޮތުން އަރަހުށި މާތް ﷲ، އިބްރާހީމް ޢަލައިހިއްސަލާމަށް ވަޙީކުރެއްވިއެވެ. “ކަލޭގެފާނު ތިމަންރަސްކަލާނގެ ޢަހްދު ޤަބޫލުކުރައްވާށެވެ. ކަލޭގެފާނަށްފަހު ކަލޭގެފާނުގެ ނަސްލު، ދަރިފަސްކޮޅަކަށްފަހު ދަރިފަސްކޮޅެއް އެ ޢަޙްދު ފުއްދާހުށިކަމެވެ. ތިމަންރަސްކަލާނގެ ޢަހްދަކީ ތިމަންރަސްކަލާނގެއާ ކަލޭގެފާނާ ދެމެދުގައިވާ ޢަހްދެކެވެ. ކަލޭގެފާނަށްފަހު ކަލޭގެފާނުގެ ދަރިފަސްކޮޅާއި ތިމަންރަސްކަލާނގެ އާ މެދު ވާ ޢަހްދެކެވެ. އެ ޢަހްދު ފުއްދާހުށިކަމެވެ. އެ ޢަހްދަކީ ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ފިރިހެންކުއްޖަކު ޚިތާނުކުރުމެވެ! ތިމަންރަސްކަލާނގެ ޢަހްދުވާނީ ތިޔަބައިމީހުންގެ ހަށިތަކުގައި އަބަދަށްޓަކައި ލެއްވިގެންވާ ޢަހްދަކަށެވެ. ޚިތާނުކުރެވިފައި ނުވާ ކޮންމެ ފިރިހެން ކުއްޖަކު ކަލޭގެފާނުގެ މީހުންގެ ތެރެއިން ކަނޑުއްވައި (ވަކިކޮށް) ލައްވާށެވެ. އެހެނީ އޭނާ ތިމަންރަސްކަލާނގެ ޢަހްދު އުވައިލައިފިއެވެ.” (ޖެނެސިސް 1:17 ން 14 އަށް) ސަލާމްލެއްވި މޫސާގެފާނާ މުޚާޠަބުކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ. “އަށްވަނަޔަށްވާ ދުވަހު ފިރިހެންކުދީން ޚިތާނުކުރާހުށިކަމެވެ!” (ލެވިޓިކަސް 3:12) ޚުދު ޢީސާޢަލައިހިއްސަލާމްވެސް ޚިތާނުކުރެއްވުނުކަމަށް ބައިބްލްގައިވެއެވެ. ލޫކުގެ ބައިބްލްގެ ބާބު: 2 ގެ 21 ވަނަ އާޔަތުގައިވެއެވެ. “އަށްވަނަ ދުވަސް ފުރިހަމަވީހިނދު އެކަލޭގެފާނު ޚިތާނުކުރުމުގެ ވަގުތު އަތުވެއްޖެއެވެ. އެކަލޭގެފާނަށް ޔޫޝަޢު އެވެ ނަންދެވުނެވެ.” އެކްޓަސް އޮފް ދަ އެޕޯސްލްސްގެ ބާބު ފަނަރައިގެ އެއްވަނަ އާޔަތުގައިވެއެވެ. “މޫސާގެފާނުގެ ރަސްމާއެއްގޮތަށް ތިޔަބައިމީހުން ޚިތާނު ނުކޮށްފިނަމަ ތިޔަބައިމީހުންނަކަށް ފަލާޙެއް ނުލިބޭނެއެވެ.” ކްރިސްޓިއަނުން އެ އަމުރުފުޅަކަށް ބޮލެއްނުލަނބައެވެ. އެއާޚިލާފަށް މުސްލިމުންވަނީ ޚިތާނުކުރުމުގެ އިހާލީއަމުރުފުޅު ޤަބޫލުކޮށްފައެވެ. ޚިތާނުކުރުމުގެ އަމުރުފުޅަށް ބޯނުލެނބުމަކީވެސް ކްރިސްޓިއަނިޓީގައިވާ ވަރަށްބޮޑުޚިލާފެކެވެ. އަޅުގަނޑު ކްރިސްޓިއަނިޓީއާ ދުރުކުރުވީ މިދެންނެވިބާވަތުގެ ޚިލާފުތަކާއި އުނިކަންތައްތަކެވެ. – އިސްލާމްދީނުން ކަލާއަށް ފެނިވަޑައިގެންނެވި ރަނގަޅުކަންތައްތަކަކީ ކޮބައިތޯއެވެ؟ ހުރިހާ ދީންތަކެއްގެ ތެރެއިން ކަލާ އިސްލާމްދީން ޚިޔާރުކުރެއްވީ ކީއްވެގެންތޯއެވެ؟ * އަޅުގަނޑު ވަރަށް ކުރުކޮށް ދަންނަވާނަމެވެ. އަޅުގަނޑު އެންމެ ބޮޑަށް އަސަރުކުރުވީ އެއްކައުވަންތަކަމުގެ ޢަޤީދާއެވެ. އިޚްލާޞް ސޫރަތަކީ ތައުހީދުގެ ޖައުހަރެވެ. އެ ޢަޤީދާއިން ޓްރިނިޓީގެ މޫތައް ކޮށައިލައެވެ. ދެވަނަކަމަކީ މިސްކިތްތަކުގައި އިމްތިޔާޒުގެ ބަދަލުގައި ހަމަހަމަކަން އޮތުމެވެ. މިސްކިތުގައި ސާހިބާއާއި ނޯކަރު ހުއްޓި ތިބެންޖެހެނީ އެއްސަފެއްގައެވެ. ސާހިބާއަށް ވަކި ޖާގައެއް ޚާއްޞަކޮށެއް ނުދެއެވެ. ނޯކަރު އެންމެ ކުރީ ސަފުގައި ހުއްޓައި އެއްވެސް މީހަކަށް އޭނާ ފަހަތު ސަފަކަށް ފޮނުވައެއްނުލެވޭނެއެވެ. މިއާޚިލާފަށް ޗާޗުތަކުގައި އޮންނަނީ އިމްތިޔާޒެވެ. ތިންވަނަކަމަކީ އިސްލާމްދީނުގައިވާ ދިންނެވުމުގެ ޢަޤީދާއެވެ. އާޚިރަތްދުވަހުގެ އަޒާބާއި ޘަވާބު ބިނާވެފައި އޮންނަނީ އިންސާނުންގެ ޢަމަލުގެ މައްޗަށެވެ. އިސްލާމްދީނުގައި ޤިޔާމަތުގެ ޢަޤީދާއާއި، ކަށްވަޅުގެ އަޒާބައި، ބަރުޒަޚުގެ ދިރިއުޅުމާބެހޭގޮތުން އައިސްފައިވާ ފުރިހަމަ ތަފްޞީލުތަކުންވެސް އަޅުގަނޑުގެހިތަށް ވަރަށްބޮޑަށް އަސަރުކުރިއެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ “އަލްއަމީން” ކަމުގައި މައްކާގެ ކާފަރުންވެސް ޤަބޫލުކުރިކަމީ އިސްލާމްދީނަކީ ތެދުވެރިދީންކަމުގެ ވަރަށް މުހިންމު ދަލީލެކެވެ. – ބައިބްލާމްދު ކަލާގެ ޚިޔާލުފުޅަކީ ކޮބައިތޯއެވެ؟ * ކުރީންވެސް އަޅުގަނޑުވަނީ ބައިބްލްގައި ވަރަށްގިނަ ޚިލާފުހުރި ވާހަކަ ދަންނަވައިފައެވެ. އޭގެ ސަބަބަކީ ޔަހޫދީ ޢިލްމުވެރީން މެދުކެނޑުމެއްނެތި އެފޮތަށް ބަދަލުގެންނަމުން އައުމެވެ. އެފޮތް ކިޔާއިރު އިލާހީ ކަލާމުފުޅުވެސް އެތަންމިތަނަށް ވިހުރައިލައިފައިހުއްޓައި ކޮންމެވެސްވަރަކަށްފެނެއެވެ. ނަމަވެސް އިންސާނީ ވާހަކަތައް އެފޮތުގައި ހިމަނައިފައިވާ ގޮތުން ޢާއްމުކިޔުންތެރިޔަކަށް ﷲ ގެ ކަލާމްފުޅާއި އިންސާނުންގެ ވާހަކަތަކުގެ ތަފާތު ފާހަގަކޮށް ދަނެގަނެވޭ ވަރެއްނޫނެވެ. ސަލާމްލެއްވި ލޫޠުގެފާނާއި އެނޫންވެސް ބައެއް ނަބީބޭކަލުންގެ ވާހަކަ އެފޮތުގައި ގެނެސްފައިވާގޮތުން އެބޭކަލުންވަނީ އިންތިހާ ދަރަޖައަށް ބަދުނާމުކުރެވިފައެވެ. ޖެނެސިސް ނަވާރައިގެ އެއްތިރީސްވަނަ އާޔަތުން ފެށިގެން ތިރީސް ހަވަނަ އާޔަތާ ހަމަޔަށް ހުރި އާޔަތްތަކުގައި ލޫޠުގެފާނު ރާފޮދުހިއްޕަވައިގެން އެކަލޭގެފާނުގެ ދެ ދަރިކަނބަލުންނާ އެއްދާން ކުރެއްވިކަމަށާއި އެދެބޭފުޅުން ލޫޠުގެފާނަށް ބޭފުޅުން ރައްކާވިކަމަށް ލިޔެފައިވެއެވެ. (ނަޢޫޛު ބިﷲ) ބައިބްލް ގައި ނޫޙުއަލައިހިއްސަލާމުގެ އިސްތަށިފުޅުގައި އިލްޒާމު އަޅުވައިފައިވާގޮތުގައި އެކަލޭގެފާނު ތޫފާނުން ސަލާމަތްވެވަޑައިގެން ބިމުގައި އާބާދުވެވަޑައިގަތުމަށްފަހު ދަނޑުވެރިކަންކުރެއްވިއެވެ. މޭބިސްކަދުރު ހެއްދެވިއެވެ. އެއިން ރާހައްދަވައިގެން ރާފޮދުހިއްޕެވިއެވެ. އެކަލޭގެފާނުގެ ހަށިކޮޅުގައި ފޭރާންކޮޅެއްނެތެވެ… އިތުރަށް ދެންހުރިވާހަކަތައް ލިޔަންވެސް އަޅުގަނޑު ބިރުވެތިވަމެވެ. ބައްލަވަންބޭނުންފުޅު ފަރާތްތަކުން ބައިބްލް ސޮސައިޓީ އަނާރުކަލީ ލާހޫރުން ޗާޕުކޮށްފައިވާ ބައިބްލްގެ އެގާރަވަނަ ސަފްޙާ ބެއްލެވުން އެދެމެވެ. ސަލާމްލެއްވި އިބްރާހީމްގެފާނަކީ މުސްލިމުންނެކޭ އެއްގޮތަށް ޔަހޫދީންނާއި ކްރިސްޓިއަނުންވެސް އިޙްތިރާމްކުރާކަމުގައި ދައުވާކުރާބޭކަލެކެވެ. ނަމަވެސް ބައިބްލް ގައި އެކަލޭގެފާނަށް “އިޙްތިރާމްކޮށްފައިވާ” ވަރުވެސް އަމިއްލަފުޅަށް ބައްލަވައި ލައްވާށެވެ. އާދެ، ބައިބްލްގައިވާގޮތުން އިބްރާހީމްއަލައިހިއްސަލާމުވަނީ މުދަލާހުރެ ލޫޠު އަލައިހިއްސަލާމާ އަރާރުންވެވަޑައިގަތުމަށްފަހު ލޫޠުގެފާނު ބޭރުކޮށްލައްވާފައިއެވެ. މިފަދަ ދޮގު އެތައް އިލްޒާމުތަކެއް އިބްރާހީމުގެފާނުގެ އިސްތަށިފުޅުގައި ވަނީ އަޅުވާފައެވެ. މިއީ ބައިބްލްގެ ޞަފްޙާތައް ފުރިފައިވާ މިބާވަތުގެއެތައް ވާހަކަތަކެއްގެ ތެރެއިން ދައްކައިލި ދެތިން ނަމޫނާއެވެ. – ދެކުނު އޭޝިއާގައި ކްރިސްޓިއަނިޓީ ފެތުރުމުގެ ސަބަބަކީ ކޮބައިތޯއެވެ؟ * ފަޤީރުކަމާއި ތަޢުލީމެއް ނެތުމާއި މުސްލިމް ޢިލްމުވެރީންނަށް ރަނގަޅުގޮތުގައި އިސްލާމްދީން ހުށަހަޅައިނުދެވުމެވެ. – ކަލާއަށް ހީފުޅުވާގޮތުގައި ކިހާ ބަޔަކު ކްރިސްޓިއަން ދީނަށް ވަންނަމުންދޭތޯއެވެ؟ * އަޅުގަނޑު ލަފާކުރާގޮތުގައި މިޝަނަރީ މީހުންނަށް އެބަޔަކާ ހަމައަށްދެވޭ މީހުންގެ ތެރެއިން ސަތޭކައަކުން ހަތަރު ފަސް ޕަސެންޓް މީހުން ދަލުގައި ޖެއްސުމުގައި އެބައިމީހުން ކާމިޔާބު ހޯދައެވެ. އެމީހުން ދިންނެވުމުގެ ޢަޤީދާ ހުށަހަޅާ ޖާދުވީ ގޮތުން މަސައްކަތަކާ ނުލައި ސުވަރުގެދާން އެދޭމީހުން ވިސްނުމެއް ފިކުރެއްނެތި އެ މަގުގައި ހިނގައިގަނެއެވެ. މުޙްތަރަމް ގުލްޒާރުއަޙްމަދުގެ އަނބިކަނބަލުން، އަޅުގަނޑުމެންގެއުޚުތު މުސައްރަތަކީވެސް މިހާރު އިސްލާމިއްޔާތުން ބީ. އޭ. ފާސްކުރައްވައިފައިވާ ބޭކަނބަލެކެވެ. މުސްލިމް ސްކޫލެއްގެ އިސްލާމް މުދައްރިސާއެކެވެ. ނުހަނު ރޯފިލައިފައިވާ ހަރުދަނާ ބޭކަނބަލެކެވެ. އިސްލާމްވެވަޑައިގަތުމުގެ ކުރީން އޭނާއަކީވެސް ރޯމަން ކެތަލިކެކެވެ. އޭނާ ބަޔާންކުރައްވާގޮތުގައި ތުއްޕުޅުއިރުއްސުރެވެސް އޭނާގެހިތްޕުޅުގައިވާ މާތް ﷲ ގެ ތަޞައްވުރު އެހެނިހެން ރޯމަން ކެތަލިކުންނާ ތަފާތެވެ. އޭނާ ވިދާޅުވިއެވެ. “އަޅުގަނޑުގެ ޢުމުރުން ހަތްއަހަރުގައި އެއްދުވަހަކު ބުނެވުނުއެއްޗެއް އަޑުއިވިފައި NUNS ބުންޏެވެ. މިކުއްޖާ ކޮންމެވެސް ދުވަހަކުން އިސްލާމްވާނެއެވެ. އެދުވަހު ބުނެވުނީ ކީކޭކަމެއްވެސް މިހާރަކު ހަނދާނެއްނެތެވެ. އަޅުގަނޑުގެ ގާތްތިމާގެ މީހުންވެސް އަޅުގަނޑާމެދު ދެކެނީ އެގޮތަށެވެ. އަޅުގަނޑުގެފިރިކަލުން އިސްލާމްވެވަޑައިގަންނަވާން ޤަޞްދުކުރެއްވުމާ ވިދިގެން އަޅުގަނޑާ އެވާހަކަ ދެއްކެވިއެވެ. ދެމީހުންގެމެދުގައި ވަރަށްދިގުކޮށް ޚިޔާލުބަދަލުކޮށް މަޝްވަރާކުރެވުމަށްފަހު އިސްލާމްވާން ކަނޑައެޅީއެވެ. އަޅުގަނޑުމެން އެދެނީ އަރަހުށި މާތް ﷲ މި މުސްލިމް ޢާއިލާއަށް ސާބިތުކަން ދެއްވުމެވެ. އެބައިމީހުންގެ ހުރިހާ ފިކުރުތަކެއް ދުރުކޮށްދެއްވުމެވެ. އުނދަގޫތަކެއް ފަސޭހަކޮށްދެއްވުމެވެ. ނޯޓް: މިއީ ލިޔުންތެރިންގެ ގުޅުމުން ނަގާފައިވާ ލިޔުމެއް