English Edition
Dhivehi Edition

ފެށުނީއްސުރެއް އާންމުންގެ ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ނޫ ރާއްޖޭގެ އުއްމީދީ އޯޝަން ޔޫސް ސާރވޭގެ މަސައްކަތުގެ ދެބައި ކުޅަ އެއްބަޔާއި ހިސާބަށް އާދެވުނު އިރު 16 އަތޮޅަކުން 7500 މީހުން ރަމްޒުކޮށްދޭ 1،900 ރެސްޕޯންސް ވަނީ ލިބިފައެވެ.

ރައްޔިތުންގެ އެއްބާރުލުމާއެކު މި ސާރވޭ އަކީ ރާއްޖޭގައި މިހައިތަނަށް ހިންގޭ އެންމެ ބޮޑު އޯޝަން ޔޫސް ސާރވޭއެވެ. މި ސާރވޭއިން މަސްވެރިންނާއި، އަމިއްލަ ފަރުދުންނާއި، ފަތުރުވެރިކަމުގެ ދާއިރާ އާއި އެހެނިހެން ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތައް ދިވެހިރާއްޖޭގެ ކަނޑުފަޅުތައް ބޭނުން ކުރާ ގޮތް ދެނެގަނެވިގެންދާނެއެވެ.

ސާރވޭ ކުރުމަށް ކަނޑައެޅިފައިވާ 16 ދާއިރާ ރަމްޒުކުރާ ވީހާވެސް ގިނަ ފަރާތްތަކެއް ކަނޑުފަޅުތައް ބޭނުންކުރާގޮތް ދެނެގަތުމައްޓަކައި، ވޭތުވެދިޔަ 3 މަސްދުވަހުގެ ތެރޭގައި ނޫ ރާއްޖެގެ 18 ފެސިލިޓޭޓަރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވިއެވެ. ދިވެހި އާބާދީގެ 71 އިން ސައްތަ މީހުން އާމްދަނީހޯދުމަށް ބަރޯސާވަނީ ރާއްޖޭގެ ކަނޑުފަޅުތަކަށެވެ. ދިވެހި ރާއްޖޭގެ މަސްވަރިކަމާއި، ފަތުރުވެރިކަމާއި އަދި ޖުމްލަގޮތެއްގައި އިޤްތިޞާދުގެ ކުރިއެރުންވަނީ ކަޑުފަޅުތަކުގެ ސިއްހަތާ ގުޅި ލާމެހިފައެވެ.

ނޫ ރާއްޖެއިން ކުރިއަށް ގެންދާ އޯޝަން ޔޫސް ސާރވޭއަކީ މުޖުތަމަޢުގެ ބައިވެރިވުމާއެކު ދިވެހިރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭން އެކުލަވާލައި، ސަރުކާރުގެ ނޫ އިޤްތިސާދުގެ ތެރެއިން ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގެ 20 އިންސައްތައަކީ ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށްޓަކައި، ހިމާޔަތް ކުރެވިދާނެ ކަނޑުފަޅުގެ ސަރަހައްދުތައް ދެނެގަތުމަށްވެސް ސާވޭގެ ނަތީޖާ ބޭނުންކުރެވޭނެއެވެ.

މި ސަރވޭގައި ވީހާވެސް ގިނަ ބައެއްގެ ބައިވެރިވުން ހޯދައި، އެކިއެކި ސެޓޭކްހޯލްޑަރުން ކަނޑުފަޅުގެ ބޭނުންކުރާގޮތް ދެނެގަތުމަށް ނޫ ރާއްޖޭގެ ސަރވޭ ފެސިލިޓޭޓަރުން މިހާރުވެސް ދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުކުރަމުންނެވެ.

މި ސާރވޭގައި ބައިވެރިވެ ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގެ ކުރިމަގު އެކުލަވާލުމުގައި ބަސް ބުނުމަށް އެދޭ ފަރާތްތަކުން ފެސިލިޓޭޓަރެއްގެ ޒަރީޢާއިން ނުވަތަ އަމިއްލައަށްވެސް ސާރވޭ ފުރިހަމަ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. އިތުރު މަޢުލޫމާތު ހޯދުމަށް www.nooraajje.org/oceanusesurvey ޒިޔާރަތް ކޮށްލެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ނޫ ރާއްޖެއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ އިސްނެގުމާއެކު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓޫރިޒަމް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އަދި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް ހިމެނޭ ގޮތަށް ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންގެ ވެއިޓް އިންސްޓިޓިއުޓް، ވެއިޓް ފައުންޑޭޝަން، ނެޝަނަލް ޖިއޮގްރަފިކް ޕްރިސްޓީން ސީސް، ސްކްރިޕްސް އިންސްޓިޓިއުޝަން އޮފް އޯޝަނޯގްރަފީ، ސީސްކެޗް، އެންވަޔަރަންމަންޓަލް މާކެޓްސް ސޮލިއުޝަންސް ލެބް، ޔޫސީ ސަންޓާ ބާބަރާ، ޔޫސީއެލްއޭ އިންސްޓިޓިއުޓް އޮފް ދަ އެންވަޔަރަންމަންޓް އެންޑް ސަސްޓެއިނަބިލިޓީ، އަދި މިނޫންވެސް އެހެނިހެން ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.