English Edition
Dhivehi Edition
އެމްއާރުއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އެމްއާރުއެމް)

މި އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ފަރާތުން ވާދަކުރުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އެމްއާރުއެމް އިން ރޭ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ޝައުޤުވެރިވާ ފަރާތްތަކަށް، އެކަމަށް އެދި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 16:00ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އަދި އެމްއާރުއެމްގެ ފަރާތުން އެ އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން އެ ފަރާތެއްގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރާއި، ވާދަކުރައްވާ ކައުންސިލްގެ ނަން ޖެއްސެވުމަށްފަހު 7563664 ނަންބަރު ފޯނަށް އެސްއެމްއެސް ކުރުމަށް އެ ޕާޓީ އިން ވަނީ އެދިފައެވެ.

އެމްއާރުއެމް އިން ބުނީ އެކަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފޯނު ނަންބަރަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށެވެ.

ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެންމެ ފަހުން ރަޖިސްޓްރީކުރި އެމްއާރުއެމް އިންވެސް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ނިންމާފައިވާއިރު، ސަރުކާރު ހިންގާ އެމްޑީޕީ އިން ވެސް ވަނީ އެ ޕާޓީގެ ޕްރައިމަރީ މި ހިނގާ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ބާއްވާނެ ކަމަށް އިއުލާންކޮށްފަ އެވެ. އަދި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2020 އޮންނާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރެއްވާ ހޮނިހިރު ދުވަހު އެވެ.