English Edition
Dhivehi Edition

އަތޮޅުތެރޭން ތެލެސީމިއާ ފަރުވާ ދޭނެ ގައިޑްލައިން، ފަރުވާ ދިނުން ހަރުދަނާ ކުރުމަށް އެހީވެދޭނެ ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް ޑރ އަޙްމަދު އުމަރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މާލެއާ އެއްހަމައެއްގައި އަތޮޅުތެރޭން ތެލެސީމިއާ ފަރުވާ ދޭނެ ގައިޑްލައިނެއް އިފްތިތާހު ކުރުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.

ޑރ. އުމަރު ވިދާޅުވީ މި ގައިޑްލައިންގެ ސަބަބުން އަތޮޅުތެރޭގައި ތެލެސީމިއާގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

” ތެލެސީމިއާ ޕޭޝަންޓުންނަށް ފަރުވާ ދިނުމަށް ޚާއްސަ ގައިޑްލައިނެއް އެންމެ ފުރަތަމަ އެކުލަވާލެވިފައިވަނީ 2014 ވަނަ އަހަރު. އަދިވެސް އެ ގައިޑްލައިންގައި ތެލެސީމިއާ ފަރުވާގެ ހުރިހާ އަސާސަަކަށް ބަލާލެވިފައި ނުވޭ. 2020 ވަނަ އަހަރުގެ ފަހުކޮޅު، ގައިޑްލައިން އަލުން ރިވިއުކުރުމުގެ މަސައްކަތް ފެށި.” ޑރ. އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. އުަމރު ވިދާޅުވީ ގައިޑްލައިން ރިވިއުކޮށް ނިންމައި، ކުރީގެ ގައިޑްލައިންތަކުގައި ހިމެނިފައި ނުވާ ބައެއް ބައިތައް މި ގައިޑްލައިންގައި ހިމެނިފައި ވާނެ ކަމަށާއި އޭގެ ތެރޭގައި، ތެލެސީމިއާ ޕޭޝަންޓުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި އަވަސް ފަރުވާ ބޭނުންވާ ހާލަތްތަކާއި، އެ ފަރުވާ ދޭނެ ގޮތާ ބެހޭ މައުލޫމާތު ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ގައިޑްލައިން ތައްޔާރު ކުރެވިފައިވަނީ ތެލެސީމިއާ ފަރުވާގެ އެންމެ ފަހުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެހެންވެ މި ގައިޑްލައިންގެ ސަބަބުން އަތޮޅުތެރޭގައާއި މާލޭގައި މަސައްކަތްކުރާ ސިއްޙީ ޚިދުމަތްތެރިންނަށް ތެލެސީމިއާ ފަރުވާ ދިނުމަށް ފަސޭހަތަކެއް ވެގެންދާނެ ވާހަކަ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ގައިޑްލައިންގައި ތެލެސީމިއާ ކުދިންގެ ދަގަނޑުގެ ބައި ދަށްކުރުމަށް ކުރެވޭނެ ކަންކަމާއި ތެލެސީމިއާ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރެވޭނެ ކަންކަމާއި ލޭ އެޅުމުގެ ތެރޭގައި ދިމާވާ މައްސަލަތަކަށް ފަރުވާ ކުރާނެ ގޮތާއި ތެލެސީމިއާ ކުދިން ދަރިމައިވުމުގައި ދިމާވާ ކަންކަމަށް ފަރުވާކުރާނެ ގޮތް ހިމެނެއެވެ.