English Edition
Dhivehi Edition
ފޮޓޯ: އެމްޑަބްލިއުއެސްސީ

“ތާޒާ” ބްރޭންޑްގެ ފެންފުޅީގެ ކޮލިޓީއާއި ގުޅޭގޮތުން މީސްމީޑިއާގައި ފެތުރެނީ ދޮގު ޚަބަރެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނެފައިމިވަނީ މާލޭ ސިޓީ ކައުންސިލްގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ކުރެއްވި ޓްވީޓަކާއި ގުޅިގެން ޢާންމުންގެ މެދުގައި ޝައްކުތަކެއް އުފެދިފައިވަނިކޮށެވެ.

ޝިއުނާ ވިދާޅުވެފައިވަނީ އެމްޑަބްލިއުއެސްސީން އުފައްދާ 1.5 އަދި 500 އެމްއެލްއިން ބެކްޓީރިއާ ފެންނާތީ ޓެސްޓްކުރިއިރު ފެންތާނގީ ތެރޭގައި މަރުވެފައި އޮތް ކާޅެއް އޮތްކަމަށެވެ. މިަކން އެނގުމުން 13،000 ކޭސް ނައްތާލަން ބެހެއްޓިފައި ހުރި ކަމަށެވެ.

ބެކްޓީރިއާ އިން ތަޣައްޔަރުވެފައިވާ އެ ފެން މާކެޓަށް ނެރުނުތޯ ޝިއުނާ ސުވާލު އުފައްދާފައިވެއެވެ.

މި ޓްވީޓާއި ގުޅިގެން ފެން ކުންފުނިން ބުނީ ތާޒާ ފެނުގެ ތަޣައްޔަރުވެފައިވާ އެއްވެސް ބެޗެއް ބާޒާރަށް ނެރެފައިިނުވާނެ ކަމަށެވެ.

އެމްޑަބްލިއެސްސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ތާޒާ ފުޅީގެ ކޮންމެ ބެޗެއް ވެސް ބާޒާރަށް ނެރެނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ބައިނަލްއަގްވާމީ ގޮތުން ކަނޑައަޅާފައިވާ ކޮލިޓީ މިންގަނޑުތަކަށް ފެތޭކަން ކަށަވަރުކުރުމަށްފަހު ކަމަށެވެ.

“މި ދެންނެވި ކޮލިޓީ މިންގަނޑުތައް ކަށަވަރުނުކޮށް “ތާޒާ” ބްރޭންޑްގެ ފެނުގެ އެއްވެސް ބެޗެއް ބާޒާރަށް ނެރެފައިނުވާކަން ކަސްޓަމަރުންނަށް ޔަގީންކޮށް އަރުވަމެވެ.” ފެން ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ތާޒާ ފެން އުފައްދާ ކާރުޚާނާއަކީ އައިއެސްއޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް އަދި ފުޑް އެންޑް ސޭފްޓީ ސްޓޭންޑަރ (ހެސަޕް) 22000:2008 ސެޓިފައިޑް ކާރުޚާނާއެއް ކަމަށް ވެސް ފެން ކުންފުނިން ބުނެފައިވެއެވެ.

“”ތާޒާ” ފެނަކީ އޭގެ ކޮލިޓީ ޔަގީންކުރުމުގެ ގޮތުން، ފުޅީގައި ފެން ބަންދުކުރުމުގެ މަރުހަލާތަކުގައި ގަޑިއަކު އެއްފަހަރު ހަދަންޖެހޭ އެންމެހައި ޓެސްޓްތައްހަދައި، ފެން އުފެއްދުމަށްފަހު އިތުރު ތަހުލީލުތައް ކުރުމަށްޓަކައި، މާކެޓަށް ނުނެރެ 24 ގަޑިއިރު ބަހައްޓައި ގިނަ ތަހުލީލުތަކެއް ކޮށް ބައިނަލްއަގްވާމީ ކަމާގުޅޭ، އެންމެ މަތީ މިންގަނޑުތަކުން ފެންވަރު ވަޒަންކޮށް މާކެޓަށް ނެރޭ ފެނެކެވެ.