English Edition
Dhivehi Edition
ފޮޓޯ: ވަން އޮންލައިން

ޖަޕާނާއި ބެލްޖިއަމް އަދި އީޔޫގެ ސަފީރުކަމަށް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ދެ ނަމަށް މަޖިލީހުން ރުހުން ދެއްވައިފިއެވެ.

އެގޮތުން މަޖިލީހުން ރުހުން ދެއްވާފައިވަނީ ބެލްޖިއަމަށާއި އީޔޫއަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ހ. ހިކިފިނިފެންމާ/ އުމަރު އަބްދުއްރައްޒާގު އައްޔަންކުރެއްވުމަށާއި ޖަޕާނަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ގ. ފިޔާތޮށި/ ހަސަން ސާބިރު އައްޔަންކުރެއްވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓުގައި ބުނެފައިވަނީ އުމަރު އަބްދުއްރައްޒާގާއި ސާބިރަކީ އެ މަގާމުތަކަށް އައްޔަންކުރެއްވުމަށް އެކަށީގެންވާ ބޭފުޅުން ކަމަށް ކޮމިޓީން ފާސްކޮށްފައިވާ ކަމަށެވެ.

ޢުމަރު އަބްދުއްރައްޒާގު މިހާތަނަށް ހުންނެވީ ރާއްޖޭން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުކަމުގެ މަގާމުގައެވެ. ސާބިރު މިހާތަނަށް ހުންނެވީ ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ރާއްޖޭން ކަނޑައަޅާފައި ހުންނެވި ސަފީރުކަމުގެ މަގާމުގައެވެ.

އުމަރު އަބްދުއްރައްޒާގު އޮސްޓްރޭލިއާގެ އެޑިތް ކޮވިން ޔުނިވަރސިޓީން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ އިރު، ސާބިރަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތު ވޭލްސް އިން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އަދި ދިވެހި ސަރުކާރުގެ އެކި މަގާމުތަކުގައާއި މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާފައިވެއެވެ.