އައްޑޫސިޓީގެ ގުޅިފައިވާ އަވަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން ރޭ އައްޑުއަށް ގެނައި ދެ ޖަނަރޭޓަރު އިންސްޓޯލްކޮށް ނިމިއްޖެއެވެ.
ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް އާދަމް ވިދާޅުވީ މިރޭ 7:00 ގައި އެ ދެ ޖަނަރޭޓަރުން ޓެސްޓަށް ކަރަންޓް ދޫކުރަން ފަށާނެ ކަމަށެވެ. ދެ އިންޖީނުން ފުލްލޯޑު ނެގޭވަރުވާނީ ގާތްގަނޑަކަށް 6 ގަޑިއިރު ފަހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ދެ އިންޖީނުން ކަރަންޓު ދޭން ފެށުމުން އައްޑުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ލިބޭނެ ކަމަށް ވެއެވެ.
މި ދެ އިންޖީނު ބެހެއްޓުމުގެ މަސައްކަތް ރޭ ބާރަޖެހީއްސުރެން ފެނަކައިގެ މުވައްޒަފުން ގެންދަނީ ކުރަމުންނެވެ. އެ މަސައްކަތަކުގައި 20 ޓެކްނީޝަނުން ދެބަޔަކަށް ބެހިގެން އެއްފަހަރާ ވަނީ މަސައްކަތް ކޮށްފައެވެ.