English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު މެންޗެސްޓާ ސިޓީން ކާމިޔާބު ކޮށް އެއްވަނާގައި ލީޑު ފުޅާކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުން ޔުނައިޓެޑްގެ މައްޗަށް ސިޓީން ކުރި ހޯދާފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑުން ރޭގެ މެޗަށް ނިކުތީ އެޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. އެގޮތުން އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ރަފެއަލް ވެރާން، ލުކް ޝޯ، އެޑިންސަން ކަވާނީ މި މެޗުގައި ކުޅެފައެއް ނުވެއެވެ. ރޮނާލްޑޯ އާއި ކަވާނީ އަނިޔާގައި ތިބިއިރު، ލުކް ޝޯ އަދި ވެރާން ވަނީ ކޮވިޑް-19 އަށް ފައްސިވެ އައިސޮލޭޓް ކޮށްފައެވެ.

ރޭ ކުޅުނު މެޗު ފަށައިގެން ފަސް ވަަނަ މިނިޓްގައި ސިޓީގެ ބެނާޑޯ ސިލްވާ ދިން ބޯޅައަކުން އެ ޓީމުގެ ކެޕްޓަން ކެވިން ޑި ބްރޭނާ ވަނީ ލަނޑު ޖަހައި އެ ޓީމަށް ލީޑުނަގައިދީފަ އެވެ. ސިޓީން ލީޑު ނެގި ނަމަވެސް އުފެއްދި ކައުންޓަ އެޓޭކެއްގައި ޔުނައިޓެޑުން ވަނީ މެޗުގެ 22 ވަނަ މިނެޓުގައި ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު ޔުނައިޓެޑުން ޖަހާފައިވަނީ ޕައުލް ޕޮގްބާ ދިން ބޯޅައަކުން ޖޭޑަން ސަންޗޯ އެވެ. ޔުނައިޓެޑުން ލަނޑު ޖަހާ ނަތީޖާ އެއްވަރުކުރި ނަމަވެސް އޭގެ ހަ މިނެޓު ފަހުން ސިޓީން ވަނީ ލަނޑުޖަހާ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ 28 ވަނަ މިނިޓްގައި މި ލަނޑު ސިޓީއަށް ޖަހައިދިނީ މެޗުގެ ފުރަތަމަ ލަނޑުވެސް ޖަހައިދިން ޑި ބްރޭނާއެވެ.

ސިޓީން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ފަހު ހާފަށް ކުޅެން ނިކުމެ ސިޓީން ވަނީ މޮޅު ކުޅުމެއް ދައްކާ އިތުރު ދެ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. ސިޓީން ފަހު ހާފުގައި ޖެހި ދެ ލަނޑުވެސް އެޓީމަށް ޖަހައިދިނީ ރިޔާދް މަހުރޭޒްއެވެ.

ޔުނައިޓެޑުގެ ފަރާތުން ދައްކުޅުމެއް ފެނިގެން ދިޔަ މި މެޗުން އެޓީމު ބަލިއިރު، މިއީ މިހާރުގެ ކޯޗު ރަލްފް ރަންގްނިކް ހަވާލުވި ފަހުން އެ ޓީމު ބަލިވި ދެވަނަ މެޗެވެ.

ރޭގަ ސިޓީއަތުން ބި ބައްޔާއި އެކު ޔުނައިޓެޑް ވަނީ ތާވަލުގެ ފަސް ވަނަ އަށް ވެއްޓިފަ އެވެ. މިވަގުތު ޔުނައިޓެޑު ފަހަތައް ޖައްސާލުމަށް ފަހު ހަތަރު ވަނާގައި އޮތީ ރޭ ވެޓްފޯޑް އަތުން 3-2 އިން މޮޅުވި އާސެނަލްއެވެ. އާސެނަލް ހަތަރު ވަނާގައި އޮތީ ކުޅުނު 25 މެޗުން ލިބުނު 48 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި ޔުނައިޓެޑަށް އޮތީ ކުޅުނު 28 މެޗުން ލިބުނު 47 ޕޮއިންޓާއި އެކުގައެވެ.

އެއްވަނާގައި އޮތީ ސިޓީއެވެ. ސިޓީ އެއް ވަނައިގައި އޮތީ 28 މެޗުން 69 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 27 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ޗެލްސީ އޮތީ 26 މެޗުން 53 ޕޮއިންޓާ އެކު އެވެ.