English Edition
Dhivehi Edition

މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް އަންނަ އާދީއްތަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ޔުނައިޓެޑް ކުޅޭ ޑާބީ މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ނުލިނިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ފަހަކަށް އައިސް ރޮނާލްޑޯގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނަމުން ނުދާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ރޮނާލްޑޯއަށް އަންނަނީ އަމާޒުވަމުންނެވެ. މިފަހަރުގެ ސީޒަނަށް އިޓަލީގެ ޔުވެންޓަސްއިން ޔުނައިޓެޑަށް ބަދަލުވެ ރޮނާލްޑޯގެ ފަރާތުން އުންމީދީ ކުޅުމެއް ފެނި ގިނަ ލަނޑުތަކެއް ޖަހަމުން އައި ނަމަވެސް ފަހަކަށް އައިސް ރޮނާލްޑޯގެ ފަރާތުން ފެންނަމުން ދަނީ ވަރަށް އާދައިގެ ކުޅެކެވެ. އެގޮތުން އެންމެ ފަހުން ލީގުގައި ކުޅުނު 9 މެޗުގައި ރޮނާލްޑޯއަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ލަނޑެކެވެ.

ރޮނާލްޑޯއަށް އެންމެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވަނީ އެންމެ ފަހުން ލީގުގައި ވެޓްފޯޑާއި ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވި މެޗަށް ފަހުގައެވެ. މި މެޗުގައި ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ރޮނާލްޑޯއަށް ލިބުނު ނަމަވެސް އެ ފުރުދަތުގެ ބޭނުން އޭނާއަށް ހިފޭގޮތް ވަނީ ނުވެފައެވެ. މި މެޗުން ޔުނައިޓެޑަށް މޮޅެއް ހޯދިފައި ނުވާއިރު، ޔުނައިޓެޑަށް މިހާރު ވަނީ ގަދަ ހަތަރެއްގައި ވެސް ހިފަހައްޓާލެވޭނެ ކަމާއި މެދު ސުވާލު އުފެދިފައެވެ. އެގޮތުން އަންނަ އާދީއްތަ ދުވަހު ސިޓީއާއި ދެކޮޅަށް ޔުނައިޓެޑް ކުޅޭ ޑާބީ މެޗުން އެޓީމު މޮޅު ނުވެއްޖެ ނަމަ ގަދަ ހަތަރަކުން ޔުނައިޓެޑަށް ފުރުސަތު ގެއްލޭނެ އެވެ. އެހެން ކަމުން އެ މެޗު ކާމިޔާބު ކުރުމަކީ ޔުނައިޓެޑަށް ވަރަށް މުހިންމު ކަމަށް ވަނީ ވެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސިޓީއާއި ދެކޮޅަށް ޔުނައިޓެޑުން ނެރޭ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް އައުމަކީ ވަރަށް ގާތް ކަމެކެވެ. އެގޮތުން އެ މެޗުގައި ރޮނާލްޑޯގެ ދަބަލުގައި އެ މެޗަށް ފިޓުވާނެ ކަމަށް ބެލެވިފައިވާ ކަވާނީ އަށް ފުރަތަމަ އެގާރައިން ފުރުސަތު ދިނުން ގާތެވެ.

ފަހަކަށް އައިސް ދައް ކުޅުމެއް ކުޅެމުން އަންނަ ރޮނާލްޑޯއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުން އަންނައިރު، މި ސީޒަނަށް ފަހު ރޮނާލްޑޯ ދޫކޮށްލުމުގެ ވިސްނުމެއް ވެސް ޔުނައިޓެޑުން ގެންގުޅޭ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެއެވެ.