English Edition
Dhivehi Edition

އޯކިޑަކީ ގޭގައި ހައްދާލުމަށް ރީތި، އޭގައި ނިކުންނަ މާގަނޑު ގިނަދުވަހަށް ހުންނަ ރީތި މާގަނޑެއް އަޅާ ގަހެކެވެ. ގޭތެރޭގައްޔާއި ބޭރުގައިވެސް ފަސޭހަކަމާއެކު އޯކިޑް ހައްދާލެވެއެވެ. އެކަމަކުވެސް ގަސް ހެއްދުމަށް ބޭނުންވާ މުހިއްމުކަންކަން ނޭނގޭނަމަ މިއީ ހެއްދުމަށް އުނދަގޫ ގަހެއްކަމަށް ގިނަބަޔަކު ބުނެފާނެއެވެ.

ގަހަށް ލިބޭ އައްޔަކީ ގަސް ހެދުމަށް އެންމެ މުހިއްމު އެއްބާވަތެވެ. އޯކިޑް ގަހަށް އަލި ބޭނުންވަނީ އޭގެ އެކިވައްތަރުތަކަށް އެކި މިންވަރަށެވެ. މޮތް އޯކިޑަށް މަދުން އަލި ބޭނުންވާއިރު މިކަހަލަ ގަސްތައް ކުޑަދޮރުކައިރީގައި ނުވަތަ ފަސޭހައިން އަލި ލިބޭކަހަލަ ތަނެއްގައި ގޭތެރޭގައި ފަސޭހަކަމާއެކު ހެއްދިދާނެއެވެ.

މިފަދަ އޯކިޑް ފްލޮރިސަންޓް އަލީގައި ވެސް ހެއްދިދާނެކަމަށް ގަސް އިންދުމުގެ މާހިރުން ބުނެއެވެ. ގަހުގެ ފަތުގެ ކުލަ މަޑު ފެހިކުލައަކަށް ދާނަމަ އެއީ މާގިނަ ނުވަތަ މާ މަދުން އަލި ލިބެނީ އެވެ. މިފަދަ ހާލަތްތަކުގައި ގަސް ހުންނަތަން ބަދަލުކުރެވިދާނެއެވެ. މާ ބޮޑަށް އަލި ގަދަ ނަމަ ގަހުގެ ފަތުގެ ކުލަ ރީނދޫކުލައަށް ބަދަލުވާނެއެވެ.

ގަދަ މުށި ނުވަތަ ކަޅު ކުލައަށް ފަތްތައް ބަދަލުވާނަމަ އެއީ އިރުގެ އަލިން ފަތްތައް އަނދާފައިވުމެވެ. އެފަދަ ގޮތަކަށް ވެއްޖެނަމަ ގަސް ހުރިތަން މަދުން އިރުގެ އަލި ލިބޭތަނަކަށް އަވަހަށް ބަދަލުކުރަންވީއެވެ.

ފިނިހޫނު މިނަކީ އޯކިޑަށް ވަރަށް މުހިއްމު އެއްޗެކެވެ. ހައްދާ އޯކިޑަކާ ގުޅެގޮތުން ފިނިހޫނުމިން ބަލަން ޖެހެއެވެ. އާންމުކޮށް ދިވެހިން ހައްދާ މޮތު އޯކިޑަކީ އާދައިގެ ފިނިހޫނުމިނުގައި ފަސޭހަކަމާއެކު ހެއްދޭ އެއްޗެކެވެ. ބައެއް އޯކިޑަކީ ތެތްފިނި މާހައުލުގައި ހެއްދޭ އޯކިޑެވެ. ގޭތެރޭގައި ގަސް ބަހައްޓާފައި ހުންނަތަނަކީ މާ ބޮޑަށް ހޫނުވެފައި ހުންނަ ތަނެއްނަމަ މިފަދަ އޯކިޑް ހެއްދުން އުނދަގޫވާނެއެވެ.

މާގިނައިން ފެން ދިނުމަކީވެސް އޯކިޑަށް ރަނގަޅު ގޮތެއް ނޫނެވެ. ގިނައިން ފެންދިނުމުން ގަސް މަރުވާގޮތް ވެއެވެ. ގޭތެރޭގައި ހައްދާ އޯކިޑަށް ފެންދޭއިރު ސިންކު ތެރޭގައި ބަހައްޓައިގެން ފެން ދިނުމަށްފަހު ފެން ރަނގަޅަށް ހިކުމުން އަލުން އެ ބަހައްޓާފައި ހުންނަ ތަނަށް ގެންދާށެވެ. މާގަނޑު ނިކުންނަށް ފެށުމުން ފެން އަޅާ މިންވަރު މަދުކުރާށެވެ. އަދި އާ ކުރިތައް ފަޅާ ދުވަސްވަރު އާދައިގެ މިނުގައި ފެންދޭށެވެ.

ގަސްކާނާ އެޅުން: އޯކިޑަށް ފާޓިލައިޒާ މުހިއްމުވާނީ މަހަކު އެއްފަހަރުގައި ކަމަށް ދިރާސާތަކުން ދައްކައެވެ. މިގޮތަށް ބޭސް ޖަހާއިރު ފެނަށް ގިރައިގެން ސްޕްރޭ ކުރުން މުހިއްމެވެ. ގަހުގައި މާ ނިކުންނައިރު ގަހަށް ބޭސް ޖެހުން ބުއްދިވެރިއެއް ނޫނެވެ. ބޭސް ޖެހުން އެންމެ ރަނގަޅީ ގަހުގައި އާ ކުރި ނިކުމެ ހެދޭދުވަސްވަރުގައެވެ.

އޯކިޑް ގަސްތައް މަދުވެގެން އަހަރަކު އެއްފަހަރު އާ ޕޮޓަކަށް ބަދަލުކުރުމަކީ ގަހަށް ފައިދާ ހުރި ގޮތެކެވެ. މިގޮތަށް އެއްޕޮޓުން އަނެއްޕޮޓަށް ބަދަލުކުރާއިރު ވީހާވެސް މަޑުމަޑުން އޯގާތެރިކަމާއެކު އޭގައި ހުންނަ މޫކޮޅުތައް ހަލާކުނުވާގޮތަށް ޕޮޓުން ނަގާފައި އަނެއް ޕޮޓަށް ލުމަށް ފަހު ބޮނބި ނުވަތަ އީޓުކޮޅު ނުވަތަ ޗާކޯލް ފަދަ ތަކެތި އަޅައިގެން ޕޮޓް ރީތިކޮށްލާށެވެ.

ޕޮޓް އާ ކުރާއިރު ޕޮޓްގެ ތެރެއަށް އޯކިޑް ބާކް ފަދަ ތަކެތި ލުމަކީ ގަސް ވަރުގަދަކޮށް ހެދުމަށް އެހީތެރިވެދޭނެ ކަމެކެވެ.