English Edition
Dhivehi Edition

މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ހުކުމް ތަންފީޒު ކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

ޖިންސީ ގޯނާގެ ދައުވާ އުފުލާފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ހޯދުމަށް، އޭނާގެ ފަރާތުން ޖާމިނުވި އަސްހަދު، 15 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ މި މަހުގެ ދެވަނަ ދުވަހުގައެވެ.

އަލީ ވަހީދަށް ދީފައިވާ މުއްދަތު ހަމަވިއިރުވެސް، އޭނާ އަނބުރާ ރާއްޖެ ވަޑައިގެންފައިނުވާއިރު، މި މައްސަލަ އާއި ގުޅިގެން އަސްހަދުގެ މައްޗަށް ހުކުމް ކުރި އިރު އޭނާވެސް ރާއްޖޭގައި ނޫޅެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އަސްހަދު ރާއްޖެ އައިސްފައިވަނީ މިރޭގެ ވަގުތެއްގައެވެ.

މިކަމާއި ގުޅޭ ތަފްސީލު ދެއްވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ، އަސްހަދު މިރޭ ރާއްޖެ އައިސް އަމިއްލައަށް ކަރެކްޝަންސް އާއި ހަވާލުވެފައިވާ ކަމަށެވެ. އަދި އޭނާ ޖަލަށް ގެންދިވެފައިވަނީ އެއާޕޯޓުން ކަމަށް ވެސް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވިއެވެ.