English Edition
Dhivehi Edition

ސްޓޫޑެންޓު ލޯނު ދޫކުރުމުގައި އެޑްމިިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުން އަންނަ އިންޓްރެސްޓު ކުޑަކޮށް، ސްޓޫޑެންޓް ލޯނަށް 720 ފުރުސަތު ހުޅުވައިލައިފިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް އަލަށް ހުޅުވާލި މި ފުރުސަތުތައް، މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހިމް ހަސަން މިއަދު ވަނީ އިއުލާންކުރައްވައިފިއެވެ. މިއަދު އިއުލާނުކޮށްފައިވަނީ އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް 417 ފުރުސަތާއި މިހާރު ވެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް 303 ފުރުސަތެވެ.

ހިލޭ ޑިގްރީ ސްކީމްގެ ދަށުން މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް ވެސް ލޯނަށް ކުރިމަތިލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ އެ ކުދިންގެ ކޯސް ފީގެ އިތުރުން ކުރަން ޖެހޭ އިތުރު ހަރަދުތައް ކުރުމަށްޓަކައި ގެނެވޭ ބަދަލެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ތެރެއިން ރާއްޖޭގައި އެމްބީބީއެސް ކިޔަވަމުން އަންނަ ދަރިވަރުންނަށް 40 ސްލޮޓު ވަނީ ރިޒާވްކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު އިއުލާނު ކުރެވުނު ފުރުސަތުތަކުގައި އެންމެ ބޮޑު ބަދަލަކަށް ގެނެސްފައިވާނީ ކުރިން އެޑްމިޝަން ފީގެ ގޮތުގައި ނަގަމުން އައި ތިން އިންސައްތައިގެ އިންޓްރެސްޓު، އެއް އިންސައްތައަށް ކުޑަކުރުން ކަމަށެވެ.

މީގެ އިތުރުން މި އަހަރުގެ ލޯނު ސްކީމުގައި ރާއްޖެއިން މާސްޓާސް ތައުލީމު ހާސިލް ކުރުމަށް ވެސް ދޫކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ފުރުސަތުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ އަންނަ މާޗު މަހުގެ ތިން ވަނަ ދުވަހުގެ 01:00 އަށެވެ.