English Edition
Dhivehi Edition

މަޢުރިބުގެ ވަޅަކަށް ވެއްޓުނު ޢުމުރުން ފަސް އަހަރުގެ ރަޔާން އައުރަމު ސަލާމަތްކުރުމާ ގާތަށް ގޮސްފައިވާކަމަށް އެ ޤައުމުގެ ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ އިދާރާތަކުން ބުނެފިއެވެ.

ޢުމުރުން ފަސް އަހަރުގެ ރަޔާން އައުރަމު ވެއްޓިފައިވަނީ މަޢުރިބުގެ އުތުރުގެ ސަރަޙައްދުތަކުގެ އުސްބިންތަކެއްގައި ހުރި 100 ފޫޓުގެ ފުން ވަޅަކަށެވެ.

ރަޔަން ވެއްޓުނު ވަޅުގެ ފުޅާމިނުގައި ހުރީ އެންމެ 45 ސެންޓިމީޓަރުކަމުން އޭނާ ސަލާމަތްކުރުމަށް އެ ވަޅުގެ ތެރެއަށް ފޭބުމަކީވެސް އުނދަގޫ ކަމެއް ކަމަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ފާއިތުވި ފަސް ދުވަހު ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކުންވަނީ އެ ވަޅު އިތުރަށް ބޮޑުކޮށް އަދި ކޮނެގެން ރަޔާން ސަލާމަތްކުރުމުގެ މަސައްކަތްކޮށްފައެވެ. ނަމަވެސް ބޮޑެތި ހިލަތައް ފޭބުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިޘާތަކުގެ ސަބަބުން އެ މަސައްކަތް އިތުރަށް އުނދަގޫވެގެން ދިޔައެވެ.

ރެސްކިއު ޓީމުގެ މެމްބަރަކު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ކުއްޖާ ސަލާމަތްކުރަން ވަޅުގެ ފުނަށް ފޭބި ވަރަކަށް ވަޅު ހިމަވަމުންދާ ކަމަށެވެ. އަދި އޭގެސަބަބުން ރެސްކިއު ޓީމުގެ ފަރާތްތަކަށް ވަޅުގެ ތެރެއިން އެތެރެއަށް ހުރަސްކުރުމުގައި ގޮންޖެހުންތަކެއް ހުރުމުން، އެކަން ކުރުމަށް ވޮލަންޓިއާ ކުރާނެ ފަރާތްތައް މަދުވަމުންދާކަމަށެވެ.

އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން ފަސްދުވަހަށްފަހު އެ ކުއްޖާއާ ދެ މީޓަރު ކައިރިއަށް އާދެވިފައިވާކަމަށާއި ވަޅަށް ވެއްޓިފައިވާ ކެމެރާއަކުން އެ ކުއްޖާ އަރިއަކަށް އޮށޯވެގެން އޮންނަތަން ފެންނަކަމަށް މީޑިއާތަކުން ބުނެފައިވެއެވެ. ނަމަވެސް އެ ކުއްޖާގެ ޙާލު ދެނެގަންނަން އުނދަގޫކަމަށާއި އުއްމީދަކީ ދިރިހުއްޓާ ވަޅުން އެ ކުއްޖާ ނެގުންކަމަށްވެސް އެފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރަޔާން ވެއްޓިފައިވަނީ މަޢުރިބުގެ އުތުރުގައި އޮންނަ ކުޑަ އަވަށެއްގައި ހުންނަ ބޭނުންނުކުރާ ފެންވަޅަކަށެވެ. އެ ކުއްޖާ ނެގުމަށް މަސައްކަތްކުރުމުގެ އިތުރުން ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކުންވަނީ އޭނާއަށް ބޭނުންވާނެ ކާއެއްޗިއްސާއި ބޯފެނާއި އޮކްސިޖަން ވަޅަށް ތިރިކޮށްފައެވެ. ނަމަވެސް އެ ތަކެތި އެ ކުއްޖާ ބޭނުންކުރި ކަމެއް އަދި ސާފެއް ނޫނެވެ.

މި ހާދިސާއާ ގުޅިގެން މޮރޮކޯގެ އެތައް ހާސް ބަޔަކު މީސް މީޑިއާގައި އެ ކުއްޖާއާ މެދު ހަމްދަރުދީ ފާޅުކޮށް ޓްވީޓް ކުރަމުން އެބަދެއެވެ. މިގޮތަށް އެތައް ބަޔަކު ދަނީ ހޭޝްޓެގް #SaveRayan ބޭނުންކޮށްގެން، އެ ކުއްޖާއަށް ހެޔޮ ދުއާ ކުރަމުންނެވެ.