English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި މާލޭގައި ބަހައްޓާފައި ހުރި ފޮއްޓަށް ވޯޓުލާން ދާ މީހުންނަށް ފައިސާ ބަހާ ކަމަށް ބުނެ، އެ ސަރަހައްދު ހަލަބޮލިވެއްޖެއެވެ.

އިސްކަންދަރު ސްކޫލް ކުރިމަތީގައި ޕީޕީއެމްއާއި އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހަމަނުޖެހުން ހިނގަމުން އަންނަ އިރު ޕީޕީއެމް އިން ތުހުމަތު ކުރަނީ އިސްކަންދަރު ސްކޫލް ކުރިމަތީ ހުންނަ ރީތި ފޮޓޯ ކައިރި ހުރި ގަރާޖެއްގެ ތެރޭގައި އެމްޑީޕީއިން ރިޝްވަތު ފައިސާ ބަހަމުން ދާކަމަށެވެ.

މިކަމާ ގުޅިގެން ޕީޕީއެމްގެ ގިނަ ސަޕޯޓަރުންތަކަކާއި އެމްޑީޕީ ސަޕޯޓަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތަކެއް ވެސް ވަނީ ބަދަލުކޮށްފައެވެ. އަދި ހަމަނުޖެހުމާއި މާރާމާރީއެއް ހިނގާފާނެތީ އެމީހުން ހުއްޓުވަން ފުލުހުން ވެސް މަސައްކަތް ކުރިއެވެ.

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވޯޓުލުމަށް މާލޭގެ އިސްކަންދަރު ސްކޫލްގައި ދެ ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. އެ ދެ ވޯޓު ފޮށި ހުރި މަރުކަޒުގައި ވަރަށް އަމާންކަމާއި އޮމާންކަމާއެކީގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ދިޔަ ނަމަވެސް ހަލަބޮލިވެފައި އޮތީ އިސްކަންދަރު ސްކޫލް ބޭރުން މަގުމަތީގައެވެ.

މި އިންތިހާބުގައި އެމްޑީޕީއިން ވާދަ ކުރަނީ މުހައްމަދު ރާޝިދުއެވެ. ޕީޕީއެމްއިން މޫސާ ފަތުހީ އާދަމް ވާދަ ކުރާއިރު އެމްއެންޕީ އިން ވާދަ ކުރަނީ އަބްދުލް ހަންނާނު އިދުރީހެވެ.

މިއީ ކޮމަންޑޫ ދާއިރާގެ މެމްބަރަކަށް ހުންނެވި، އެމްޑީޕީގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެން ބާއްވާ ބައިއިލެކްޝަނެކެވެ.