English Edition
Dhivehi Edition

ޗައިނާގެ ވެރިރަށް ބެއިޖިންގގައި ފަށާ ފިނި މޫސުމުގެ އޮލިމްޕިކް ގޭމްސްގެ ދަންމަރާއެކު އދ. އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދުވެވަޑައިގެންފިއެވެ.

ހުކުރު ދުވަހު ޝާހިދު އޮލިމްޕިކް ދަންމަރާއެކު ދުވެވަޑައިގެންއިރު، އޮލިމްޕިކް ދަންމަރު ޝާހިދާއި ހަވާލުކުރެއްވީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީގެ ރައީސް ތޯމަސް ބާކްއެވެ.

ޝާހިދު ވިދާޅުވީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއްކަމަށެވެ. އދ. ގެ އާންމު މަޖިލީހުގެ ރައީސް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެފައިވާއިރު، އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް ޤައުމުތަކުން ދޭ އަހަންމިއްޔަތުކަން ދައްކައިދިނުމަށް އެމަނިކުފާނު ވަނީ އދގެ މެމްބަަރު ޤައުމުތަކަށް އިލްތިމާސްކުރައްވާފައެވެ.

އޮލިމްޕިކް ދަންމަރު ރިލޭގައި 1200 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު މިރިލޭގައި ޤައުމުތަކުގެ ރައީސުންނާއި، ކުރީގެ އެތުލީޓުން ބައިވެރިވެފައިވެއެވެ.

މިމަހު ބެއިޖިންގ ގައި ފަށާ ވިންޓަރ އޮލިމްޕިކްސްގައި 91 ޤައުމަކުން 3000 އެތުލީޓުން ބައިވެރިވާނެއެވެ.

މިފަހަރުގެ މުބާރާތުގައި ހަތް ކުޅިވަރަކުން 109 ގޯލް މެޑަލް ހާސިލް ކުރުމުގެ ފުރުސަތު ހުޅުވިފައެވެ. ވިންޓަރ އޮލިންޕިކްސް ހުޅުވުމުގެ ރަސްމިއްޔާތު މިއަދު އޮތް ނަމަވެސް މިމުބާރާތުގެ ކުޅިވަރުތައްވަނީ ބުދަ ދުވަހު ފަށާފައެވެ. މިގޮތުން އެންމެ ފުރަތަމަ ފަށާފައިވަނީ މިކްސް ޑަބަލްސް ކަރލިންގއިންއެވެ.
24 ވަނަ ވިންޓަރ އޮލިމްޕިކްސް ކުޅިވަރު މުބާރާތާއި ގުޅޭގޮތުން ޗައިނާގެ ރައީސް އިއްޔެ ވިދާޅުވީ މިމުބާރާތާއެކު ދުނިޔޭގެ ލޯތައް ޗައިނާއަށް އަމާޒު ވެއްޖެ ކަމަށާއި އަދި ޗައިނާއޮތީ މިކަމަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ. ބެއިޖިންގ ވެފައިވަނީ ސަމަރ އާއި ވިންޓަރ އޮލިމްޕިކް ގޭމްސް ބާއްވާ ފުރަތަމަ ސިޓީއަށް. މީގެ 14 އަހަރު ކުރިން، 2008 ވަނަ އަހަރުގެ ސަމަރ އޮލިމްޕިކްސް މުބާރާތްވެސް ވަނީ ބެއިޖިންގ ގައި ބާއްވާފައެވެ.

މިފަހަރުގެ ވިންޓަރ އޮލިމްޕިކްސް މުބާރާތުގެ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ކްލަސްޓަރއެއްގެ ތެރެއިންނެވެ. މިގޮތުން ބެއިޖިންގ ގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑޯ އިވެންޓްތަކެވެ. މީގެތެރޭގައި ހިމެނެނީ ކަރލިންގ، ސްޕީޑް ސްކޭޓިންގ، ފިގަރ ސްކޭޓިންގ އަދި އައިސް ހޮކީއެވެ. މީގެއިތުރުން ބިގް އެއަރ އާއި ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތާއި ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީވެސް ބެއިޖިންގައެވެ. މިފަހަރުގެ މުބާރާތުގައި ހިމެނޭ ސްލައިޑިންގ ސްޕޯޓްސް ބޭއްވުމަށް ހަމަޖެހިފައިވަނީ ބެއިޖިންގ އާއި 75 ކިލޯމީޓަރު ދުރުގައިވާ ޔަންޗިންގ ގައެވެ. މިގޮތުން ޔަންޗިންގގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ބޮބްސްލޭ އާއި ސްކެލެޓަން އެންޑް ލޫޖް އަދި އެލްޕައިން ސްކީއިންނެވެ. އަދި ފްރީ ސްޓައިލް ސްކީއިންގ އާއި ސްނޯބޯޑިންގ އިވެންޓް ތަކާއި ސްކީ ޖަމްޕިންގ އަދި ބައިތުލޯން އެންޑްް ކްރިސް ކަންޓްރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ބެއިޖިންގއާއި 180 ކިލޯމީޓަރު ދުރުގައިވާ ފަރުބަދަމަތީ ސަރަހައްދެއް ކަމަށްވާ ޖިއާންގޖިއާކޯ ގައެވެ. 2008 ވަނަ އަހަރުގެ ބެއިޖިންގ އޮލިމްޕިކްސް ގައި ބޭނުންކުރި ގިނަަ ވެނިއު ތައް ވަނީ މިފަހަރުގެ މުބާރާތަށް އަލުން އެހެން ކަންތައްތަކަށް ބޭނުން ކުރެވޭގޮތް ހަދާފައެވެ. މިގޮތުން ސްވިމިންގ ވޯޓަރ ކިއުބް ވަނީ ކަރލިންގ ގެ އިވެންޓްތައް ބޭއްވުމަށް ތައްޔާރު ކޮށްފައެވެ. އަދި ބަރޑްސް ނެސްޓް ސްޓޭޑިއަމް މިވަނީ ހުޅުވުމާއި ނިންމުމުގެ ރަސްމިއްޔާތަށް ތައްޔާރު ކޮށްފައެވެ.