English Edition
Dhivehi Edition

ގދ. ހޯޑެއްދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ އިންޑިޔާ އެގްޒިމް ބޭންކްގެ 800 މިލިއަން ޔޫއެސް ޑޮލަރުގެ އެލްއޯސީ ފެސިލިޓީގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން ގދ. ހޯޑެއްދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

މިއީ ޑިސެމްބަރު 2018 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައި ވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ދެ އަހަރު ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރާ އިރު، މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ މާރޗް މަހުގެ 17 ވަނަ ދުވަހުއެވެ.

ޓެންޑަރިންގ މަރުހަލާ މިނިސްޓްރީ އޮފް ފިނޭންސްގެ ފަރާތުން ކުރިއަށް ގެންދިޔަ އިރު، މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ގެ ދަށުންނެވެ.

މި މަޝްރޫއުގައި ވާރޭ ފެން ރައްކާކޮށް، ބޯން ކަމުދާ ފެނަށް ބަދަލު ކުރުމާއި، ލޮނުފެން ޑީސެލިނޭޓްކޮށް ސަޕްލައި ކުރުމާއި ނަޖިސް އެއްކޮށް، ރައްކާތެރިކަމާ އެކު ނައްތާލުން ހިމަނާފައިވެއެވެ.

ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމުގެ މަޝްރޫއުއަކީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން-އޮފް-ކްރެޑިޓް ފެސިލިޓީތަކުގެ ދަށުން ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ 9 މަޝްރޫއުތަކުގެ ތެރެއިން ޖިއޮގްރަފީގެ ގޮތުން އެންމެ ބޮޑަށް ފެތުރިފައިވާ މަޝްރޫއުއެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މި މަޝްރޫއުއަށް ހޮވާފައިވާ 34 ރަށަކީ 16 އަތޮޅަކަށް ނިސްބަތްވާ ރަށްތަކެވެ. އެގޮތުން ހއ، ހދ، ށ، ނ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، އަދި ގދ އަތޮޅުގެ ރަށްތައް ހިމެނެއެވެ.

މި މަޝްރޫއުގެ ސަބަބުން 34 ރަށުގައި ދިރިއުޅޭ ރައްޔިތުން ބޯ ފެން ގަތުމަށް ކުރާ ހޭދަ އެތައް ޚަރަދެއް ކުޑަވެގެން ދާނެއެވެ.

އެގޮތުން ފަސް މީހުން ދިރިއުޅޭ ގެއެއްގައި އެއް ލީޓަރުގެ ފެން ފުޅި ތިން ރުފިޔާއަށް ބޯން ގަންނަ ނަމަ، މަހެއްގެ މައްޗަށް ޢާންމުކޮށް ބޯ ފެން ގަތުމަށް 450 ރުފިޔާ ޚަރަދު ކުރެވެއެވެ. އަދި އަހަރުގެ 9 މަސް ދުވަހު މި ޚަރަދު ކުރަން ޖެހޭ ކަމަށް ބަލައިފިނަމަ މުޅި އަހަރުގެ ތެރޭގައި ކޮންމެ މަހަކު 337 ރުފިޔާ ޚަރަދު ކުރެވެއެވެ.

ނަމަވެސް، ފެނުގެ ނިޒާމު ގާއިމު ކުރުމުން ގޭބިސީތަކުން ޚަރަދު ކުރަން ޖެހޭ އަދަދު ބޮޑު ތަން ކުޑަވާނެއެވެ.