English Edition
Dhivehi Edition

މެންޗެސްޓާ ޔުނައިޓެޑް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު މުބާރާތަށް ކޮލިފައި ނުވެއްޖެ ނަމަ އެކުލަބުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެހެން ކުލަބަކަށް ބަދަލުވާން ތައްޔާރަށް ހުރިކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި ރޮނާލްޑޯ ޔުނައިޓެޑާއި އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި އެއް އަހަރު އޮތްނަމަވެސް ޗެމްޕިއަންސް ލީގު ނުކުޅެވޭނަމަ އޭނާ ޔުނައިޓެޑްގައި މަޑުނުކުރާނެއެވެ. ޔުނައިޓެޑް މިހާރު އޮތީ 20 މެޗު ކުޅެގެން ލިބުނު 32 ޕޮއިންޓާއި އެކު ލީގުގެ ހަތް ވަނާގައެވެ. މިރޭގެ މެޗުން ބަލިވެއްޖެ ނަމަ ޔުނައިޓެޑް އިތުރަށް ފަހަތައް ސޮއްސާލާނެއެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ޔުނައިޓެޑްގެ ފޯމް ވަރަށް ބޮޑަށް ދައްވެ އެކުލަބަށް ލީގުގެ ގަދަ ހަތަރެއްގައިވެސް ހިމެނިގެން ނުދިއުމަކީ ގާތް ކަމެކެވެ.

ލީގުގެ ގަދަ ހަތަރެއްގައި ނުހެމިނިއްޖެ ނަމަ ޔުނައިޓެޑް އަންނަ ސީޒަނުގައި ކުޅެން ޖެހޭނީ ޔޫރޮޕާ ލީގުގައެވެ. ރޮނާލްޑޯ އަކީ އޭނާގެ މުޅި ކެރިއަރުގައިވެސް ޔޫރޮޕާ ލީގު ކުޅެފައިވާ ކުޅުންތެރިއެއް ނޫނެވެ. އަދި އޭނާ އެގޮތެއް ބޭނުމެއްވެސް ނުވާނެއެވެ. އެހެން ކަމުން ޔުނައިޓެޑް ޔޫރޮޕާ ލީގު ކުޅެން ޖެހިއްޖެ ނަމަ ރޮނާލްޑޯ އެ ކުލަބު ދޫކޮށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ނިމިގެން ދިޔަ އަހަރުގެ ހޫނު މޫސުމުގައި އިޓަލީގެ ޔުވްނެޓަސްއިން ޔުނައިޓެޑަށް ބަދަލުވި ރޮނާލްޑޯ ގެނައީ އެ ކުލަބަކަށް ކާމިޔާބީ ގޯދުމަށެވެ. އެގޮތުން ރޮނާލްޑޯ އަދި މިހާތަނަށް ދެއްކި ކުޅުމަށް ބަލާއިރު ގޯހެކޭ ބުނެވޭނެ ޖާގައެއް ނެތެވެ. އެއީ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ޔުނައިޓެޑް ދަތުރުކުރުމުގައި ރޮނާލްޑޯގެ ދައުރު ބޮޑެވެ.

ރޮނާލްޑޯ ވަނީ މި ސީނަށް އަލަށް އެނބުރި އަައިސް މިހާތަނަށް ޔުނައިޓެޑަށް ކުޅެދިން 22 މެޗުގައި 14 ގޯލް ޖަހައިދީފައެވެ.