English Edition
Dhivehi Edition

އައްޑޫސިޓީގައި އަމިއްލަ ފަރާތްތަކުން ހިންގަމުން އަންނަ ހިރާ ސްކޫލަށް ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ލިބިއްޖެއެވެ.

ހިރާ ސްކޫލަށް މި ޕްރައިޒް ލިބިފައިވަނީ މިއަދު ދުބާއީގައި ކުރިއަަށް ގެންދާ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް ގައި މިއަދު ކުރިއަށްގެންދިޔަ ސަސްޓެއިނަބިލިޓީ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައެވެ. އެ ސްކޫލަށް މި އެވޯޑު ލިބިފައިވަނީ ދެކުނު އޭޝިޔާ ސަރަހާއްދުގެެ ގްލޯބަލް ހައި ސްކޫލު ކެޓަގެރީއިންނެވެ. ހިރާ ސްކޫލްގެ އިތުރުން މި އެވޯޑުގެ ފައިނަލަށް ނޭޕަލް ގެ ދި ބްލިންކް ނައު ފައުންޑޭޝަނާއި އިންޑިއާގެ ކުވާރީ ހަންސާ ހަޔާ ސެކަންޑްރީ ސްކޫލް ވަނީ ހިމެނިފައެވެ.

ގްލޯބަލް ހައި ސްކޫލް ކެޓަގަރީ، ހަ ރީޖަންއަކަށް ބަހާލާފައިވާއިރު މި އެވޯޑަށް ޖުމްލަ 18 ގައުމަކުން 18 ސްކޫލު ވަނީ ވާދަކޮށްފައެވެ މީގެ ތެރެއިން ހޮވާފައިވަނީ 6 ސްކޫލެކެވެ. އަދި އެވޯޑް ކާމިޔާބުކުރާ ހަ ސްކޫލުގެ ތެރެއިން ކޮންމެ ސްކޫލަކަށް 100،000 ޔޫއެސްޑޮލަރު ލިބިގެން ދާނެއެވެ.

ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް އަކީ، 5 ދާއިރާ އަކުން ދެމެހެއްޓެނެވި ހައްލުތައް ހޯދާ ފަރާތްތަކަށް ޔޫއޭއީ އިން ދެމުން އަންނަ އެވޯޑެކެވެ. 2008 ވަނަ އަހަރުން ފެށިގެން މި އެވޯޑު ދެމުން އަންނަ ދާއިރާތަކަކީ ސިއްހަތާއި ކާނާ، ހަކަތަ އާއި ފެން، އަދި ގްލޯބަލް ހައި ސްކޫލްގެ ދާއިރާއިންނެވެ. ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް އަކީ ޝެއިޙް ޒައިދު ސުލްތާން އަލް ނަހްޔާނުގެ ހަނދާނުގައި ދެމުން އަންނަ އެވޯޑެކެވެ.

މިއީ މި އެވޯޑު އައްޑޫސިޓީގެ ސްކޫލަކަށް ލިބިގެން ދިޔަ 2 ވަނަ ފަހަރެވެ. މީގެ ކުރިން އައްޑޫހައިސްކޫލުން ވެސް ވަނީ މި އެވޯޑު ހާސިލް ކޮށްފައެވެ.