English Edition
Dhivehi Edition

އާބާދީމަދު ރަށްރަށުގެ ކުދީންނަށް އެކަށީގެންވާ ރަނގަޅު ތަޢުލީމީ ނިޒާމެއް ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ 3 ރަށެއްގައި ސެޓެލައިޓް ސްކޫލް އިފްތިތާޙު ކޮށްފިއެވެ.

ހޯމަ ދުވަހު މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސެޓެލައިޓް ސްކޫލް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމްއެވެ.

ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ސެޓެލައިޓް ސްކޫލް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ވިދާޅުވީ މިކަމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތުކަމުގައިވާ ޖަޒީރާ ތަރައްޤީއަށް އައު ފެށުމެއްކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ސަރުކާރުން މިއަދު ސެޓެލައިޓް ސްކޫލްގެ މަފްހޫމަށް ކިޔަވައިދިނުން އިފްތިތާޙްކޮށްދެއްވި 3 ރަށުގެ ދަރިވަރުންނަށް އެކުދިންގެ އަމިއްލަ ރަށުގައި ތިބެ ތަޢުލީމު ހާޞިލުކުރުމުގެ ފުރުޞަތު ލިބިގެން އެދިޔައީ ގާތްގަޑަކަށް 12 ވަރަކަށް އަހަރުވަންދެން އެފުރުޞަތު ނުލިބި އޮތުމަށްފަހުގައިކަން ފާހަގަކުރެއްވިއެވެ. އަދި މި ލިބުނު ފުރުޞަތާއެކު މި ރަށްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ ތަޢުލީމީ ދާއިރާ ކުރިއަރުވާ ފުޅާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ.

ސެޓެލައިޓް ސްކޫލް މަފްހޫމަށް ކިޔަވައިދޭން ފެށި ސްކޫލްތަކަކީ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މިވަގުތު ނިޒާމީ ތަޢުލީމު ފޯރުކޮށް ދިނުމަށް ސަރުކާރުގެ ސްކޫލެއް ޤާއިމް ވެފައި ނުވާ ރަށްތަކެއް ކަމުގައިވާ ބ. ފެހެންދޫ ވ. ތިނަދޫ އަދި ވ.ރަކީދޫގެ ސްކޫލެވެ. ދިރާސީ އަހަރު 2021-2022ގައި މި ސްކޫލްތަކުގައި ކިޔަވާދިނުމަށް ހަމަޖެހިފައިވަނީ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 8 ގެ ނިޔަލަށެވެ. ސެޓެލައިޓް ސްކޫލްތައް ފެށިގެން ދާއިރު މިއިން ކޮންމެ ސްކޫލެއްގައި 2 ޓީޗަރުންނާއި އެޑްމިން އޮފިސަރަކާ، މަސައްކަތު މީހަކު، މަސައްކަތް ކުރާނެއެވެ.

ސެޓެލައިޓް ސްކޫލްތަކުގައި ހައި ސްޕީޑް އިންޓަނެޓް މެދުވެރިކޮށް އޮންލައިންކޮށް ކިޔަވާދިނުން ކުރިޔަށްގެންދާއިރު މި ނިޒާމުގައި ދަރިވަރުން ކިޔެވުމަށް ހާޒިރުވާނީ އެކުދިން އަމިއްލަ ރަށުގެ ސުކޫލަށެވެ. ސެޓެލައިޓް ސުކޫލުތަކަށް ކިޔަވައިދިނުމަށް ޚާއްސަ ކުރެވިފައިވާ ޓީޗަރުން ތިއްބަވާނީ މާލޭގެ ހުރަވީ ސުކޫލުގައި ޤާއިމުކޮށްފައިވާ ސެޓެލައިޓް ހަބް ސެންޓަރުގައެވެ. ކިޔަވައި ދެއްވާ ޓީޗަރުން އެހެން ރަށެއްގައި ތިއްބެވި ނަމަވެސް ފެސިލިޓޭޓަރ ޓީޗަރުން އަބަދުވެސް ދަރިވަރުންނާއެކު ކްލާސްތަކުގައި މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން މި ދަރިވަރުންނަށް އިތުރު ހަރަކާތްތައް ހިންގުމުގައި ބެލެނިވެރި ސްކޫލްތަކުގެ ގޮތުގައި ބ.ގޮއިދޫ ސްކޫލާއި، ވ.ކެޔޮދޫ ސްކޫލް އަދި ވ.އަތޮޅު ތަޢުލީމީ މަރުކަޒު ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި މި ބެލެނިވެރި ސުކޫލުން ރާވާ ހިންގާ އިތުރު ހަރަކާތްތަކުގައި ސެޓެލައިޓް ސުކޫލު ދަރިވަރުން، ބެލެނިވެރި ސުކޫލަށް ހާޒިރުވެގެން ބައިވެރިވާނޭ އިންތިޒާމްތައް ވެސް ވަނީ ހަމަޖައްސާފައެވެ.

ބެލެނިވެރި ސްކޫލްގެ ޒިންމާތަކުގެ ތެރޭގައި ސެޓެލައިޓް ސްކޫލްގެ މާލީ ކަންކަން ބަލަހައްޓައިދިނުމާއި ސެޓެލައިޓް ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކޮށްގެން ކުޅިވަރު ހަރާކާތްތަކާއި އެހެނިހެން ހަރާކާތްތައް ރާވައިހިންގުން ވެސް ހިމެނެއެވެ.