English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ބްރެންޓްފޯޑް ބަލިކޮށް ތާވަލުގެ ދެވަނައަށް ލިވަޕޫލް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ބްރެންޓްފޯޑް އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ ފުރަތަމަ ހާފު ނިމެން ގާތް ވެފައި ވަނިކޮށް މެޗުގެ 44 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. އަލެކްސަންޑަ-އާނޯލްޑް ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފަބީނިއޯއެވެ.

ލިވަޕޫލް ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، މެޗުގެ 69 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެންޑީ ރޮބަޓްސަން ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލެކްސް އޮކްސްލޭޑް-ޗަމްބަލެއިންއެވެ. ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ 77 ވަނަ މިނެޓުގައި ޗަމްބަލެއިންގެ ބަދަލުގައި ކުޅެން އެރި ޓަކޫމީ މިނަމީނޯއެވެ. މި ލަނޑު މިނަމީނޯ ކާމިޔާބުކުރީ ރޮބާޓޯ ފިރްމީނޯ ދިން ބޯޅައަކުންނެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައަށް 45 ޕޮއިންޓާއި އެކު ލިވަޕޫލް ޖެހިލިއިރު، ތާވަލުގެ އެއްވަނައިގައި އޮތީ މެންޗެސްޓާ ސިޓީ އެވެ. އެގޮތުން ސިޓީ ކުޅުނު 22 މެޗުން އެޓީމަށް ވަނީ 56 ޕޮއިންޓް ލިބިފައެވެ. އަދި ތާވަލުގެ ތިންވަނާގައި އޮތީ ޗެލްސީއެވެ. އެޓީމު ތިން ވަނާގައި އޮތީ ކުޅުނު 22 މެޗުން ލިބުނު 43 ޕޮއިންޓާއި އެކުގައެވެ.