English Edition
Dhivehi Edition

މިދިޔަ 35 އަހަރުގެ ތެރޭގައި، އޭ.ޑީ.ކޭ.ގެ ސަބަބުން ރައްޔިތުންގެ ޢާންމު ޞިއްޙަތަށް ވަރަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

އޭޑީކޭ ހޮސްޕިޓަލަށް 35 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ދުވާހިތުން ޗެރިޓީ ރަން ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވަނީ އޭ.ޑީ.ކޭ ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ތެރެއިން މާގިނަ ބަޔަކަށް ނޭނގި އޮތް، އެހެން ނަމަވެސް ވަރަށް މުހިންމު ދާއިރާއެއް ފާހަގަކޮށްދެއްވާފައެވެ.

ރައީސް ސާލިހު ވިދާޅުވީ އެއީ މީހުން ބިނާކުރުން ކަމަށާއި އެއީ ނާޝިދު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއްކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަަމަށެވެ. އަދި އެހޮސްޕިޓަލުގައި ޚިދުމަތް ކުރައްވާ ގިނަ ޑޮކްޓަރުންނާއި، އެހެން ބައެއް މުވައްޒަފުންނަކީ، އެ ހޮސްޕިޓަލުގެ ޚަރަދުގައި ކިޔަވައިދީ، ތަމްރީން ދީފައި ތިބި މީހުންކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

“މި ހޮސްޕިޓަލުން 2007 ވަނަ އަހަރުން ފެށިގެން އަންނަނީ ނަރސިންގ ސްކޫލެއްވެސް ހިންގަމުން. އެ ސްކޫލުން މިހާރުވެސް ބައެއް ކޯސްތައް ހިންގައި، އެތައް ބަޔަކު ތަމްރީންވެސް ކޮށް ނިންމައިފި. މިހާރު އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ ތައްޔާރުވަނީ، މިއަހަރުގެ ތެރޭގައި ނަރސިންގެ ޑިޕްލޮމާ ކޯސްތައް، އެ ސްކޫލްގައި ފެށުމަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ ނާޝިދު.” ރައީސް ވިދާޅުވިއެވެ.

މި ނޫނަސް އޭ.ޑީ.ކޭ.އިން އާންމު ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތްތައް ވަރަށް ގިނަ ކަމަށާއި އަދި ރާއްޖެއަށް ދިމާވި ޤުދުރަތީ ކޮންމެ ކާރިސާއެއްގައި، ޢާންމު ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށް، އޭ.ޑީ.ކޭ. އެންމެ ކުރީ ސަފަށް ނުކުންނަކަން، ފާހަގަކުރައްވާ އޭ.ޑީ.ކޭ.ގެ ވެރިންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

“ވަކިން ޚާއްޞަ ގޮތެއްގައި، މިދިޔަ 35 އަހަރުގެ ތެރޭގައި، އޭ.ޑީ.ކޭ.ގެ ސަބަބުން ރައްޔިތުންގެ ޢާންމު ޞިއްޙަތަށް ވަރަށް ހެޔޮ ބަދަލުތަކެއް އައިކަން އަޅުގަނޑަށް ފާހަގަކުރެވޭ. ޞިއްޙީ ދުޅަހެޔޮކަމާ އެކަށޭނަ ގޮތަކަށް، ދިރިއުޅުމުގެ އާދަކާދަތަކާއި ވައްޓަފާޅިތައް ބަދަލުކުރުމަށް، މި ހޮސްޕިޓަލުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އަޅުގަނޑު ޤަބޫލުކުރަން.” ރައީސް ސާލިޙު ވިދާޅުވިއެވެ.