English Edition
Dhivehi Edition

ސީ ޕްލޭން ޖެއްސުމަށް ބޭނުންކުރާ ފްލޯޓިންގ ޕްލެޓްފޯމް ކަނޑައިގެން ގޮސް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އެދިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ކަނޑައިގެން ގޮސް އޮޔާ ދަނީ ރ. މާމުނަގައު ރިސޯޓުގައި ސީ ޕްލޭން ޖެއްސުމަށް ބޭނުންކުރާ ފްލޯޓިންގ ޕްލެޓްފޯމް ކަމަށެވެ.

އެ ޕްލެޓްފޯމް ކަނޑައިގެން ގޮސް އެ ރިސޯޓުގެ ހުޅަނގުދެކުނަށް އޮޔާދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިރޭ 19:15 ހާއިރު ކަމަށާއި މި ޕްލެޓްފޯމަކީ ދިގުމިނުގައި 20 ފޫޓް އަދި ފުޅާމިނުގައި 10 ފޫޓް ހުންނަވަރުގެ ޕްލެޓްފޯމެއްކަމަށް ވެސް ކޯސްޓްގާޑަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މި ޕްލެޓްފޯމްގައި ރަތްކުލައިގެ ބައްތިއެއް ހަރުކޮށްފައި ހުންނާނެކަމަށް ވެސް ބުނެފައިވެއެވެ.

އެހެންކަމުން ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި ޚާއްޞަކޮށް ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވަނީ އެދިފައެވެ.