English Edition
Dhivehi Edition

ދިރާގުން ވިލިމާލޭގައި ބޭއްވި ޔޫތު ފެސްޓުގައި ރާއްޖޭގެ މަޝްހޫރު ފްލައިބޯޑު ކުރުންތެރިޔާ އިބްރާހިމް ހުސެއިން (އިއްބަޑޭ)، ދިރާގުގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖައްސައިިފި އެވެ.

އިއްބަޑޭ ވަނީ ފްލައިބޯޑުން ރާއްޖެއަށް ރީތިނަން ހޯދައިދީފައެވެ. މިގޮތުން އޭނާގެ އެންމެ ފާހަގަ ކޮށްލެވޭ އެއް ކާމިޔާބީއަކީ މިދިޔަ އަހަރު އެމެރިކާގައި ބޭއްވި ދުނިޔޭގެ ފްލައިބޯޑު މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދުމެވެ. މީގެ އިތުރުން އިއްބަޑޭ އަކީ ރާއްޖޭގައި ފްލައިބޯޑިން ކުރިއަރުވަން ގިނަ މަސައްކަތްތަކެއްކޮށް އަދި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވެސް ވާދަކުރަމުން އަންނަ އެތުލީޓެކެވެ.

އިއްބަޑޭގެ ކާމިޔާބީތަކަށް ބަލާ އިރު، މިދިޔަ އަހަރުގެ ޖޫން މަހު ފްރާންސްގައި ބޭއްވި ޔޫރަޕިއަން ފްލައިބޯޑް ޗެމްޕިއަންޝިޕްގެ ތިން ވަނަ ހޯދައިފައިވެއެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެމެރިކާގެ ފްލޮރިޑާގައި އޮތް ޒަޕާޓާ ރޭސިންގް އެންޑް ޕޮރޯ ވޯޓަރ ކްރޮސް ފްލައިބޯޑް ވޯލްޑް ޗެމްޕިއަންޝިޕްގައި ދުނިޔޭގެ ގަދަ އަށެއްގައި އޭނާ ހިމެނިފައިވާއިރު، 2015 ވަނަ އަހަރު އަލަށް ދުބާއީގައި އޮތް ވޯލްޑް ޗެމްޕިއަންޝިޕްގައި ބައިވެރިވެ އޭނާ ވަނީ ދުނިޔޭގެ 26 ވަނަ ހޯދައިފައެވެ. އަހަރަކަށް ފަހު އަހަރަކުން އިއްބަޑޭ ދަނީ ފްލައިބޯޑިން އިން ރާއްޖެއަށް ރީތި ނަން ހޯދައިދެމުންނެވެ.

ދިރާގު އެމްބެސެޑަޝިޕް ޕްރޮގްރާމަކީ ދިވެހިންގެ ތެރެއިން ތަފާތު ދާއިރާތަކުން އާދަޔާ ހިލާފު ހުނަރުވެރިކަން ދައްކާ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކޮށް، އެހެން މީހުންނަށް އެމީހުން މިސާލެއްގެ ގޮތުގައި ދައްކާލުމުގެ ގޮތުން ދިރާގުން ފެށި ޕްރޮގްރާމެކެވެ. ދިރާގުން އަބަދުވެސް އެފަދަ ފުރުސަތުތައް ދެނީ ދިވެހިރާއްޖޭން ފާހަގަކޮށްލެވޭ ދިވެހި ޒުވާނުންނަށެވެ.

ޓެގު