English Edition
Dhivehi Edition
ފޮޓޯ: ޓީއެފްޖީ

އައްޑޫ އަކީ ވަރަށް ގިނަ ގޮތްގޮތުން ރާއްޖޭގެ ތާރީޚުގައި ނަން ވިދާލާފައިވާ އަތޮޅެކެވެ. އެގޮތުން އަންނަ ޑިސެމްބަރ މަހަކީ ތާރީހުގެ ތެރެއަށް އިތުރު ބޮޅެއް އިތުރުވެގެން ދާނެ މަހެއްކަމަށް ވަރަށް ގިނަ ބަޔަކު އުއްމީދު ކުރަމުން ދެއެވެ.

2017 ވަނަ އަހަރަކީ އައްޑޫ ސިޓީ އަށް މެރަތަން އަހަރެކޭ ބުނެވިދާނެއެވެ. އެގޮތުން މިހާތަނަށް 02 މެރަތަނެއް ބާއްވާފައިވާއިރު ޑިސެމްބަރ މަހު އިންޓަނޭޝަނަލް މެރަތަން އެއް ބޭއްވުމަށް މިހާރު މިދަނީ ތައްޔާރުވަމުންދެއެވެ.

‘އައި ރަނާސް’ އިން އޯގަސްޓް 25 ގައި ބޭއްވި މެރަތަން އަށް ފަހު ސެޕްޓެމްބަރ 15 އިން 16 އަށް ‘ޓޯޓަލް ފިޓްނަސް ގްރޫޕް’ އިން ބޭއްވި މެރަތަންގެ ސަބަބުން އައްޑޫގެ ގިނަ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް ބޮޑު ބަދަލެއް އައިސްފައި ވެއެވެ. މިހާރަކަށް އައިސް ގިނަ ބަޔަކު ދުވުމުގައި ވަގުތު ހޭދަކުރަމުންދާތަން ފެންނަމުންދެއެވެ. ތުއްތު ކުދިން އިން ފެށިގެން އުމުރުން ދުވަސްވީ މީހުންނާއި، ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތައްވެސް މިފަދަ ކަންކަމުގައި އުޅޭތަން ފެންނަމުން ދެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އިންޓަނޭޝަނަލް މެރަތަން ޑިސެމްބަރ މަހުގެ 08 ވަނަ ދުވަހު ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުނެވެ. އެގޮތުން ‘ރަނާސް މޯލްޑިވްސް’ އާއި ‘ނަސީރު ސްޕޯޓް އެކަޑަމީ’ އިން އިންތިޒާމްކުރާ މި މެރަތަންއަށް ދީފައިވާ ނަމަކީ ‘އީކުއޭޓަރ އައްޑޫ ސިޓީ އިންޓަނޭޝަނަލް މެރަތަން’ އެވެ. މި ހަރަކާތުގައި ފުލް މެރަތަންގެ އިތުރުން ހާރފް މެރަތަން އާއި، 10 ކިލޯމީޓަރ އާއި 05 ކިލޯމީޓަރގެ ދުވުން ހިމެނެއެވެ. މީގެ އިތުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޙާއްސަ ކޮށްގެން ބާއްވާ ‘ވީލް ޗެއަރ’ ހަރަކާތެއް ވެސް އޮންނާނެއެވެ. ބޮޑެތި އިނާމްތައް ހުށަހެޅިފައިވާ މި މުބާރާތުގެ މެރަތަން އިން އެއްވަނަ ހޯދާ ފަރާތަކަށް 5000 ޑޮލަރު ލިބޭއިރު ކޮންމެ ދުވުމަކަށްވެސް އިނާމް ހުށަހެޅިފައިވެއެވެ. މިމުބާރާތް ބޯމަތިވަމުން އަންނައިރު އައްޑޫގެ ރައްޔިތުން އެންމެ ފަޙުރުވެރިވާ އެއްކަމަކީ ފާއިތުވެ ދިޔަ 2 މުބާރާތުގެވެސް މެރަތަން އިން އެއްވަނަ ހޯދާފައިވަނީ އައްޑޫ ދަރިއަކަށް ވީކަމެވެ. އެހެންކަމުން މި ފަޙުރާއިއެކު އިންޓަނޭޝަނަލް މެރަތަން ގެ ފަޙުރުވެސް އައްޑޫ އަށް ލިބިގެން ދިޔުމަކީ މިސިޓީގެ އެންމެންގެ އުއްމީދެވެ.

ޑިސެމްބަރ މެރަތަންގައި ބައިވެރިވުމަށް މިހާރުވެސް އެތައް ބަޔަކު ރަޖިސްޓަރީ ވަމުންދެއެވެ. އެގޮތުން މިހާތަނަށް ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ނިސްބަތަށް ބަލާއިރު އައްޑޫއަށް ދުމުވުގެ އީދަށް އަންނާނެކަމަށް އިންތިޒާމްކުރާ ފަރާތުން ހާމަކޮށްފައި ވެއެވެ. އެގޮތުން މިދުވުމުގައި ހާހަކަށް ވުރެ ގިނަ މީހުން ބައިވެރިވާއިރު ރާއްޖެއިން ބޭރުން 200 އަށް ވުރެ ގިނަ ދުވުންތެރިން އަންނާނެކަމަށް ބެލެވެއެވެ. މީގެ އިތުރުން މި މުބާރާތް ބެލުމަށްޓަކައި ވެސް އެތައް ބަޔަކު އައްޑޫ އަށް ދާނެކަމަށް ބެލެވެއެވެ. މިމުބާރާތުގެ އިތުރު މަޢުލޫމާތު ހޯދުމަށް އިންތިރާމް ކުރާ ފަރާތުގެ ވެބްސައިޓް www.adducitymarathon.com އަށް ޒިޔާރަތް ކުރުމުން މަޢުލޫމާތު ލިބޭނެއެވެ.

މިހުރިހާކަމެއް ކުރިއަށް ހުރި އިރު އައްޑޫ ފަޙުރުވެރިވާ ފަދަ ދުވަސްތަކަށް މިދުވަސްތައް ހެދުމަށްޓަކައި އައްޑޫގެ ރައްޔިތުން ތިބީ އަތުކުރި އޮޅާލައިފައެވެ. އެގޮތުން ރަށުން ބޭރުން އަންނަ ފަރާތްތަކަށް މެޙްމާންދާރީ ފޯރުކޮށްދިނުމާއި، އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިން އެންމެ މަތީ ފަންތިއާއި ހަމައަށް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާތަން ފެންނަމުން ދެއެވެ. މުބާރާތުގެ ދުވުންތެރިންނާއި، ޕްރެކްޓިސް ކުރާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުމުގެ ގޮތުން ލިންކް ރޯޑްގައި ދުވުމަށް ޙާއްސަ ތަނެއް ހެދިފައިވެއެވެ. މީގެ އިތުރުން މަތީ ފަންތީގެ ގިނަ ގެސްޓް ހައުސްތައް ހުޅުވައި އެދުވަސްވަރަށް ބުކުންވެސް ހުޅުވާލެވިފައި ވެއެވެ.

ނިމިގެން ދިޔަ 02 މެރަތަންގެ ތަޖުރިބާތަކުން އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކޮށް، އައްޑޫ އާއި މުޅި ރާއްޖެ ފަޙުރުވެރިވާފަދަ ހަރަކާތަކަށް މި މެރަތަން ހެދުމަށް އައްޑޫގެ އެންމެހައި ރައްޔިތުން ތިބީ ތައްޔާރަށެވެ. އަދި މިފަދަ އިތުރު މުބާރާތްތައް އައްޑޫފަދަ ބިން ބޮޑު އަމާންތަނެއްގައި ބޭއްވުމީ ވެސް އެންމެންގެ އުންމީދެވެ.