English Edition
Dhivehi Edition

ރަނާސް މޯލްޑިވްސްއާއި ނަސީރު ސްޕޯޓްސް އެކަޑަމީ ގުޅިގެން އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ “އީކުއޭޓާރ އައްޑޫސިޓީ އިންޓަނޭޝަނަލް މެރަތަން” ގައި މަޝްހޫރު ދެ އެތުލީޓަކު ބައިވެރިވެއްޖެއެވެ.

މި މެރެތަން އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުން ގެންދާ ނަސީރު ސްޕޯޓްސް އެކަޑަމީގެ ރައީސް ނަސީރު އިސްމާއީލް ބުނީ އެދެމީހުންގެ ތެރެއިން އެކަކީ ކެންޔާގެ ރައްޔިތެއް ކަމަށްވާ ބެން ކިމަތައި، އާއި މޮރޮކޯގެ ރައްޔިތެއް ކަމަށްވާ މޮރަރާޖީ ލަޗެން ކަމަށެވެ. “މި ދެމީހުންނަކީވެސް ވަރަށް ފޭމަސް ދެމީހުން،” ނަސީރު ބުންޏެވެ.

ޕްރޮފެޝަނަލް ކެޓަގަރީގައި މިހާތަނަށްވަނީ ޖުމްލަ 34 އެތުލީޓުން ބައިވެރިވެފައެވެ. އެއީ ކެންޔާއިން 16، މޮރޮކޯއިން 2، ނޭޕާލުން 3، މެލޭޝިއާއިން 2 ލަންކާއިން 8، ޔޫކޭއިން 1، ޔޫގަންޑާއިން 1 އެވެ. ނަސީރު ބުނީ އަދިވެސް ގެންދަނީ މީހުން ބައިވެރިވަމުން ކަމަށެވެ..

މި މެރަތަންގައި ޕްރޮފެޝަނަލް ކެޓަގަރީގައި ބައިވެރިވާ މީހުން ފީއެއްދައްކަންޖެހެއެވެ. އެހެންނަމަވެސް ކުޑަކުދިންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނީ ހިލޭ ހުޅުވާލައިފައެވެ. މުބާރާތުގައި ވަނަ ހޮވުމަށް ހަމަޖެހިފައިވަނީ ވެސް ޕްރޮފެޝަނަލް ކެޓަގަރީންނެވެ.

ނަސީރު ބުނީ މި މުބާރާތުގައި މިހާތަނަށް ހާހަކަށްވުރެ ގިނަމީހުން ބައިވެރިވުމަށް އެދި ނަންނޯޓުކޮށްފައިވާ ކަމަށެވެ. މުބާރާތުގައި ބައިވެރި ކުރުމަށް ކަނޑައަޅައިފައިވަނީ 1300 މީހުން ކަމަށްވެސް ނަސީރު ވިދާޅުވިއެވެ. ބައިވެރިވުމުގެ މުއްދަތު ހަމަވާއިރު އެއަދަދު ހަމަވާނެ ކަމަށް ވަރަށްބޮޑަށް އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ. “އެއަދަދު ހަމަވުމުން ބައިވެރިވުމުގެ ފުރުސަތު ބަންދުވާނެ. އެ އަދަދު ހަމަނުވިޔަސް ކަނޑައަޅައިފައިވާ މުއްދަތު ހަމަވުމުން ފުރުސަތު ބަންދުވާނެ،” ނަސީރު ބުންޏެވެ.

މެރެތަންގައި ބައިވެރިވުމުގެ ސުންގަޑިއަކީ ނޮވެމްބަރު 8 އެވެ. މެރެތަން އޮންނާނީ އަންނަ ޑިސެމްބަރުމަހު 8 ވަނަ ދުވަހުއެވެ.

ނަސީރު އިސްމާއީލް ވިދާޅުވީ މި މެރެތަންގެ ސަބަބުން އައްޑޫސިޓީ ދުނިޔެއަށް ހުޅުވި މަޝްހޫރު ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.