ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނަވާރަ އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާ ވާދަކުރާނެ ޓީމެއް އައްޑޫގައި އެކުލަވާލުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެފްއޭމްގެ ނައިބްރައީސާ އައިޝަތު ނާޒިމާ “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޓީމު އެކުލަވާލުމުގެ މަސައްކަތް ފެށުމުގެ ގޮތުން އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު އެފްއޭއެމްގެ ޚާއްޞަ ޓީމެއް އައްޑޫއަށް ދާނެ ކަމަށެވެ.
ރާއްޖޭގެ ނަން މަޝްހޫރު ކޯޗުން ހިމެނޭ މި ޓީމުން އައްޑޫގެ އެކިރަށްތަކުން އެކުލަވާލެވޭ ޓީމެއް ނަގައި ޓީމު ތައްޔާރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އޮކްޓޯބަރ މަހުގެ 19 އިން 22 އަށްނެޝަނަލް ޓީމާއެކު އައްޑޫގެ ޓީމު ބައްދަލުކުރާ މެޗުތަކެއް ކުޅޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް ނާޒިމާ ވިދާާޅުވިއެވެ.
“މި މެޗްގައި ޓީމު ނިކުންނަ އިރު ނެޝަނަލް ޓީމުގެ ޖާޒީގައި ދެ ޓީމުން ވެސް ނިކުންނާނީ. 19 އަހަރުން ދަށުގެ މިހާރުގެ ގައުމީ ޓީމު ރަތްކުލައިގެ ޖާޒީގައި ނިކުންނަ އިރު އައްޑޫން ތައްޔާރުކުރާ ޓީމު ނިކުންނާނީ ނޫކުލައިގެ ޖާޒީގައި. ނެޝަނަލް ޓީމަށް ކުޅޭ ފީލްގައި އެގޮތަށް ކުޅުވުން ބޭނުމަކީ” ޓީމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ނާޒިމާ ވިދާޅުވިއެވެ.
މި ޓީމު ތައްޔާރުކުރުމަށް ފަހު، ތައްޔާރުކުރެވޭ ޓީމުގެ ކޯޗަކަށް ހުންނަވާނީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ ކަމަށާއި މެނޭޖަރަކަށް ހުންނަވާނީ ސަޓޯ ކަމަށް އޭނާ ވިދާޅުވިއެވެ.
“މިއީ މުޅިން އަލަށް ފަށާކަމެއް. 19 އަހަރުން ދަށުގެ ޓީމު މި ގެންގުޅެނީ ދުރު ރާސްތާާއަކަށް. ނެޝަނަލް ޓީމުގެ ބެކަޕެއްގެ ގޮތުގައި މި ތައްޔާރުކުރަނީ .5 އަހަރުވަންދެން މި ޓީމު ކޮންޓިނިއުސް ކޮށް ގެންގުޅޭނެ. އެންމެ ފުރަތަމަ އައްޑޫން ޓީމެއް ނަގައިގެން މިފަށަނީ ގައުމީ ޓީމުގެ މިހާރުވެސް އައްޑޫއަށް ނިސްބަތްވާ ގާތްގަނޑަކަށް 5 ވަރަކަށް ކުޅުންތެރިން ތިބީމަ. ކުރިއަށް އޮތްްތަނުގައި ރާއްޖޭގެ އެކި ހިސާބުތަކުން މިގޮތަށް ޓީމު އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ” ނާޒިމާ ވިދާޅުވިއެވެ.
މިއީ ގައުމީ ޓީމާ ވާދަކުރާނެ ޓީމެއް އެކުލަވާލުމަށް އެފްއޭމުން ފަށާ މަސައްކަތެކެވެ. މި މަސައްކަތުގައި އަލަށް އެކުލަވާލާ ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުން ތެރިންނަށް ގައުމީ ޓީމު ސްކޮޑް ގައި ބައިވެރިވުމަށް ފުރުސަތު ލިބޭނެއެވެ.
އެފްއޭއެމުން ބުނީ މިއީ ނަވާރަ އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު އޭއެފްސީ އަށް ދިއުމުގެ ކުރިން ކުރެވޭ ކޭމްޕްތަކެއް ކަމަށެވެ