އެމެރިކާގެ ލަސްވެގާސްގައި ކުރިއަށް ދިޔަ މިއުޒިކް ފެސްޓިވަލަކަށް މީހަކު ބަޑިން ހަމަލާދީ 50 މީހުން މަރައިލައިފިއެވެ.
ލަސްވެގާސް ސްޓްރިޕްގައި ދިން އެ ހަމާލާގައި އެ މީހުންގެ އިތުރަށް 400 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. އެ ހަމަލާގައި 50 މީހުން މަރުވެފައިވާ ކަމަށް ޚަބަރުފަތުރައިފައި ވިޔަސް އެއީ ކަށަވަރުވެފައިވާ އަދަދެއް ނޫންކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އެ ހަމަލާދީފައިވަނީ 64 އަހަރުގެ ސްޓެފަން ޕެޑޮކް ނަމަކަށް ކިޔާ މީހަކު ކަމަށް މިހާތަނަށް ވަނީ އެނގިފައެވެ. ހަމަލާގައި މަދުވެގެން 10 ރައިފަލް ބޭނުން ކޮށްފައިވާ ކަމަށްވެއެވެ. އެހަމަލާ ދީފައިވަނީ ކައިރީގައިހުރި އިމާރާތެއްގެ 32 ވަނަ ފްލޯއިންނެވެ.
ފުލުހުން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދަކީ ވަގުތީ ގޮތުން އަދި އެނގޭ މިންވަރު ކަމަށާއި ނަމަވެސް މިއީ އެމެރިކާ ފަސް ގަނޑުގައި ދެވުނު އެންމެ ވަރުގަދަ ބަޑީގެ އެއްހަމަލާ ކަމަށެވެ. މިދިޔަ އަހަރު އޮލާންޑޯގެ ކްލަބަކަށް މީހަކު ވަނީ ބަޑީގެ ހަމަލާއެއްދީ 49 މީހުން މަރައިލައިފައެވެ.
އެ ހަމަލާ އަމާޒު ވެފައިވަނީ އެވަގުތު ކުރިއަށް ދިޔަ މިއުޒިކް ފެސްޓްވިލްގައި ބައިވެރި ވަމުން ދިޔަ 22000 މީހުންނަށެވެ. އެ ހަމަލާ ދިންވަގުތު މީހުން ދުއްވައި ގަތުމުގެ ސަބަބުން އެތައް ބަޔަކަށް ވަނީ އަނިޔާވެފައެވެ. އެވަގުތު ފުލުހުން މަސައްކަތް ކޮށްފައިވަނީ ހަމަލާދޭ ދިމާއެއް ދެނެގަތުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ފުލުހުން ބުނިގޮތުގައި ޕެޑޮކް ހަމަލާދިން ސަބަބެއް ދެނެ ގަނެވިފައި ނުވާ ކަމަށެވެ. އަދި އެނާއަކީ އެއްވެސްކަހަލަ ކުށުގެ ރިކޯޑެއްއޮތް މީހެއް ނޫންކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އޭނާއާ އެއްވެސް ހަނގުރާމަވެރި ޖަމާއަތަކާ ގުޅުމެއް އޮތްކަންވެސް މިހާތަނަށް އެނގިފައެއް ނުވެއެވެ. އޭނާ ހައްޔަރު ކުރުމަށް ފުލުހުން ހޮޓަލަށް ވަންއިރު އެނާ ވަނީ އަމިއްލައަށް މަރުވެފައެވެ.
އެމެރިކާގައި ބަޑީގެ ހަމަލާތައް މިފަދަ ގޮތަކަށް ދިނުން ވަނީ އާންމު ވެފައެވެ. އެ ގޮތުން ސްކޫލްތަކަށާއި އާންމުން އެއްވެ އުޅޭ ތަންތަނަށް އަހަރެއްގެ މަށްޗަށް އެތަކެއް ހަމަލާއެއް ދީފައިވެއެވެ.
ބާޑީގެ އެފަދަ ހަމަލާތަކުގެ ސަބަބުން އެމެރިކާގައި ބަޑި ގެންގުޅުމުގެ ޤާނޫނު އިސްލާހު ކުރަން އެގައުމުންވަނީ މަސައްކަތް ފަށައިފައެވެ. ނަމަވެސް އަދި އެމަސައްކަތް ކާމިޔާބާ ހަމައަށް ނުދެއެވެ.