English Edition
Dhivehi Edition

މައިކްރޯސޮފްޓް ޓްރާންސްލޭޓަރ މެދުވެރިކޮށް މިހާރު އިނގިރޭސި ބަހުން ލިޔެފައި ހުންނަ ބަސްތައް ދިވެއްސަށް އަދި ދިވެހި ބަހުން ލިޔެފައި ހުންނަ ބަސްތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށްލެވޭނެއެވެ.

މައިކްރޯސޮފްޓްއިން ހާމަކުރާ ގޮތުގައި އަލަށް އިތުރުކުރެވުނު 12 ބަހާކާއެކު މިހާރު ޓްރާންސްލޭޓަރ އެޕް މެދުވެރިކޮށް ތަފާތު 100 ބަސް ތަރުޖަމާ ކޮށްލެވޭނެއެވެ. އެގޮތުން ދިވެހި ބަހަކީވެސް އަލަށް ޓްރާންސްލޭޓަރ އަށް އިތުރުކުރެވުނު ބަހެކެވެ. މައިކްރޯސޮފްޓް ޓްރާންސްލޭޓަރ އަކީ އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ތަރުޖަމާކުރުމުގެ ހިދުމަތް ފޯރުކޮށްދޭ އެޕްލިކޭޝަން އެކެވެ.

އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މިއާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން 5.66 ބިލިއަން މީހުންނަށް އެކި ބަސްބަސް ތަރުޖަމާކުރުމުގެ ފުރުސަތު ވަނީ ހުޅުވިގެން ގޮސްފައެވެ. މީގެ ކުރިން 2016 ވަނަ އަހަރު ގޫގްލްގެ ޓްރާންސްލޭޓަރ އެޕްލިކޭޝަން މެދުވެރިކޮށް 100 ބަސް ތަރުޖަމާކުރެވޭގޮތް ވަނީ ހަދާފައެވެ.

އެހެންނަމަވެސް މައިކްރޯސޮފްޓްއިން ހާމަކުރާ ގޮތުގައި އެކުންފުނީގެ ޓްރާންސްލޭޓަރ އެޕްލިކޭޝަން ތަފާތު ވަނީ އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ހޯދިފައިވާ ކުރިއެރުންތަކާއި ގުޅިގެންނެވެ.

މީގެ އިތުރުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މި ހިދުމަތް އެކުންފުނީގެ އޮފީސް، ޓްރާންސްލޭޓަރ ފޯރ ބިންގް، އަޒުއާ ކޮގްނިޓިވް ސާވިސަސް ޓްރާންސްލޭޓަރ އަދި އަޒުއާ ކޮގްނިޓިވް ސާވިސަސް ސްޕީޗް މެދުވެރިކޮށްވެސް ލިބިގެންދާނެއެވެ.

މައިކްރޯސޮފްޓްގެ ޓްރާންސްލޭޓަރ އަށް އިތުރުކުރެވުނު ބަސްތަކަކީ އެކުންފުނީގެ އެކްސްވައިޒީ ކޯޑް އިނީޝިއޭޓިވްގެ ދަށުން ކުރިއަށް ގެންގޮސްފައިވާ މަސައްކަތެކެވެ. އެކުންފުނީގެ އެކްސްވައިޒީ ކޯޑް އިނީޝިއޭޓިވްއަކީ ލިޔުންތަކާއި، އޯޑިއޯ އަދި އެކި ބަސްތައް ބޭނުންކޮށްގެން ވާހަކަ ދައްކާ، އަޑުއިވޭ އަދި ފެންނަ އާޓިފިޝަލް އިންޓެލިޖެންސް ނިޒާމުތަކެއް އުފެއްދުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތެކެވެ.