English Edition
Dhivehi Edition

ހުނަރަކީ ކޮންމެ މީހެއްގެގައިގައި ވެސް ހުންނަ އެއްޗެކެވެ. އެމީހަކަށް ލިބިފައިވާ ހުނަރެއް ބޭނުންކޮށްގެން އެމީހަކަށް އާމްދަނީ ހޯދަން މަސައްކަތް ކުރުމުގެ ފުރުސަތު އޮވެއެވެ. ރާއްޖޭގައި ތަންކޮޅެއް ކުރީ އަހަރުތަކަށް ބަލައިލާއިރު އަހަރެމެންނަށް ފެންނަނީ ސްކޫލު ދައުރުން ފެށިގެން ގޮސް ކިޔެވުން ނިންމާލުމަށްފަހު އެމީހަކު ކުރިއަށްދާން ބޭނުންވާ ވަޒީފާ ނޫނީ މަސައްކަތުގެ ރޮނގުން ތައުލީމު ހާސިލްކޮށް ތަޖުރިބާ އަށްފަހު ދެން އާމްދަނީ ހޯދާތަނެވެ. ނަމަވެސް މިހާރު ޒަމާން ބަދަލު ވެއްޖެއެވެ. އަހަރެމެންނަށް މިހާރު ފެންނަނީ ވަރަށް ތުއްތު އިރުންފެށިގެން ކުދިން އެކުދިންގެ ހުނަރު ބޭނުންކޮށް، ސްކޫލްގައި ކިޔަވަމުން އިތުރު ވަގުތުގައި އެކުދިން ކުރިއަށްދާން ބޭނުންވާ ރޮނގުން ކުރިއަށްދާތަނެވެ.

ސ.ހުޅުދޫ ގޮމަހެރަ، ފާތިމަތު މައިޝާ މުސްތަފާ އަކީ އެރަށު އާމިނަތު ނާފިޒާ އަދި މުސްތަފާ ހަސަން އަށް ލިބިފައިވާ ފުރަތަމަ ކުއްޖާއެވެ. މިހާރު ސ. އަތޮޅު ސްކޫލްގައި އޭލެވެލް އަށް ކިޔަވަމުން އަންނަ މައިޝާގެ ހުނަރަކީ ތަފާތު ހުނަރެކެވެ. އޭނާ ބޭނުންވީ ކޭކް އެޅުމާއި ކޭކް ޑެކަރޭޓްކުރުމުގެ ރޮނގުން ކުރިއަށްދާށެވެ. އެގޮތުން މިހާރު އޭނާ ފާހަގަ ކޮށްލެވެނީ ހުޅުދޫ އަދި މީދޫގައި ވެސް މި މަސައްކަތުގައި ކުރި އަރާފައިވާ މަގުބޫލު ކުއްޖެއްގެ ގޮތުގައެވެ.

މައިޝާ ބުނާގޮތުން އޭނާ މި މަސައްކަތް ފެށީ، އެންމެފުރަތަމަ އާއިލާ ކުދިން ގެ އުފަންދުވަހަށް ކޭކް އަޅައި އައިސިންޖެހުމުގެ ތެރެއިންނެވެ. ލިބިފައިވާ ތަޖުރިބާ އާއި އެކު އެމަސައްކަތް ކުރަމުން ދިޔައިރު ދުވަހަކަށް ދުވަހަކަށް ކޭކް އެޅުމުގެ ހުނަރު ދިޔައީ ދަސްވަމުންނެވެ. އެވަގުތު މަސައްކަތް ކުރިއަށް ގެންދިޔައީ އާމްދަނީ ހޯދުމުގެ ނިޔަތަކުނޫން ކަމަށް މައިޝާ ބުންޏެވެ. މައިޝާގެ މި މަސައްކަތް ދަސްވަމުން ދިޔަވަރަކަށް މަންމަ މެން އަދި އާއިލާގެ މީހުންގެ އެދުމުގެ މަތިން އާމްދަނީ އެއް ހޯދުމަށް މި މަސައްކަތްފެށީ އެކަމަށް ޝައުގުވެރިކަން ހުރުމާއެކު ކަމަށް މައިޝާ ބުންޏެވެވެ.

މައިޝާ ތައްޔާރުކޮށްފައިވާ ކޭކްތަކެއް

މަސައްކަތުގެ ތަޖުރިބާ ހޯދިގޮތާ ބެހޭގޮތުން މައިޝާބުނީ، ޒަމާނަށް އައި ބަދަލާއެކު އެމީހަކު ކުރަން ބޭނުންވާ ކޮންމެ ކަމެއްގައި ތަޖުރިބާ ހޯދޭނެ އެންމެ ގިނަ ގޮތްތަކެއް އެބަހުއްޓެވެ، މި ގޮތުން މައިޝާ މި މަސައްކަތާބެހޭ އެކި ހުނަރު ދަސްކުރީ އިންޓަރނެޓުން ބައެއް މަޝްހޫރު ކޭކު އަޅާމީހުންގެ ވީޑިއޯތައް ބަލައިގެންނެވެ. މިހާރު ކޭކް އެޅުމުގެ މަސައްކަތް ފުޅާދާއިރާ އެއްގައި ކުރަމުން އައި ނަމަވެސް މައިޝާ ބުނާގޮތުން އޭނާ އަދިވެސް މިމަސައްކަތާ ބެހޭގޮތުން އެކި ކަންކަން އިތުރަށް ދަސްކުރަން ބޭނުންވެއެވެ.

ކޭކް އަޅައި ކޭކް ޑެކަރޭޓް ކުރުމުގެ މަސައްކަތުގައި ދިމާވާ ގޮންޖެހުން ތަކަކީ ކޮބައިތޯ އަހާލުމުން މައިޝާބުނީ ކޭކްގެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާން ރަށުން ލިބެން ހުންނަ ކަމަށާއި ނަމަވެސް ބޭނުންވާ ބައެއްސާމާނު ހޯދުމުގައި ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

ކޭކް އޯޑަރ ތަކަކީ މުނާސަބަތަކާއި ގުޅިގެން އަންނަ އެއްޗަކަށް ވުމާއެކު މައިޝަބުނީ އޯޑަރތައް އަންނަ ބައެއް ދުވަސް ދުވަހު ގިނައިން ލިބޭކަމަށެވެ. އަދި ބައެއް ދުވަސްތަކުގައި ނުލިބި ދާއިރު ކިޔަވަމުން ލިބިފައި އޮންނަ ވަގުތާއި ބަލާއިރު ލިބޭ އޯޑަރ ތަކުގެ އަދަދާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށެވެ.

މައިޝާގެ މި މަސައްކަތުގެ ހުނަރު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ކޭކުގެ ރަހާ އެހާމީރު ކަމަށް ބުނާ ކަސްޓަމަރުން ވަރަށް ގިނައެވެ. އަދި އޭނާގެ މަސައްކަތުގެ ރީތިކަމާއި ކޮލިޓީ ވަރަށް ވެސް ރަނގަޅެވެ. މައިޝާ ބުނާގޮތުން މިހާ ހިސާބަށް އާދެވުނީ އިންޓަރނެޓުން ދަސްކުރި ހުނަރުތައް ބޭނުންކޮށް ގޭގައި އެތައް ފަހަރަކު ޕްރެކްޓިސް ކުރުމަށްފަހު ބައެއްފަހަރު ފެއިލްވި ނަމަވެސް އިތުރަށް ހިތްވަރުކޮށް ދަސްކުރުމަށް ފަހުގައެވެ.

ހަފްލާތަކަށް ލިބޭ އޯޑަރ ނެގުމުގެ އިތުރަށް މައިޝާ “ޗޮކްލެޓް މޫސް” ކޭކްޓްރޭ އަދި ސްލައިސް ވިއްކުމުގެ މަސައްކަތް ވެސްކުރެއެވެ. މިދެބާވަތަށްވެސް ބޮޑު ޑިމާންޑެއް އޮންނަކަން އޭނާ ފާހަނގަ ކުރިއެވެ.

މައިޝާބުނީ މި މަސައްކަތުގައި ކުރި އަރައިގެންދާ ކޮންމެ ދުވަހަކީ އޭނަގެ މަސައްކަތް ބަލައިގަންނަ ހުރިހާ ފަރާތްތަކުގެ ހިތްހަމަޖެހުމެވެ. އަދި އޭނާގެ މަސައްކަތުގައި އެހީވެ އެނާއަށް މިކަމުގައި ކުރިއަށް ދިޔުމަށް ހިތްވަރުދީ މަސައްކަތް ބަލައިގަތް ހުރިހާ ކަސްޓަމަރުންނަށް ނިހާޔަތަށް ޝުކުރު އަދާކުރާކަމަށް މައިޝާބުންޏެވެ.

ޒުވާން ހުނަރުވެރިޔާ މައިޝާގެ މަސައްކަތް ފުޅާވަމުން އަންނަ އިރު މި މަސައްކަތް އިތުރަށް ފުޅާކުރުމަށް ކޭކް އަޅައި ވިއްކުމަށް ހާއްސަ ފިހާރައެއް ހުޅުވަން ހިޔާލު ކުރޭތޯ ކުރި ސުވާލަށް ޖަވާބު ދެމުން މައިޝަބުނީ، މިވަގުތު އެހިޔާލެއް ނެތް ކަމަށާއި ނަމަވެސް ފަހުން ވިޔަފާރު ފުޅާކުރުމަށް ފުރުސަތު ލިބިއްޖެނަމަ އެކަން ކުރަން ތައްޔާރުކަމަށެވެ.

މައިޝާގެ މަސައްކަތަށް އޭއޯނިއުސް އިންވެސް ކާމިޔާބީ އަށް އެދެމެވެ.