ރަމަޟާން މަހަށް ޚާއްޞަކޮށްގެން އޭއޯގެ ފަރާތުން އައްޑޫސިޓީގައި ބާއްވަމުން އަންނަ މަދަހަ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 10 ޖޫން އާއި ހަމައަށް އިތުރުކޮށްފިއެވެ. ތުއްތު ކުދިންގެ ހިތްތަކުގައި ދީނީ ކަންކަމަށް ލޯބި ޖެއްސުމާއި ދީނީ ރޫހު އާލާކުރުމާއެކު މަދަހަ ކިޔުމުގެ ރޮނގުން ހުނަރުވެރި ދަރިންތަކެއް އުފެއްދުމުގެ މަގްޞަދުގައި ކުރިއަށް ގެންދާ މި މުބާރާތުގައި 19 ދަށުގެ ކޮންމެ ކުއްޖަކަށް ވެސް ބައިވެރި ވެވޭނެއެވެ. 3 އުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި އޮންނާނީ 7 އަހަރުން ދަށުގެ ބަޔާއި 13 އަހަރުން ދަށުގެ އުމުރު ފުރާގެ އިތުރުން 19 އަހަރުން ދަށުގެ އުމުރުފުރާގެ ބަޔެވެ. އެހެން އަހަރުތަކާ ޚިލާފަށް މިފަހަރު އައްޑޫގެ 2 ސަރަހައްދެއްގައި މުބާރާތް ބާއްވާނެއެވެ. އެއީ ހުޅުމީދޫ އަދި ހިތަދޫގައެވެ. މިގޮތަށް ހަމަޖެއްސީ ރަމަޟާން މަހުގައި ކަނޑު ހުރަސްކޮށް، މުބާރާތުގައި ބައިވެރިވުމަށް ހިތަދޫއަށް އަންނަން ޖެހުމުން މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ހުޅުމީދޫގެ ގިނަ ކުދިންނަށް އެފުރުސަތު ގެއްލިގެން ދާތީ އެކަމަށް ހައްލެއް ހޯދައިދީ އެފަދަ ކުދިންނަށް ފުރުސަތު ހޯދައި ދިނުމުގެ ގޮތުންނެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އޭއޯނިއުސްގެ ފޭސްބުކް ޕޭޖުގައި ހުންނާނެއެވެ. އަދި މުބާރާތާ ބެހޭގޮތުން އަންގާ މުހިއްމު އެންގުންތައް ވެސް ފޭސް ބުކް ޕޭޖަށް އަޕްލޯޑް ކުރަމުން ގެންދާނެއެވެ. https://web.facebook.com/www.aonews.mv/ މި ލިންކުން ފޭސް ބުކް ޕޭޖަށް ދެވޭނެއެވެ. މީގެ އިތުރުން އައްޑޫގެ ސްކޫލްތަކުން ވެސް ފޯމު ލިބެން ހުންނާނެއެވެ. މުބާރާތާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން 7782034 މި ނަމްބަރަށް ގުޅުއްވުން އެދެމެވެ. އައްޑޫސިޓީގެ ދަރިވަރުންގެ ތެރެއިން މަދަހަ ކިޔުމުގެ ހުނަރު ހުރި އަދި އެކަމަށް ޝައުގުވެރިކަން ހުރި ކޮންމެ ކުއްޖަކަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތަކީ އައްޑޫސިޓީގައި މިގޮތަށް ބާއްވާ އެންމެ ބޮޑު މަދަޙަ މުބާރާތެވެ. އަދި މިއީ އޭއޯއިން އިންތިޒާމު ކޮށްގެން މި މުބާރާތް ބާއްވާ 3 ވަނަ ފަހަރެވެ.