English Edition
Dhivehi Edition

ކާބަފައިންގެ ޒަމާނުއްސުރެ ދިވެހިރާއްޖޭގެ އާދަކާދައިގައި އޮންނަގޮތުން ފިރިހެނުންނަކީ އާއިލާގެ އިސްކޮށް ހުންނަ މީހާއެވެ. އަނބި ދަރިންނަށް ޚަރުދުކޮށް ބެލެހެއްޓުމަކީ ފިރިހެނުންގެ ޒިންމާއެކެވެ. އަންހެނުންގެ ކަމަކަށް އޮންނާނީ ގޭތެރޭގެ މަސައްކަތް ކުރުމާއި ދަރިން ތަރުބިއްޔަތުކުރުމެވެ. އާމްދަނީ ހޯދުމާއި ވަޒީފާ އަދާކުރުމަކީ އެޒަމާނުގައި ހަމައެކަނި ފިރިހެނުންގެ ކަމެކެވެ.

އާދެ! ޒަމާން މިވަނީ ބަދަލުވެފައެވެ. ވިސްނުމާއި ފިކުރުވެސް މިވަނީ ބަދަލުވެފައެވެ. މިޒަމާނުގައި އަންހެނުން އަތް އުރާލައިގެން ގޭގައި ދަރިން ބަލާން ތިބެގެން ދެކޮޅުނުޖެހެއެވެ. ފިރިމީހާއަށް ލިބޭ އާމްދަނީ އިން ގޭގެ ކުލި ދައްކާފައި ކުދިންނަށް ޚަރަދުކޮށްލާނެ ލާރިއެއް ނުހުރެއެވެ. ޚަރަދުބޮޑު މިޒަމާނުގައި ތަކެތީގެ އަގު މިވަނީ އަތްނޮފޯރާ ފަށަށް އުފުލިފައެވެ. މިހާރު އަންހެނުންނަށް ގޭގައި ތިބެގެން ވާކަށް ނެތެވެ. ހަމައެއާއެކު މި ހަލަބޮލި މުޖުތަމައުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމައަށް ތައުލީމީ ގޮތުން ގިނަ ކުރިއެރުންތައް ހޯދައި، ފަންނީ ގޮތުންވެސް އަންހެނުން މިވަނީ ކުރިއަރާފައެވެ. މީހަކާ އިނދެ ދިރިއުޅުމެއް ފެށިކަމުގައިވިޔަސް ގިނަ އަންހެނުން ބޭނުންވަނީ ވަކި ފަންނެއްގެ ވަޒީފާއެއްގައި އުޅެ، އާމްދަނީއެއް ހޯދާށެވެ.

ކާބަފައިންގެ ޒަމާނުގައި އަންހެނުން ވަޒީފާއަށް ނުފޮނުވާ ގޭގައި ބޭތިއްބަކަސް މިހާރު އެކަންވެސް މިވަނީ ބަދަލުވެފައެވެ. އޭރުގެ ވިސްނުން ހުންނަގޮތުގައި އަންހެނުން ވަޒީފާއަށް ފޮނުވައިފިނަމަ ކުދިން ބަލާނެ މީހެއް އަދި ގޭގެ މަސައްކަތް ކުރާނެ މީހަކު ނުހުންނާއެވެ. އެހެންކަމުން މީގެ ކުރިން އަންހެނުންނަކީ ގޭގެ މަސައްކަތަށް ތިބޭ ބަޔަކަށް ވަނީ ވެފައެވެ.

މިހާރު ހާލަތު މިވަނީ ބަދަލުވެފައެވެ. މިހާރު ފެނިގެންދާނީ ދަރިންގެ މުސްތަޤުބަލަށްޓަކައި ދެމަފިރިން އެކުގައި ވަޒީފާއަށް ގޮސް އާއިލާ ބިނާކުރުމުގައި ދެމަފިރިންގެ ހިއްސާވެސް ހަމަހަމައަށް އޮންނަތަނެވެ. ވަޒީފާއަށް ގޮސް ލާރި ހޯދިކަމުގައިވިޔަސް އަދި ގޭތެރޭ މަސައްކަތުގައިވެސް ދެމީހުންގެ ހަމަހަމަކަމެވެ.

Free Photo | Young man helping his wife for preparing the food in the kitchen

“އަންހެނުންނަކީ ވަރަށް ހިތްވަރުގަދަ ބަޔެއް” މިއީ ދިވެހިންގެ ތެރޭގައި ވަރަށް ގިނައިން ބުނެއުޅޭ އެއްޗެކެވެ. ސަބަބެއް ނެތިއެއްނޫނެވެ.

ރާއްޖޭގެ ތާރީޚަށް ނަޒަރު ހިންގާލުމުން ފެނިގެންދާނީ މުރާލި ކަނބަލުން އޭރުވެސް ކުރަމުން އައި މިންނެތް މަސައްކަތްތަކެވެ. މަސް ކައްކާ، ހިއްކާ، ރިހާކުރު ހަދާ، ރޯނުވަށާ، ފަންގިވިނުމާއި މިހެންގޮސް އެތައް ފަންނީ މަސައްކަތެއް އެކަނބަލުން ކޮށްފައިވެއެވެ. ނުސީދާގޮތުގައި އެއަދާކުރެވުނީވެސް ވަޒީފާއެކެވެ.

އޭރު ދިވެހިންގެ ވިސްނުން ހުންނަ ގޮތުގައި ގޭތެރޭގެ މަސައްކަތުގައި އަންހެންމީހާއަށް އެހީވުމަކީ ވަރަށް ހުތުރު ކަމެކެވެ. އެހެންނަމަވެސް މިހާރު ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެނިގެންދާނީ އާއިލާ ބިނާކުރުމުގައި ދެމަފިރިންގެ ހިއްސާދާރުކަމެވެ.

އަންހެނުން ވަޒީފާ އަދާކުރުމަށްފަހު، ގެއަށް އައިސް ގޭގެ މަސައްކަތައިގެން އުޅެން ޖެހެއެވެ. ފިރިމީހާ އާއި ދަރިންގެ އަންނައުނު ދޮވެ، އިސްތިރިކުރަން ޖެހެއެވެ. ކާ އެއްޗެހި ތައްޔާރުކޮށް ގޭތެރެ ސާފުތާހިރުކުރަން ޖެހެއެވެ. ދަރިން ސްކޫލުގައި ނިންމަން ޖެހޭ މަސައްކަތްތައް ނިންމުމުގައި އެހީތެރިވާން ޖެހެއެވެ. އެ ނޫން ވެސް ގޭތެރޭގެ ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. މިހުރިހާ މަސައްކަތެއްގައިވެސް އަނބިމީހާއަށް އެހީތެރިވެދިނުމަކީ މިހާރުގެ ޓްރެންޑެކެވެ.

މިޒަމާނުގެ ފިރިހެން ކުދިންގެ ވިސްނުން ހުންނަގޮތުން ކެއްކުމާއި ގޭތެރޭގެ މަސައްކަތް ކުރުމަކީ ހަމައެކަނި އަންހެނުންގެ ޒިންމާއެއްނޫނެވެ. އެއީ އެމީހުންގެ ބޮލުގައިވެސް އެޅުވޭ ޒިންމާއެކެވެ. އެޒިންމާތައް އަދާނުކުރެވޭ ކަމަށްވަންޏާ އެއީ ޒިންމާދާރު ފިރިހެނެއް ކަމުގައި މިމުޖުތަމައުވެސް ބަލައިނުގަނެއެވެ.