English Edition
Dhivehi Edition

އޭޝިއަން އިންޑޯ އެންޑް މާޝަލް ގޭމްސްގައި ވާދަ ކުރާ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމް ކުޅުނު ތިން މެޗުން ވެސް ބަލިވެ ކުއާޓާ ފައިނަލުގެ ފުރުސަތު ގެއްލިއްޖެއެވެ.

ތުރުކުމެނިސްތާނުގައި ކުރިއަށްދާ އޭޝިއަން އިންޑޯ އެންޑް މާޝަލް ގޭމްސްގެ ފުޓްސަލް އިވެންޓުގައި ވާދަކުރި ރާއްޖޭގެ ގައުމީ ޓީމް ‘ގްރޫޕް ބީ’ގައި އިއްޔެ އުޒްބަކިސްތާނާ ވާދަކޮށް ރާއްޖެ ބަލިވެފައިވަނީ 9-1 ލަނޑުންނެވެ.

އުޒްބަކިސްތާނުން ޖެހި ނުވަ ލަނޑުގެ ތެރެއިން ސްވިރިދޯވްއާއި ނިޝޮނޯވޯ، ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކޮށްދީފައިވާއިރު އަބްދުމަވްލިޔަނޯވްއާއި ޗޮރިއޭވްއާއި ފްޚްރިދިނޯވްއާއި ހަމްރޮއޭވް އަދި އަދިލޯވް ވަނީ ކޮންމެ ކުޅުން ތެރިއަކަށް ލަނޑެއް ކާމިޔާބުކޮށްފައެވެ.މިމެޗުގައި ރާއްޖޭއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ނަސީމެވެ.

ގްރޫޕް ބީގައި ރާއްޖެ ކުރިން ކުޅުނު ދެމެޗުން ވެސް ވަނީ ބަލިވެފައިވާއިރު ފުރަތަމަ މެޗުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަތުން 3-1 ލަނޑުން ބަލިވިއިރު ދެވަނަ މެޗުގައި އަފްޣާނިސްތާން އަތުން ބަލިވެފައިވަނީ 6-1 ލަނޑުންނެވެ.

އޭޝިއަން އިންޑޯ އެންޑް މާޝަލް ގޭމްސް ފުޓްސަލް ބައިގެ ގްރޫޕް ބީގެ އެއްވަނާގައި އޮތް އުޒްބަކިސްތާން އޮތްއިރު ދެވަނާގައި އަފްޣާނިސްތާން އަދި ތިންވަނާގައި އޮތީ ޔޫއޭއީއެވެ. ޗައިނާއާއި ރާއްޖެއަށް ޕޮއިންޓެއް ލިބިފައި ނުވާއިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެ ނިކުންނާނީ ޗައިނާއާ ދެކޮޅަށެވެ.