އައްޑޫސިޓީގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް އައްޑޫސިޓީ ކައުންސިލުން ހަމަޖައްސާނެ ކަމަށް މިނސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއިން ި އިއުލާންކޮށްފައިވި ނަމަވެސް އެ އިންތިޒާމު ހަމަޖެއްސެން ނެތް ކަމަށް އައްޑޫސިޓީކައުންސިލުން ބުނެފިއެވެ. ކައުންސިލުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ އޮފީސްތަކުގެ މަސައްކަތް ކަނޑައެޅިފައިވަނީ ޤާނޫނީ އަސާސްތަކެއްގެ މައްޗަށެވެ. ދިވެހިރާއްޖޭގައި ފިޠްރުޒަކާތުގެ ފައިސާ ބަލައިގަތުމާއި، ޒަކާތުގެ ފައިސާ ދޭންޖެހޭ ފަރާތްތައް ކަނޑައަޅައި، އެފަރާތްތަކަށް އެފައިސާ ދިނުމާއި އެކަންކަމާބެހޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަކީ މިނސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މަސައްކަތުގެ 12 ވަނަ ނަމްބަރުގައި ހިމެނޭ ކަމެއްކަމަށެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ދެއްވާ ޚިދުމަތްތައް އައްޑޫސިޓީ ގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި މިނސްޓްރީގެ އޮފީހެއް ހިންގުމަށް އޮފީސް ޖާގަ އައްޑޫސިޓީ ކައުންސިލުން ހަމަޖައްސައި ދީފައިވާނެ ކަމަށާއި މިއޮފީހުގައި މިނސްޓްރީގެ މުވައްޒަފުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މި ބަޔާނުގައިވެއެވެ. ” ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 71 ވަނަ މާއްދާގައި (ހ) އަދި (ށ) ބަޔާންވެގެންވާ ހަމަތަކަށް ބަލާއިރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ދެއްވާ ޚިދުމަތްތައް އައްޑޫސިޓީ ގައި މިދެންނެވި އޮފީހުން އިންތިޒާމް ކުރައްވަމުން ގެންދަވާނެ ކަމަށް އައްޑޫސިޓީ ކައުންސިލް ދެކެމެވެ.” ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ. “ފާއިތުވި ރޯދަމަސް ފެށުނުއިރު މިނސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ކުރެއްވި އިއުލާނަކާ ގުޅިގެން މިނިސްޓްރީއަށް އެހީތެރިވެ ދިނުމުގެ ގޮތުން ފިޠުރުޒަކާތް ބަލައިގަތުމާ މިނސްޓްރީން އެންގެވި ގޮތަށް ޒަކާތް ބަހައި ދިނުމުގެ މަސައްކަތް ކައުންސިލުން ކުރިއަށް ގެންދެވޭތޯ ހިތްވަރު ކުރެވުނު. މިދިޔަ އަހަރުގެ ފިޠުރުޒަކާތް ބެހުމަށް މިނސްޓްރީން އެކުލަވާލެއްވި ލިސްޓަށް މިނސްޓްރީން ކަނޑަ އެޅުއްވި ގޮތަށް ކައުންސިލްގެ އިދާރާއިން ޒަކާތް ބަހަން ފެށުމުން ޒަކާތުން ބައިލިބުމަށް އެދިގެން އައި ފަރާތްތަކުން ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބުދެވޭނެ ގޮތެއް ނެތުމުން މަސްލަހަތު ގެއްލި ޒަކާތް ބެހުން ކުރިއަށް ނުގެންދެވުނު. އަދި މިކަމާއި ގުޅިގެން މިނސްޓްރީގެ ވެރިންނާ މުއާމަލާތުކުރެވި މިނިސްޓްރީން ހަމަޖައްސަވައިގެން ފުލުހުންގެ އެހީތެރކަމާއެކު ޒަކާތް ބަހަން ކުރިމަސައްކަތް ވެސް ވަނީ ނާކާމިޔާބުވެފައި. ” ކައުންސިލުން ބުނީ މިދިޔަ އަހަރުގެ ފިޠުރު ޒަކާތަށް އައްޑޫސިޓީ ހިތަދޫ ރައްޔިތުން ނެރުނު ފައިސާގެ ތެރެއިން 48977.00 ރުފިޔާ ނުބެހި އަދިވެސް ކައުންސިލް އިދާރާގައި އެބަހުރި ކަމަށެވެ. އަދި މިފައިސާ އާއި މެދު އަމަލު ކުރާނެ ގޮތެއް މިހާތަނަށްވެސް މިނިސްޓްރީން ކައުންސިލަށް އަންގަވާފައި ނުވާކަމަށެވެ. “މިކަންކަން މިހެން އޮތުމާއި އެކު މިނސްޓްރީ އޮފް އިސްލާމިކް އެފައާރޒްގެ މަސައްކަތުގެ ތެރޭ ހިމެނޭ ފިޠްރުޒަކާތުގެ ފައިސާ ބަލައިގަތުމާއި، ޒަކާތުގެ ފައިސާ ދޭންޖެހޭ ފަރާތްތައް ކަނޑައަޅައި، އެފަރާތްތަކަށް އެފައިސާ ދިނުމާއި އެކަންކަމާބެހޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމުގެ ދާއިރާއިން އައްޑޫސިޓީގައި ދެއްވަންޖެހޭ ޚިދުމަތްތައް ދެއްވާނީ އައްޑޫސިޓީ ކައުންސިލުން ކަމަށް މިނސްޓްރީން އިއުލާން ކުރެއްވި ނަމަވެސް ފާއިތުވެ ދިޔަ ރޯދަމަހު ފިޠުރުޒަކާތް ބަލައިގަނެ ޒަކާތް ބެހުމަށް މިކައުންސިލުން ކުރިމަސައްކަތް ކުރިއަށް ގެންދެވިފައި ނުވާތީ އާއި މިއަދާއި ހަމައަށްވެސް ކައުންސިލާއި މިނސްޓްރީ އާއި ދެމެދު ގުޅިގެން މަސައްކަތް ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އިންތިޒާމްތައް މިނސްޓްރީން ހަމަޖައްސަވާފައި ނެތުމާއި އެކު މިނސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ގެ ނަމްބަރ (IUL)142-C2/1/2017/62 25 މޭއި 2017 އިއުލާނުގައި ފިތުރު ޒަކާތް އައްޑޫސިޓީގައި ބަލައިގަތުމުގެ އިންތިޒާމް އައްޑޫސިޓީ ކައުންސިލުން ހަމަޖައްސާނެ ކަމަށް ބަޔާން ކުރައްވާފައިވީ ނަމަވެސް އެކަމަކީ މިދެންނެވި ސަބަބުތަކަށްޓަކައި ކުރިއަށްގެންދެވިދާނެ ކަމެއްކަމުގައި އައްޑޫސިޓީ ކައުންސިލް ނުދެކެމެވެ” ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ،