English Edition
Dhivehi Edition

ހިތަދޫ މަލްޓި ސްޓޯރ އަދި މަލްޓި ސުޕަރމާޓް (މަލްޓީ) އިން ރޯދަ އަށް ޚާއްސަކޮށްގެން ގެނެސްފައިވާ މުދަލުގެ އަގު ބޮޑުތަނުން ހެޔޮ ކޮށްފައިވާކަމަށް އެފަރާތުން ބުނެފިއެވެ.

އޭއޯ ނިއުސް އާއި ވާހަކަ ދައްކަމުން މަލްޓީ ގެ މީޑިއާ އޮފިޝަލް ބުނީ ރޯދައަށް ގެނައި ތަކެތީގެ ތެރެއިން ވަކިން ޚާއްސަކޮށް ބިސްފިޔާ އަލުވީގެ ބާވަތްތައް ބަޑުތަނުން އަގު ހެޔޮ ވާނެ ކަމަށާއި އެއީ ބާޒާރުގައި މިހާރު ހުރި އަގުތަކާއި ބަލާއިރު އެންމެ ހެޔޮ އަގުތައް ކަމަށެވެ. މިގޮތުން ރީޓެއިލްކޮށް އަލުވި ކިލޯއެއް 8ރ. އަށް ވިއްކަމުން ދާއިރު، ފިޔާ ކިލޯއެއް ހުރީ 9ރ އަށެވެ. ބިހެއް ވިއްކަން ހުރީ 1.25ރ. އަށެވެ. ފެލިވަރު މަސްދަޅު ކޭހެއް 575ރ. އަށް ހުރި އިރު މާންދޫ މަސް ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ ލިބޭނެ ކަމާއި، މާންދޫ މަސްދަޅު މިފަހަރު ބޮޑުތަން އަގުހެޔޮވާނެ ކަމަށެވެ.

އޮފިޝަލު ހާމަ ކުރިގޮތުގައި، މީގެ އިތުރުން ވެސް ކަރާ، ދޮންކެޔޮ، އޮރެންޖް، ގްރޭޕްސް، މޭވާ އަދި ތަރުކާރީގެ އެހެނިހެން ގިނަ ބާވަތްތައް ވެސް ރަނގަޅު އަގުތަކުގައި ލިބެން ހުންނާނެކަމަށާއި އަދި މިތަކެތީ ގެ ކޮލިޓީ ވެސް އެހެން ފަހަރުތަކަށް ވުރެ ރަނގަޅުވާނެ ކަމަށެވެ.

މަލްޓި އިން ބުނީ ތަކެތި ލިބުމުގައި ކުޑަ ލަސްވުމެއް ހުއްޓަސް، ޖުމްލަކޮށް ރޯދައަށް ބޭނުންވާ މުހިއްމު ހުރިހާ ސްޓޮކެއް މިވަގުތު ގުދަން ކުރެވިފައިވާ ކަމަށާއި، ރާއްޖެއިން ބޭރުން އިމްޕޯޓްކޮށްފައިވާ ބަދިގެ އާއި ގޭތެރެއަށް ބޭނުންވާ ގިނަ ސާމާނު، އަދި ހާޑްވެއަރގެ ގިނަ މުދާ ނެރުމުގެ މަސައްކަތް މިވަގުތު ވެސް ކުރަމުންދާ ކަމަށެވެ. އަދި އެތަކެތި ކުރިއަށް އޮތް ތިން ހަތަރު ދުވަހެއްގެ ތެރޭ ހުރިހާ ތަކެތި ނެރެވޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ.