English Edition
Dhivehi Edition

އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

މިއަދު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގައި ނައްތާލާފައި ވަނީ މިއަހަރުގެ ފެބްރުއަރީ 05 ވަނަ ދުވަހުން ފެށިގެން މާރިޗް 29 ވަނަ ދުވަހުގެ ނިޔަލަށް ކާޑެއްދޫ ޑޮމެސްޓިކް އެއަރޕޯޓަށް ފުރަން ދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ، އެކި ބްރޭންޑްތަކުގެ 51 ބަނގުރާ ފުޅިއާއި 05 ބިޔަރު ދަޅު ކަަމަށް ފުލުހުން ބުނެއެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.

މީގެ އިތުރުން ފުލުހުން ބުނީ ބަނގުރަލާއި މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި މަސްތުވާތަކެތީގެ ތެރެއިން، އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު، ބާކީ ހުންނަ ބަނގުރަލާއި މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލާ ކަމަށެވެ.

ބަނގުރާ ނައްތާލުން ގދ. ތިނަދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.