ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ ޚާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ޚިދުމަތް އަތޮޅުތަަކުގައި ދިރިއުޅުއްވާ ބޭފުޅުންނަށް ފޯރުކޮށްދިނުމަށް ފެށިފައިވާ ޚާއްސަ އައުޓްރީޗް ޕްރޮގްރާމްގެ ތެރެއިން ކަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު، ޑރ. އަޙްމަދު އާޒިމް އަބްދުއްޝުކޫރު ލ. އަތޮޅުގައި ބަލިމީހުން ބައްލަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ކަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރު، ޑރ. އަޙްމަދު އާޒިމް އަބްދުއްޝުކޫރު ލ އަތޮޅުގައި ބަލިމީހުން ބައްލަވާ ގޮތަށް ހަމަޖެހިފައި ވަނީ މިމަހުގެ 20 އަދި 21 ވަނަ ދުވަހުގައެވެ. ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި މި ދެދުވަހު ޑރ. އާޒިމް ބަލިމީހުން ބެއްލެވުމަށް ހަމަޖެހިފައިވާއިރު މިހާރު އެޕޮއިންޓްމެންޓް ހެއްދެވުމަށް ފުރުސަތު ހުޅުވާލެވިފައިވާނެ ކަމަށް ލ. ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަލީ ނަޝީދު މަޢުލޫމާތު ދެއްވައެވެ.
އޭ.އޯ ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އަލީ ވިދާޅުވީ އައުޓްރީޗް ޕްރޮގްރާމްގެ ތެރެއިން ޑރ. އާޒިމް، ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ބަލިމީހުން ބެއްލެވުމުގެ ޚިދުމަތް ދިނުމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލާއެކު މަޝްވަރާކުރެވޭތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި މި ދަތުރަށްފަހު މިގޮތަށް ޑރ. އާޒިމް އެ ހޮސްޕިޓަލުގައި އައުޓްރީޗް ޕްރޮގްރާމްގެ ދަށުން ދެ ހޮސްޕިޓަލް ގުޅިގެން ހަމަޖައްސާ މުއްދަތެއްގައި ބަލިމީހުން ބައްލަަވާގޮތަށް ރޭވިފައިވާ ކަމަށެވެ.
ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ކަށީގެ ޚާއްސަ ޑޮކްޓަރުން މިހާރުވެސް ތިއްބެވި ނަމަވެސް މި ދަތުރަކީ އެ ހޮސްޕިޓަލުގައި އޮތް ބަލިމީހެއްގެ އެދިލެއްވުމުގެ މަތިން ޑރ. އާޒިމް ކަކުލު ހުޅުގެ އޮޕަރޭޝަނެއް ކުރައްވަން ވަޑައިގަންނަވާ ދަތުރެއް ކަމަށް ވެސް އަލީ ވަނީ މަޢުލޫމާތު ދެއްވާފައެވެ. ރާއްޖޭގައި ކަށީގެ ޚިދުމަތް ދިނުމުގައި ގޮންޖެހުންތައް ހުންނަކަން ފާހަގަކުރެވޭއިރު ޚާއްސަކޮށް އަތޮޅުތަކުގައި މިމައްސަލަ އިތުރުކަން ފާހަގަކުރެވެއެވެ.
2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް މޭޖަރ 200 އަށްވުރެ ގިނަ އޮޕަރޭޝަން ކުރައްވާފައިވާ ޑރ. އާޒިމްއަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ލެޓަރޖޭ އޮޕަރޭޝަނެއް ކުރެއްވި ކަށީގެ ޚާއްސަ ޑޮކްޓަރެވެ. ގިނަ އަދަދަކަށް ކޮނޑުހުޅު ނެއްޓިފައިވާ އުމުރުން ދުވަސްވީ މީހުންގެ އޮޕަރޭޝަންތަކާއި އަތުގެ ކަށިގަނޑު ސީދާ ކުރަން ފަދަ އޮޕަރޭޝަންތައް ވެސް ކޮށްފައިވާ ޑރ. އާޒިމް ކައިރިން ފަރުވާ ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބަލިމީހުން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްއަށް އަންނަކަން ފާހަގަކުރެވެއެވެ.