English Edition
Dhivehi Edition

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ހުޅުދޫ މީދޫ ރައްޔަތުންނަށް އަބަދުވެސް ދިމާވެފައިވާ އެންމެ ބޮޑު ތަކުލީފަކީ ހިދުމަތް ލިބިގަތުމަށްޓަކައި ކަނޑު ހުރަސްކޮށް ކުރަންޖެހޭ ދަތުރުތަކެވެ. މީރާ އަށް ދައްކަންޖެހޭ ފީތައް ދެއްކުމުން ފެށިގެން ޕާސްޕޯޓް ހެއްދުމަށްވެސް ގުޅިފައިވާ ރަށްތަކަށް ދާންޖެހުމަކީ ދަތުރުފަތުރުގެ ހިދުމަތައް ލުއެއް ލިބުނުނަމަވެސް ބުރައަކަށްވެފައިވާ ކަމެކެވެ.

އެހެންނަމަވެސް މިހާރު ޕާސްޕޯޓު ހެދުމަށްޓަކައި އުފުލަންޖެހުނު ބުރައަށް ހުޅުދޫގެ އަމިއްލަ ފަރުދަކު މިވަނީ ދެ ރަށުގެ ރައްޔަތުންނަށް ބޮޑު ލުއެއް ހޯދައިދީފައެވެ. ‘އަވިއިން’ ރަށުގައި ތިބެގެން ޕާސްޕޯޓުގެ ހިދުމަތައް އެދުމުގެ ދޮރުހުޅުވައިދިނުމަކީ މި ދެރަށުގެ ރައްޔަތުންނަށްވެސް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ. ޕާސްޕޯޓުގައި ޖަހާ ފޮޓޯ އާއި ޕާސްޕޯޓަށް އެދުމަށް ފުރަންޖެހޭ ފޯމްތައް ފުރުމަކީ އަވިއިން އިން ފޯރުކޮށްދެމުންދާ ހިދުމަތްތަކެވެ. އަވިއިން ގެ ފަރާތުން ވާހަކަދައްކަމުން ޒުހުރީ ބުނެފައިވަނީ މިއީ މާ ބޮޑު ފައިދާއެއް ހޯދުމަށްޓަކައި ކުރާ މަސައްކަތެއް ނޫންކަމުގައެވެ.

“އަސްލު މި މަސައްކަތް ފެށީ ރައްޔަތުންނަށް ފަސޭހަކޮށްދިނުމުގެ ބޭނުމުގައި. ޕާސްޕޯޓަށް ނަގާ އަގުގެ އިތުރުން މި ނަގަނީ ސަތޭކަ ރުފިޔާ. އެއީ ފޮޓޯ ނެގުމަށާއި ހުރިހާ ކަމަކަށް އެއްކޮށް ނަގާ ފީއެއް. “އޭއޯ ނިއުސްއަށް މައުލޫމާތު ދެމުން ޒުހުރީ ބުންޏެވެ.

ޕާސްޕޯޓު ހެދުމުން ހިތަދުއަށް ޕާސްޕޯޓު ނަގަން ދިއުމުގެ ހިދުމަތް ފިޔަވައި އެހެން ހުރިހާ ހިދުމަތެއް އަވިއިން ފޯރުކޮށްދެމުންދާއިރު މި މަސައްކަތާއި މެދު ޒުހުރީ ހުރީ ހިތްހަމަޖެހިފައެވެ.

“އަސްލު މާ ގިނަ ޕާސްޕޯޓުތަކެއް އަދި ނުވެސް ލިބޭ. އެކަމަކު މީހުންނަށް މިކަމުގައި އެހީތެރިވެދެވޭތީ ހިތްހަމަޖެހޭ. ކުރިން މީހުން މިޖެހެނީ ބޮޑު ހަރަދުކޮށްފަ ހިތަދޫއަށް ދާން ޕާސްޕޯޓު ހެދުމަށްޓަކައި. އެހެންދާއިރު ބައެއް ފަހަރު ގެންދާ ފޮޓޯ ކަމު ނުގޮސްގެންވެސް ގިނަ އުދަގޫތަކެއް ދިމާވޭ. އަދި ޕާސްޕޯޓު ނިމުމުން އެ ނަގަން އަނެއްކާ ހިތަދުއަށް ދިއުމަކީވެސް ބޮޑު ހަރަދެއް ހިގާކަމެއް. އެކަމަކު މިހާރު ހަމައެކަނި ހިތަދުއަށް ދާން މިޖެހެނީ ޕާސްޕޯޓު ނިމުމުން ޕާސްޕޯޓާއި ހަވާލުވާން. އެހެން ކަމުން މީ ރައްޔަތުންނަށް، ހަރަދުގެ ގޮތުން ބެލި ނަމަވެސް ލިބިގެންދިޔަ ވަރަށް ބޮޑު ލުއެއް”ޒުހުރީ ބުންޏެވެ.

އަވިއިން ޕާސްޕޯޓު ހެދުމުގެ ހިދުމަތް ހޯދުމަށާއި މިކަމާއި ބެހޭ މައުލޫމާތު ސާފުކުރުމަށްޓަކައި 7932190 އަށް ގުޅުމުން މައުލޫމާތު ލިބިގެންދާނެއެވެ.