English Edition
Dhivehi Edition

ރާއްޖޭގެ އަރަންޏާއި މުޅި އިގްތިސާދު ރަނގަޅުކުރުމަށާއި ދިވެހި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަށް އަބޫދާބީ ފަންޑު ފޮ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ރާއްޖެއަށް 18.4 މިލިއަން ދިރްހަމް (77 މިލިއަން ދިވެހި ރުފިޔާ)ގެ އެހީއެއް ދީފި އެވެ.

ރާއްޖެއަށް ދިން އެ އެހީއާ ގުޅިގެން ރާއްޖެއާއި އޭޑީއެފްޑީއާ ދެމެދު އިއްޔެ ވަނީ އެމްއޯޔޫއެއްގައި ސޮއި ވެސް ކޮށްފަ އެވެ. މި އެއްބަސްވުމުގައި އޭޑީއެފްޑީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ޑރ. ހުސެއިން ނިޔާޒެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަލް ސުވައިދީ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް އިގްތިސާދީ ކަންތައްތައް ކުރިއެރުމަށް އިންފުރާންސްޓުރަކްޗަރު ޕްރޮޖެކްޓުތަކާއި އިގްތިސާދީ މުހިއްމު ކަންކަމަށް އަބޫދާބީ ފަންޑުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމި އޮންނާނެ ކަމަށެވެ.

އަދި މި އެހީއިން ކަށަވަރު ވެގެންދަނީ ތަރައްގީ ވަމުން އަންނަ ގައުމުތަކަށާއި އަދި އިގްތިޞާދަށް އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާ ގައުމުތަކުން އެކަމުން އަރައިގަތުމަށް އަބޫދާބީން ވަމުންދާ އެހީތެރިކަންކަމަށާއި ރާއްޖެއަށް ދިން އެހީއަކީ އެގައުމުގެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށް ދިން އެހީއެއް ކަމަށް އަލް ސުވައިދީ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ އެމްބެސެޑަރު ޑރ. ނިޔާޒު ވަނީ ކުރިއަރަމުން އަންނަ ގައުމުތަކުން ހާސިލްކުރަން ބޭނުންވާ ކަންކަމުގައި ޔޫއޭއީ ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާ ކުރައްވައިފަ އެވެ.