English Edition
Dhivehi Edition

ހިތަދޫ ސްވިމިން ޓްރެކް ކައިރީގައި ސިޓީކައުންސިލުން ބަހައްޓާ ޝަވަރުތަކުގެ މަސައްކަތް މާދަމާ ނިންމާލެވޭނެ ކަމަށް އެމަސައްކަތްކުރާ ފާތުން ބުނެފިއެވެ. އެމަސައްކަތް ކުރުމަށް އައްޑޫސިޓީ ކައުންސިލުން ހަވާލުކޮށްފައިވާ ވަސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބޭފުޅަކު ވިދާޅުވީ ޝަވަރު ހަދައި މިހާރު ނިމިފައިވާ ކަމަށެވެ. ދެންކުރަންޖެހޭ ކަމަކީ ޝަވަރު ހަރުކުރުމުގެ މަސައްކަތެވެ. އެ ސަރަހައްދުގައި ހަދާފައިވަނީ ހަތަރު ޝަވަރެވެ. އެތަނުގައި މާދަމާ ޝަވަރުތައް ހަރުކުރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރ އަބްދުﷲ ތައްޔިބު ވިދާޅުވީ އެ ސަރަހައްދުގައި ޝަވަރު ހަރުކުރަނީ މޫދަށްފޭބުމަށްފަހު ގަޔަށް ފެން އެޅުމުގެ ފަސޭހައަކަށްޓަކައި ކަމަށެވެ. “ބައެއް މީހުންނަކީ ސައިކަލްފަދަ ވެހިކަލް ތަކުގައި މޫދަށްދާމީހުން. ލޮނާއެކު ސައިކަލަށް އެރުމުން ދަބަރުޖެހުންފަދަ މައްސަލަތައް ކުރިމަތިވާނެ. އެހެންވެ ކައުންސިލުން ނިންމީ އެތަނުގައި ޝަވަރުތަކެއް ބަހައްޓަން،” ތައްޔިބު ވިދާޅުވިއެވެ.