English Edition
Dhivehi Edition

ރާއްޖެގައި ބާއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ސައުތު އީސްޓް އޭޝިއާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމުގައި އިންޑިއާގެ ހެލްތު މިނިސްޓަރު ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިޔާގެ ހެލްތް މިނިސްޓަރު ޖަގަތް ޕްރަކާޝް ނައްދާ މިދަތުރުފުޅު ކެންސަލް ކުރެއްވީ ރައީސް އަބްދުﷲ ޔާމިންގެ އަމަލުފުޅުތަކުގެ ސަބަބުން ކަމަށެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވި މިއީ ރައީސް އަބްދުﷲ ޔާމީން އެކަހެރިވެފައިވާ ކަމުގެ އިތުރު ނިޝާނެއްކަމުގައެވެ. ސައުތު އީސްޓް އޭޝިއާގެ ރީޖަނަލް ކޮމެޓީގެ މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި ސެޕްޓެމްބަރު މަހު ޕެރަޑައިސް ރިސޯޓްގައެވެ.

ޗައިނާއާއެކު ރާއްޖެއިން ގުޅުން ބަދަހިކުރާތީ އިންޑިއާއިން ނުރުހުން ފާޅުކޮށްވާހަކަދައްކާފައިވާއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޯދީ 2015 ވަނަ އަހަރު ރާއްޖެއަށް ދަތުރުފުޅެއް ކުރައްވަން ނިންމެވުމަށް ފަހު ވަނީ ކެންސަލް ކުރައްވާފަ އެވެ.

ޑަބްލިއުއެޗްއޯ އިން ދެކުނު އޭޝިއާ ސަރަހައްދުގައި ހިންގާ ހަރަކާތްތަކަށް ކަނޑައަޅާފައިވާ ގުޑްވިލް އެމްބެސެޑަރު އަމީތާބް ބަޗަން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދަތުރުފުޅު ވެސް ކެންސަލް ކުރުމަށް ގޮވާލާ ޝޯޝަލް މީޑިއާގައި އަންނަނީ ކެންޕޭން ކުރަމުންނެވެ.