English Edition
Dhivehi Edition

ބޮލީވުޑްގެ ރާނީގެ ނަމުން މަޝްހޫރުވެފައިވާ ކަންގަނާ ރަނާވަތު އޭނާ ޑައިރެކްޓްކޮށް ޕޮރޮޑިއުސްކުރާ ފުރަތަމަ ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދާކަމަށް ބުނެފިއެވެ. އޭނާގެ އަމިއްލަ ޕްރޮޑެކްޝަންް ހައުސް މަނިކާނިކާ ފިލްމްސް އާއި ތަނޫވެޑްސް މަނޫގެ ޕްރޮޑިއުސާރ ޝެއިލާސް ސިންގް އާއި ގުޅިގެން 2018 ވަނަ އަހަރު ރިލީޒްކުރުމަށްހަމަޖެއްސާފައިވާ ފިލްމް “ތޭޖޫ” ގައި ކަންގަނާ ފެނިގެން ދާނީ އުމުރު އަށްޑިހަ އަހަރުގެ މުސްކުޅި އަންހެނެއްގެ ރޯލުންނެވެ. ފިލްމުގެ މަންޒަރުތައް ހިމާލިޔާގައި ނެގުމަށް ތައްޔާރުވަމުންދާއިރު މި ފިލްމަކީ ކަންގަނާ ދަންނަ އަދި އޭނާ ލޯބިވާއުމުރުން ދުވަސްވީ ކޮންމެ މީހަކަށް ހާއްސަކޮށްފައިވާ ފިލްމެއްކަމަށް އޭނާވަނީ ބުނެފައެވެ. “އަހަރެން ބަލާ ބޮޑުކުރީ އަހަރެންގެ މާމަ އާއި ކާފަ.މިހާރު އަހަރެންގެ މާމައަށްވެސް 80 އަހަރުވެދާނެ. އެހެންކަމުން އަހަންނަށް ވަރަށް ރަގަޅަށް އުމުރުން ދުވަސްވީ މީހުންގެ އިހްސާސްތައް އިގޭ. އަހަރެމެންގެ މުޖްތަމައުން އެމީހުން ބާކީކޮށް ނިކަމެތިކޮށްލުމުން އެމީހުން ހިތުގަ އަޅާ ވޭން އަހަންނަށް ވަރަށް ރަގަޅަށް އެގޭ.” ކަންގަނާ އޭނާގެ ފުރަތަމަ ޑައިރެކްޝަނުގައި އުމުރުންދުވަސް ވީ މީހެއްގެ ރޯލް ކުޅޭ ސަބަބާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ބުންޏެވެ. މިފިލްމާ ބެހޭ ގޮތުން އަދި މިހާތަނަށް މާ ގިނަ ވާހަކައެއް މީޑިއާއި ހިއްސާކޮށްފައި ނެތްނަމަވެސް މި ފިލްމަކީ އިންޑިއާގެ ސަގާފަތާއި ގުދުރަތީ ރީތި މަންޒަރުތަކާއެކު އިބުރަތްތެރި މެސެޖްތަކެއް ބެލުންތެރިންނަށް ލިބިގެންދާނެ ފިލްމެއް ކަމަށް ކަންގަނާވަނީ ބުނެފައެވެ. ކަންގަނާ އޭނާގެ އަމިއްލަ ފިލްމުގެ މަސައްކަތައް ތައްޔާރުވަމުންދާއިރު ޑައިރެކްޓަރު ކޭތަން މެހެތާ ވަނީ “ޖާންސީ ކީ ރާނީ– ދަ ވޮރިއާ ކުއީން” ވަގަށް ކޮޕީކުރުކަމުގެ ތުހުމަތުކޮށް ކަންގަނާ އަށް ކޯޓް ނޯޓިސްއެއް ފޮނުވާފައެވެ.