English Edition
Dhivehi Edition
ފޭދޫ ހިއްކި ބިމުގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޓްވިޓާ

އައްޑޫ ސިޓީ ފޭދޫގެ ހިއްކި ބިމުން ދިރިއުޅުމަށް ގޯތި ދޫކުރުމަށް ނިންމާފައިވާ 500 ގޯތީގެ ބޮޑުމިނަކީ 2،000 އަކަފޫޓު ކަމުގައި ކަނޑައަޅައިފިއެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ކައުންސިލްގެ ރަސްމީ ޖަލްސާގައި އެގޮތަށް ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 05 މެންބަރުންގެ އިއްތިފާޤުންނެވެ.

މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ކައުންސިލުން ވަނީ ފޭދޫން ގޯއްޗަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައި، ގޯތި ޙައްޤުވާ ފަރާތްތަކަށް ގޯތި ދިނުމަށްޓަކައި ފޭދޫ ހިއްކި ބިން ސަރަހައްދުން ދިރިއުޅުމަށް 500 ގޯތި ދޫކުރުމަށް ނިންމައިފައެވެ. ނަމަވެސް އެ ގޯތިތަކުގެ ސައިޒެއް އެ ފަހަރު ކަނޑައަޅައިފައެއް ނުވެއެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި އައްޑޫ ސިޓީ ފޭދޫގެ ވަށައިގެން 64 ހެކްޓަރުގެ ބިމެއް ވަނީ ހިއްކައިފައެވެ. އެގޮތުން ނެދަލޭންޑްސްގެ ވައްނޫރު ޕްރައިވެޓް ލިމިޓެޑާ ހަވަލުކޮށްގެން ކުރިއަށްގެންދިޔަ އެ މަޝްރޫއަކީ، ފޭދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިލަން ހައްލުކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

ފޭދޫން ބިން ހިއްކިތާ މިހާރު ހަތަރު އަހަރު ވެފައިވާއިރު، އެ ބިމުން ދިރިއުޅުމަށް ގޯތި ދޫކުރުން ލަސްވެގެން ދިއުމަކީ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވުޅުން ފާޅުކޮށް، ސަރުކާރަށާއި ކައުންސިލަށް ފާޑުކިޔަމުންދާ ކަމެކެވެ.