English Edition
Dhivehi Edition

މިނިވަން ޗެމްޕިއަން ޝިޕް 2017ގެ ޒޯން 8 ގެ ޗެމްޕިއަންކަން ފޭދޫ ޓީމުން ހޯދައިފިއެވެ. މިއަދު ހަވީރު މީދޫ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗްގައި ހިތަދޫ ޓީމާއި ބައްދަލުކޮށް ފޭދޫ ޓީމު މި މެޗް ކާމިޔާބުކުރީ މެޗްގެ ނަތީޖާ އެއްވަރުވެ ޕެނެލްޓީ ޖަހައިގެންނެވެ. ޕެނެލްޓީ ޖަހައިގެން 5 ލަނޑު 4 ލަނޑުން ފޭދޫ މި މެޗް ކާމިޔާބުކުރިއިރު މީ އެ ޓީމުން މުބާރާތް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. ދެ ޓީމުންވެސް ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެ ޓީމުން ކުރެ ޓީމަކަށްވެސް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ވަރަށް ހަމަހަމަ މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗްގެ ފުރަތަމަ ލަނޑު ދެވަނަ ހާފް ފެށުމާއެކު މެޗްގެ ފަންސާސް ދެވަނަ މިނިޓްގައި ހިތަދޫ ޓީމަށް ކުޅޭ ބޭރު ކުޅުންތެރިޔާ ކްރިސްޓަން އެ ޓީމަށް ކާމިޔާބުކޮށްދިނުމާއެކު މެޗްގެ ފޯރި އިތުރަށް ވަރުގަދަވެގެން ދިޔައެވެ. ދެ ރަށުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ސަޕޯޓާއެކު ކުރިއަށް ދިޔަ މެޗްގައި ހިތަދޫ ޓީމުން ކާމިޔާބުކުރި ލަނޑާއެކު ފޭދޫ ޓީމުން ވަނީ ހިތަދޫ ޓީމަށް އިތުރު ލަނޑެއް ޖެހުނެ ނުދީ ޓީމް ހިފަހައްޓާފައެވެ. މި ގޮތުން މެޗްގެ ފަސްދޮޅަސް ދެވަނަ މިނިޓްގައި ހިތަދޫ ޓީމަށް ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާއަށް ރަތްކާޑު ދެއްކުމާއެކު ހިތަދޫ ބެންޗުން ހިތްހަމަ ނުޖެހުން ފާޅުކޮށް ސަޕޯޓަރުން ދަނޑަށް ވަދެ މެޗްގެ ކުޅުން ހުއްޓާލަން ޖެހުނެވެ. ދެ ޓީމުގެ ކުޅުންތެރިންވެސް އެއް ޓީމު އަނެއް ޓީމަށް ދެމުން ދިޔަ ހަމަލާތައް ހުއްޓުވުމަށްޓަކައި ފުލުހުންނާއި މެޗް އިންތިޒާމް ކުރާ ފަރާތުން ދަނޑު މައްޗަށް އަރާ ޓީމްތައް ކޯންޓްރޯލް ކުރި މަންޒަރުވަނީ ފެނިގެން ގޮސްފައެވެ. ހިތަދޫ ޓީމުގެ ފޯވަޑަށް ދެއްކި ރަތް ކާޑާއެކު ދިހަ ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ ހިތަދޫ ޓީމުން ވަނީ ފޭދޫ ޓީމުން އެ ޓީމުގެ ގޯލަށް ފޮނުވަމުން ދިޔަ ހަމަލާތައް ދިފާއުކޮށް ލަނޑެއް ޖަހާނެ ފުރުސަތު ނުދީ ގިނަ އިރު ހިފަހައްޓާފައެވެ. ރެފްރީގެ ނިންމުންތަކާ މެދު ހިތަދޫ ޓީމް އޮފިޝަލުންނާއި ސަޕޯޓަރުން ހިތްހަމަނުޖެހުން ފާޅުކުރަމުން ދިޔަ އިރު ފޭދޫ ޓީމުން ވަނީ ހިތަދޫ ޓީމުގެ ޑިފެންސް ލައިން ފޫ އަޅުވަލާ ވަރުގަދަ ހަމަލާތައް ފޮނުވާފައެވެ. މެޗްގެ ދެވަނަ ހާފްގައި ފޭދޫ ޓީމުން ގިނަ އިރު ބޯޅަ ގެންގުޅެފައިވާ އިރު މެޗް ގެ ވަގުތު ހަމަވެ ލިބުނު އިތުރު މިނިޓްގައި މެޗް ނިމެން ގާތްވެފައިވަނިކޮށް ފޭދޫ ޓީމުގެ ހަސަން އައްސަދުވަނީ ފޭދޫ ޓީމަށް ގޯލެއް ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ ހަމަހަމަކޮށްލާފައެވެ. މެޗްގެ ވަގުތު ހަމަވިއިރު ދެޓީމަށްވެސް އެއް ލަނޑު އެއް ލަނޑުން އެއްވަރުމުގެ ސަބަބުން ނަތީޖާ ނެރެން ޖެހުނީ ޕެނެލްޓީ ޖަހައިގެންނެވެ. ހިތަދޫ ޓީމުގެ ޕެނެލްޓީ ޖަހާފައިވަނީ ހަސަން މިފްރާހް، މުހައްމަދު ޝުއާއު އާއި މުހައްމަދު އިންޝާލްއެވެ. ފޭދޫ ޓީމުގެ ޕެނެލްޓީތައް ޖަހާފައިވަނީ އަހްމަދު ސައީދު، މުހްތާރް ނަސީރު، ހަސަން އައްސަދު ގެ އިތުރުން އެ ޓީމަށް ކުޅޭ ބޭރުގެ ކުޅުންތެރިޔާއެވެ. ހޯމް އެންޑް އަވާ އުސޫލުން ކުޅޭ މި މުބާރާތުގައި ދެން ބައްދަލުކުރާނީ އައްޑު އަތޮޅުގެ ޗެމްޕިއަން ޓީމާއި ފުއައްމުލަކު ޗެމްޕިއަންކަން ހޯދި ޓީމެވެ. މި މުބާރާތުގެ މެޗެއް ދެން ކުޅުމަށް ހަމަޖެހިފައިވަނީ 20 މެއި ވާ ހޮނިހިރު ދުވަހު ގައެވެ. މި މެޗްގައި ބައްދަލުކުރާނީ ފޭދޫ އެފްސީ އާއި ފުވައްމުލަކު ދޫނޑިގަން ޓީމެވެ.