English Edition
Dhivehi Edition
27 ފެބުރުވަރީ 2020: އައްޑޫ ސިޓީ ކައުންސިލްގެ 2020 ވަނަ އަހަރުގެ 07 ވަނަ ޖަލްސާގެ ތެރެއިން - ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ހިތަދޫން ދިރިއުޅުމަށް ގޯތި ދޫކުރަން އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ކައުންސިލްގެ ރަސްމީ ޖަލްސާގައި މި މައްސަލަ ކައުންސިލަށް ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް އެވެ. އެގޮތުން ޑެޕިއުޓީ މޭޔަރ ހުށަހެޅުއްވީ ކުރީގެ ހޮސްޕިޓަލް ޤާއިމްކުރުމަށް ކަނޑައެޅި ސަރަޙައްދުންނާއި ހިތަދޫ ނާޒުކީހިނގުމުގެ އުތުރުން ނަރުގިސްމަގާއި ދެމެދު ހިތަދޫގެ އެންމެ ހުޅަނގަށް އޮތް ބްލޮކްގެ ފަހަތަށް ގޯދު ދޫނުކޮށް ހުހަށް އޮތް ބިމުން އަދި ދިރިއުޅުމަށް ދޫކުރެވިފައިވާ ބިންތަކުގެ ތެރެއިން އެކިއެކި ސަބަބުތަކަށްޓަކައި ހުސްވެފައިވާ ބިންތައް ދޫކުރުމަށް އިޢުލާން ކުރުމަށެވެ.

އެ މައްސަލައާއި ގުޅިގެން ކައުންސިލުން ނިންމެވީ ހިތަދޫ އިން ގޯއްޗަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައި ގޯތި ހައްޤުވާ ފަރާތްތަކަށް އެ ސަރަޙައްދުތަކުން 1،500 އަކަފޫޓުގެ 300 ގޯތި ދޫކުރުމަށް ފެންނަ ކަމަށެވެ. އެގޮތަށް ފާސްވީ ކައުންސިލްގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހަތަރު މެންބަރުންގެ އިއްތިފާޤުންނެވެ.

ހިތަދޫން ދިރިއުޅުމަށް ބިން ދޫކުރުމަށް ނިންމާފައިވާއިރު، އައްޑޫ ސިޓީ ކައުންސިލުން ވަނީ ފޭދޫގެ ހިއްކި ބިމުންވެސް 500 ގޯތި ދިރިއުޅުމަށް ދޫކުރަން ފާސްކޮށްފައެވެ.